މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި
އިނގިރޭސި އެފްއޭ ކަޕުގެ މުބާރާތުން މިޑްލްސްބަރާ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފިއެވެ.
ހަތަރު ވަނަ ބުރުގައި ހުކުރު ދުވަހުގެ ރޭ މިޑްލްސްބަރާ އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވީ ޕެނެލްޓީ ޖަހައިގެންނެވެ.
އަމިއްލަ ދަނޑުގައި މިޑްލްސްބަރާއާއި ދެކޮޅަށް ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވީ ޕެނަލްޓީގައި 7-8 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ހަމަވިއިރު ވެސް ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެ އެވެ. ދެ ޓީމުންހުރެ ކޮންމެ ޓީމަކުންވެސް އަށް ޕެނަލްޓީ ޖެހިއިރު، މިޑްލްސްބަރާއިން ޖެހި ހުރިހާ ޕެނަލްޓީއެއްވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑު ބަލިވީ އެޓީމު އެންމެ ފަހުން ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. ޔުނައިޓެޑަށް ނާކާމިޔާބު ވީ ޒުވާން ވިންގާ އެންތަނީ އެލަންގާ ޖެހި ޕެނަލްޓީ އެވެ.
ރޭ ކުޅުނު މި ފޯރިގަދަ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ގާފުގެ ކުރީކޮޅު ރަނގަޅަށް ކުޅެ ޔުނައިޓެޑުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް މިޑްލްބަރާގެ ގޯލަށް ފޮނުވާލާފައެވެ. މި ހާފުގައި ޔުނައިޓެޑަށް ވަނީ ލީޑުނަގަން ޕެނަލްޓީއެއްވެސް ލިބިގެން ގޮސްފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ކުރިޔަށް ފޮނުވާލީ އިތުބާތު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. ޔުނައިޓެޑަށް ޕެނަލްޓީ ލިބުނީ ޕޯލް ޕޮގްބާ އަށް ކުރި ފައުލަކަށެވެ.
ޕެނަލްޓީ ނާކާމިޔާބު ވި ނަމަވެސް މެޗުގެ 25 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. ޔުނައިޓެޑަށް މެޗުގެ ލީޑުނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭޑަން ސަންޗޯއެވެ.
ޔުނައިޓެޑުން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި މިޑްލްސްބަރާއިން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިޑްލްސްބަރާ އަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ މެޓް ކްރޫކްސްއެވެ. ނަތިޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު ވެސް 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި އެވެ.
ޕެނަލްޓީގައި މިޑްލްސްބަރާ އިން ޖެހި އަށް ޕެނަލްޓީ ވެސް ވަނީ އެޓީމުންް ކާމިޔާބު ކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޕެޑީ މެކްނެއާ، މާޓިން ޕަޔޭރޯ، ލީ ޕަލްޓިއޭ، ޑައެލް ފްރައި، ވަޓްމޯ، ސޯލް ބަމްބާ، މާކަސް ޓަވެނިއޭ އަދި ޖޯނީ ހައުސަން އެވެ. ޔުނައިޓެޑުން ޖެހި ފުރަތަމަ ހަތް ޕެނަލްޓީ އެޓީމުން ކާމިޔާބު ކުރިއިރު، ޕެނަލްޓީތައް ޖެހީ ޑިއޯގޯ ޑަލޯ، ސްކޮޓް މެކްޓޮމިނޭއި، ފެނާންޑޭސް، ރޮނާލްޑޯ، ފްރެޑް، ހެރީ މެގުއާ އަދި ހުއާން މަޓާ އެވެ. ނަމަވެސް ޔުނައިޓެޑުގެ އަށް ވަނަ ޕެނަލްޓީ އެލަންގާއަތުން ނާކާމިޔާބު ވުމުން ޔުނައިޓެޑް މުބާރާތުން ކެޓީ އެވެ.
ރޭގެ މެޗުން ބަލިވެ އެފްއޭ ކަޕުން ޔުނައިޓެޑު ކެޓިއިރު، އެޓީމު ވަނީ މި ފަހަރު އިނގިރޭސި ލީގު ކަޕުން ވެސް ކަޓާފައެވެ.



