ކޮލަމްމިހާސް

ލަންދޫގެ ޒުވާނުންގެ ލޭނާރު: އެންމެ ބެސްޓް ބަރާބަރު ހަޓް

ނޫނު އަތޮޅު ލަންދޫގެ ޒުވާނުންނަކީ މިއަދު މުޅި ރާއްޖެއަށް ނަމޫނާ ދައްކަމުންދާ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ދިރިހުރި މިސާލެކެވެ. މި ޒުވާނުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ އަސްލަކީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި ގަދަރެވެ. މި ގުޅުން ބަދަހިކޮށް، ޒުވާނުން އެއް ފުރާޅެއްގެ ދަށަށް ޖަމާކޮށްދޭ އެންމެ ވަރުގަދަ ބާރަކީ މީގެ ދިހަ އަހަރު ކުރިން “ބަރާބަރުގޭ”ގައި ވަރަށް އާދައިގެ ގޮތަކަށް ބިނާކުރެވުނު “ބަރާބަރު ހަޓް” އެވެ. އެދުވަހު ކުޑަ ގޮޅިއެއްގެ ގޮތުގައި ފެށުނު މި ބިނާއަކީ މިއަދު ލަންދޫގެ ޒުވާނުންގެ ހުރިހާ ނިންމުންތަކެއް ނިންމާ، އެންމެ އިސް މަރުކަޒު ނުވަތަ ޒުވާނުންގެ “ކިއްލާ” އެވެ.

މިއަހަރަކީ ބަރާބަރު ހަޓްގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ އުފާވެރި އަހަރެކެވެ. މީގެ ދިހަ އަހަރު ކުރިން އިންދި އުންމީދުގެ އޮށް، މިއަދު މިވަނީ ބިޔަ ގަހަކަށްވެ، އޭގެ ހިޔާވަހިކަން މުޅި ރަށަށް ފެތުރިފައެވެ. ފާއިތުވި ދިހަ އަހަރަކީ ގޮންޖެހުންތަކާއި ކާމިޔާބީގެ ފޮނި މީރުކަން އެކުލެވިގެންވީ ދަތުރެކެވެ. މި ފަޚުރުވެރި 10 އަހަރު ފުރޭ މުނާސަބަތުގައި ބަރާބަރު ހަޓުން އަމާޒު ހިފާފައިވަނީ ރަށުގެ ތަރައްގީއާއި ޒުވާނުންގެ ކުރިއެރުމަށް ކުރާ މަސައްކަތްތައް އާ ހަރުފަތަކަށް ގެންދިއުމަށެވެ. ޒުވާނުންގެ ގާބިލިއްޔަތު އިތުރުކުރުމާއި، ރަށުގެ އިޖުތިމާއީ ފޭރާން ބަދަހިކުރުމުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުމަކީ މި ލަނޑުދަނޑީގެ އެންމެ މުހިންމު ބަޔެވެ.

މިއަދު ބަރާބަރު ހަޓަކީ އެންމެ ޒަމާނީ ވަސީލަތްތަކުން މުއްސަނދިވެފައިވާ ތަނެކެވެ. ބޮޑުސިންގާ ޓީވީއާއި އަރާމު ސަރަންފީތަކުން ޒީނަތްތެރިވެފައިވާ މި ހަޓަކީ ހަމައެކަނި މުނިފޫހިފިލުވާ ތަނެއް ނޫނެވެ. މިއީ ލަންދޫގެ ޒުވާނަކަށް ދެރަގޮތެއް ނުވަތަ ދަތިކަމެއް ދިމާވާ ހިނދު، އެހީތެރިކަމުގެ އަތެއް އެންމެ ފުރަތަމަ ދިއްކޮށްލާ “މުއައްސަސާ” އެވެ. މި ހަޓުގެ ހަރަކާތްތައް ބައްޓަންކުރެވިފައިވަނީ ދީނީ އަގުތަކަށް ނުހަނު އިސްކަންދީގެންނެވެ. އެގޮތުން، ކޮންމެ ނަމާދު ވަގުތެއްގައި ހަޓުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލައި، އެއްވެސް މީހަކު އެތަނުގައި މަޑުކުރުމަކީ މަނާކަމެކެވެ. މިއީ ލަންދޫ ޒުވާނުންގެ އަޚުލާގީ މިންގަނޑު ހުރި ނުހަނު މަތިވެރި ހަރުދަނާ ސިފައެކެވެ.

ގުޅުންހުރި ލިޔުންތައް

އިޖުތިމާއީ ގޮތުން ބަލާއިރު، ބަރާބަރު ހަޓަކީ އުފާވެރިކަމާއި އެކުވެރިކަން އާލާކުރާ މައި ހަބެވެ. ވޯލްޑްކަޕް ފަދަ ބޮޑެތި ކުޅިވަރު މުބާރާތްތައް ބަލައި ފޯރިނެގުމުގެ އިތުރުން، އެފަދަ ވަގުތުތަކުގައި ބޭއްވޭ ބޮޑެތި ކެއުންތަކަކީ ޒުވާނުންގެ ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަންކަމެވެ. ރޯދަމަހުގެ ރޯދަކުރުކުރުމުގެ ހަރަކާތްތަކާއި، މުޅި ރަށުގެ ޒުވާނުންނަށް ދައުވަތު ދީގެން ބާއްވާ ބިޔަ ރޯދަވީއްލުމަކީ ބަރާބަރު ހަޓުގެ ފަރާތުން ފާހަގަކޮށްލެވޭ މުހިންމު ކަންކަމެވެ. ހަމައެހެންމެ، ކޮންމެ އަހަރު ދެ އީދުގައި ރަށުގެ ރައްޔިތުންނަށް އައިސްކްރީމް ބެހުމާއި، ތަފާތު ކުޅިވަރުތައް އިންތިޒާމުކުރުމަކީ ރަށުގެ ކުދި ބޮޑު އެންމެންގެ ލޯބި މި ހަޓަށް ލިބިފައިވާ ސަބަބެކެވެ.

ލަންދޫގެ ތިމާވެށި ހިމާޔަތްކުރުމުގައި ބަރާބަރު ހަޓުން އަދާކުރާ ދައުރަކީ ރާއްޖޭގެ އެހެން ރަށްތަކުގެ ޖަމްއިއްޔާ ޖަމާއަތްތަކުން ނަމޫނާ ނަގަންޖެހޭ ފަދަ މަސައްކަތްތަކެކެވެ. ރަށުގެ ހޭޅިފަށުގައި ގިނަ އަދަދެއްގެ ފިތުރޯނު ގަސް އިންދައި ބެލެހެއްޓުމުގެ އިތުރުން، ލަންދޫއަށް ޚާއްޞަވެފައިވާ ކުއްޅަވައް ގަސް އާލާކުރުމުގެ ބިޔަ މަޝްރޫއެއް މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ކުއްޅަވައް ގަސް އިންދައި، އެ ގަސްތައް ހެދޭނުހެދޭ ގޮތް ގަވާއިދުން މޮނީޓަރު ކުރެވެމުންދެއެވެ. މިއީ އަންނަން އޮތް ޖީލުތަކަށްޓަކައި އެ ޒުވާނުން ކުރާ އަގުހުރި އިންވެސްޓްމަންޓެކެވެ.

ރަށުގެ ތަރައްގީއަށް ބަލާއިރު، ބަރާބަރު ހަޓުގެ އިސްނެގުމާއެކު ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ބާބަކިއު ސަރަހައްދަކީ މިއަދު ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނުހަނު މަގުބޫލު ތަނެކެވެ.

މި ހުރިހާ ކަމަކުން ދޭހަވަނީ ލަންދޫ ޒުވާނުންގެ ހަގީގީ ބާރަކީ ބަރާބަރު ހަޓް ކަމެވެ. އެކުވެރިކަމާއި، ދީނީ އަދި އިޖުތިމާއީ ރޫހުގައި މަސައްކަތްކުރާ މި ޒުވާނުންނަކީ މުޅި އަތޮޅަށާއި ރާއްޖެއަށްވެސް ހުރި ފަޚުރެކެވެ. އަދި ލަންދޫގެ “ބަރާބަރު ހަޓް” އަކީ ހަމަ “ބެސްޓް” ކަން މިއަދު މުޅި ރަށް ގަބޫލުކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close