ރިޕޯޓްކޮލަމްމިހާސް

ދަނޑުތައް ވީރާނާވަނީ، ރަށުވަންތަކަން ގެއްލެނީ: ޒުވާނުން ހޭލަންވީ ވަގުތު ޖެހިއްޖެ!

ދުނިޔެ މިއަދު ދެކެމުންދަނީ ހަލުވި ތަރައްޤީއާއި ޒަމާނީ ބަދަލުތަކެކެވެ. ދިވެހިރާއްޖޭގެ ރަށްފުށުގެ ދިރިއުޅުމަށް ވެސް މި ބަދަލުތަކުގެ އަސަރު ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. ނަމަވެސް، މި ތަރައްޤީއާއެކު އަޅުގަނޑުމެންގެ ކިބައިގައި ހުރި ބައެއް ރީތި އާދަކާދަތަކާއި، ރަށު ފެންވަރުގައި ކުރަމުން އައި އިޖުތިމާޢީ މަސައްކަތްތަކަށް ވަނީ ފަނޑުކަމެއް އައިސްފައެވެ. ޚާއްޞަކޮށް، ރަށުގެ ތަރައްޤީގައާއި އިޖުތިމާޢީ ކަންކަމުގައި ޒުވާނުން އަދާކުރަމުންދިޔަ މުހިންމު ދައުރާމެދު މިއަދު ވަނީ ސުވާލު އުފެދިފައެވެ.

އިއްޔެގެ މާޒީ: ޖޯޝާއި ފޯރީގައި ކުރި އިޚުލާޞްތެރި މަސައްކަތް

މީގެ އަހަރުތަކެއް ކުރިއަށް ބަލާލާއިރު، ރަށްރަށުގައި ހިންގޭ ކޮންމެ އިޖުތިމާޢީ ހަރަކާތެއްގެ މައިބަދައަކީ ޒުވާނުންނެވެ. އެ ދުވަސްވަރު މަސައްކަތްތަކުގައި އިރުޝާދު ދޭން ހަރުކުލައިގެ މީހުން ތިބި ނަމަވެސް، އަމަލީ ގޮތުން އަތްގާތްކޮށް މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވީ ޒުވާނުންނެވެ. އެއީ އެއްވެސް އުޖޫރައަކަށް ބެލުމެއް ނެތި، ހަމައެކަނި “ރަށު ލޯބީގައި” ކުރެވުނު މަސައްކަތްތަކެކެވެ.

މިސާލަކަށް ބަލާނަމަ، ބައެއް ރަށްރަށުގެ ބޮޑެތި ސަހަރާތަކުގެ ވަށާފާރު، ތެޅިގަލުން އެންމެ ދުވަހަކުން ހަ ފޫޓަށް ރާނާލުމާއި، އެއްވެސް މެޝިނަރީއެއް ބޭނުން ނުކޮށް އުވަދޯލީގައި ކޮންކްރީޓް ގަށައިގެން ބޮޑެތި ޖެޓީތައް ހެދުމަކީ އެ ދުވަސްވަރުގެ ޒުވާނުންގެ ހިތްވަރާއި ބަދަހިކަން ދައްކުވައިދޭ ނަމޫނާ މަސައްކަތްތަކެވެ. އަދި ރަށުގެ ހިތްފަސޭހަ މައިޒާންތައް ހެދުމާއި، އެ ތަންތަނުގެ އާބާތުރަ ފިލުވައި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ރަށުގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން، އަމިއްލަ އިސްނެގުމުގެ މަތިން ކުރަމުން އައި ކަންކަމެވެ.

ކުޅިވަރުގެ މައިދާނާއި ޒުވާނުންގެ ދައުރު

ޒުވާނުންގެ އެންމެ ބޮޑު މުނިފޫހިފިލުވުމަކީ ފުޓްބޯޅައެވެ. ކުރީގައި ރަށްރަށުގެ ފުޓްބޯޅަ ދަނޑުތަކަކީ ޒުވާނުންގެ އަމިއްލަ ތަންތަނުގެ ގޮތުގައި ދެކިގެން ބަލަހައްޓަމުން އައި ތަންތަނެވެ. ދަނޑުގެ ވިނަ ނޮޅުމާއި، ސާފުކުރުމާއި، މުބާރާތްތަކަށް ތައްޔާރުވުމަށް ދަނޑުފަވާ ބޯޅަގެ ހެދުމަކީ ކުޅުންތެރިން އަމިއްލައަށް ކުރި ކަންކަމެވެ. އޭރުވެސް ރަށު އޮފީސްތައް ހުރެއެވެ. ނަމަވެސް، ކޮންމެ ކަމަކަށް ސަރުކާރުގެ އެހީއަށް ބަލައިގެން ތިބުމުގެ ބަދަލުގައި، ޒުވާނުން މަސައްކަތް ކުރީ އަމިއްލަ ފައިމައްޗަށް ތެދުވެގެންނެވެ.

މިއަދުގެ ހާލަތު: މަސްއޫލިއްޔަތުން ރެކުމާއި ސިޔާސީ އޮއިވަރު

މިއަދު މި މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. ޒުވާނުންނަކީ ހަމައެކަނި “ކުޅެލަންދާ” ބަޔަކަށް ވެއްޖެއެވެ. ދަނޑުގެ ފަސްގަނޑު އެއްވަރުކުރުމާއި، ސާފުކުރުމާއި، ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް ވަނީ ބެލެވިފައެވެ. ރަށުވަންތަކަމާއި ރަށު ލޯބީގެ ބަދަލުގައި މިއަދު ފެންނަނީ ސިޔާސީ ވާދަވެރިކަމެވެ. މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކުން ވެސް ރަށުގެ އަގު ހިފެހެއްޓުމަށްވުރެ ބޮޑަށް ފެންނަނީ ޒާތީ އަދި ސިޔާސީ ފިކުރުތަކަށް ބުރަވާ ތަނެވެ.

ހިތާމައަކީ، ސިޔާސީ އިސް ފަރާތްތަކަކީ ހަމައެކަނި އިންތިޚާބުތަކާ ދިމާކޮށް “ހޮރުހޮރުން ނިކުންނަ” ބަޔަކަށް ވެފައިވާތީއެވެ. ރަށުގެ ކާބަފައިން ބުރަ މަސައްކަތުން ބިނާކުރި ބިނާތައް މިއަދު ދަނީ ވީރާނާވަމުންނެވެ. ސަރުކާރުތަކުން އަޅައިދޭ އެންމެ ޒަމާނީ ފުޓްބޯޅަ ދަނޑުތައް، ބަލަހައްޓާނެ މީހަކު ނެތުމުގެ ސަބަބުން މަދު އަހަރުތަކެއްގެ ތެރޭގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވަނީއެވެ. މިކަމުގެ އިލްޒާމް ކައުންސިލުން ޒުވާނުންގެ ބޮލުގައި އަޅުވާއިރު، ޒުވާނުން މިކަން ކައުންސިލްގެ ބޮލުގައި އަޅުވައެވެ. ނަތީޖާއަކީ އެއް ސަރުކާރުން އަނެއް ސަރުކާރަށް އިނގިލި ދިއްކުރުމެވެ. މި ހުރިހާ ކޯޅުމެއްގެ ތެރެއިން ގެއްލުން މިވަނީ ރަށުގެ ނިކަމެތި ރައްޔިތުންނަށެވެ. ބައެއް ރަށްރަށުގައި ކުޅޭނެ ދަނޑެއް ނެތި 8 އަހަރު ނުވަތަ 10 އަހަރު ހޭދަވެގެން ދިއުމަކީ މި ދެންނެވި ޒިންމާދާރުކަން ކުޑަވުމުގެ ހިތި ނަތީޖާއެވެ.

އަލުން އަމަލީ ސަފަށް ނުކުންނަން ވެއްޖެ

ޒުވާނުންނަކީ ގައުމުގެ މުސްތަޤްބަލެވެ. މިއަދު އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ. އަޅުގަނޑުމެންގެ ކާބަފައިން ރަށަށްޓަކައި ދިން ދަލާއި ލެޔަށް ވީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ކަމެއް ކައުންސިލުން ނުވަތަ ސަރުކާރުން ކޮށްދެންދެން އަތް އުރާލައިގެން ތިބުމަކީ ތަރައްޤީއެއް ނޫނެވެ.

ޙަޤީޤީ ތަރައްޤީއަކީ ރަށުގެ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ޒުވާނުންގެ ބައިވެރިވުން އޮތުމެވެ. ރަށު ލޯބި އިސްކޮށް، ސިޔާސީ ފިކުރުތަކަށްވުރެ އިޖުތިމާޢީ މަޞްލަޙަތު ކުރިއަށް ނެރެން ޖެހެއެވެ. ޒުވާނުންގެ ޒިންމާ ހަމަ އެބައޮތެވެ. އެ ޒިންމާއަކީ ރަށުގެ އާބާދީ ބަދަހިކޮށް، ރަށުގެ ވަސީލަތްތައް ދަމަހައްޓައި، އަންނާން އޮތް ޖީލުތަކަށް ނަމޫނާ ދެއްކުމެވެ. މިއަދު މިކަމަށް އިސްނުނަގައިފިނަމަ، މާދަމާ ހިތާމަކުރަން ޖެހޭނީ ހަމަ އަޅުގަނޑުމެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close