ޚަބަރު

މޭރީ މަރާލުމަށްޓަކައި އިންޖެކްޝަނެއް ޖެހުމަށް މާވިންއަށް ލަމްހާ އިރުޝާދު ދިން: ދައުލަތް


ރާއްޖޭގައި މަރާލި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލުމަށްޓަކައި އިންޖެކްޝަނެއް ޖެހުމަށް މާވިންއަށް ލަމްހާ އިރުޝާދު ދިން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ލަމްހާ އާއި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރު އެ ދެ މީހުން ގުޅިގެން މޭރީ މަރާލި ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ނަރުހުންނެވެ. ދައުލަތުން ތުހުމަތުކުރަނީ ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅި، ކައިވެނިކުރަން ވެގެން މޭރީ މަރާލި ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ދައުލަތުން މިއަދު ބުނިގޮތުގައި މާވިންއާ ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ލަމްހާ އާއި މޭރީއާ ދެމެދު ޒުވާބެއް ކުރިން ހިނގާފައިވެ އެވެ. އަދި މޭރީއަށް ކަމެއްވެއްޖެނަމަ، އެކަން ކުރާނީ ލަމްހާ ކަމަށް މޭރީ މަރުވުމުގެ ކުރިން އޭނާ ބުނެފައިވާ ކަމަށާއި އެކަން ސާބިތުކޮށްދޭނެ ކަމަށް ދައުލަތުން ބުންޏެވެ.

މޭރީ މަރާލި ދުވަހު އެގެއަށް ލަމްހާ ނުދާ ކަމަށް އޭނާ ބުނެފައި ވިޔަސް، ދައުލަތުން ބުނެފައިވާ ގޮތުން އެގެއަށް ލަމްހާ ދިޔަ ކަމަށާއި އަދި އެގެއިން ނިކުންނަމުން ލަމްހާ ދޮރުގައި ހިފީ ވެސް ޓީޝާޓުން އަތްތިލަ ފޮރުވޭ ގޮތަށް ކަމަށް ދައުލަތުން ބުންޏެވެ.

މޭރީ މަރުވިކަން މާ ކުރިން ލަމްހާއަށް އެނގިފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އިތުރަށް ބުނީ މޭރީ މަރާލުމަށްޓަކައި އިންޖެކްޝަނެއް ޖެހުމަށް މާވިންއަށް ލަމްހާ އިރުޝާދު ދިން ކަމަށެވެ. އަދި ލަމްހާ އާއި މާވިން ރާއްޖޭގައި ކައިވެނިކުރަން މަސައްކަތްކޮށްފައިވާ ބުންޏެވެ.

މާވިންއަށް ތުހުމަތުކުރަނީ މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެން އޭނާ މަރާލި ކަމަށެވެ. ދައުލަތުން ބުނިގޮތުގައި މާވިން އެކިފަހަރު ވާހަކަ ދެއްކީ އެކިގޮތަށެވެ. އަދި އޭނާ އަމިއްލައަށް މަރުވީ ކަމަށް ބުނެ އޭނާ ދޮގު ހެދިޔަސް، މޭރީއަކީ އެފަދަ ވިސްނުމެއް ގެންގުޅުނު މީހެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ލަމްހާގެ ވަކީލް ވިދާޅުވީ މޭރީ މަރުވުމުގައި ލަމްހާގެ އެއްވެސް ދައުރެއް ނެތްކަމަށާއި ލަމްހާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށެވެ. އަދި ލަމްހާގެ ގެއިން މަނާ ބޭސްތަކެއް ފެނުނު ކަމަށް ބުންޏަސް، އެކަމާ މި މައްސަލައާ ގުޅުމެއް ނެތްކަން ސާބިތުވާނެ ކަމަށް ވަކީލް ވިދާުޅުވި އެވެ.

މާވިންގެ ވަކީލް ވެސް ވިދާޅުވީ މޭރީގެ މަރުގައި މާވިންގެ އަތެއް ނެތް ކަމަށެވެ. އަދި މޭރީ މަރުވިގޮތާ ބެހޭގޮތުން ދައުލަތުން ވާހަކަ ދައްކަނީ އެކިގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އޮންނާނީ ހެކިބަސް ނެގުމެވެ. ދައުލަތުން ގިނަ ހެކިތަކެއް އެ ދެ މީހުންނާ ދެކޮޅަށް ހުށަހަޅާފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close