ޚަބަރުކުޅިވަރު

24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް، އިޓަލީއަށް ތިންވަނަ ފަހަރަށް ވޯލްޑް ކަޕުގެ ފުރުސަތު ގެއްލިއްޖެ

ކޮސޯވޯ އަތުން 1-0 އިން މޮޅުވެ، 24 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ތުރުކީން މި އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައިފިއެވެ. ތުރުކީން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ވާދަކުރީ 2002 ވަނަ އަހަރުއެވެ.

ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފް ފައިނަލުގައި ރޭ ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗުގައި ތުރުކީ މޮޅުވި ހަމައެކަނި ލަނޑު 53 ވަނަ މިނިޓްގައި ޖަހައިދިނީ މުހައްމަދު ކަރީމް އަކްތުރުކޮގްލޫއެވެ. އިޓަލީގެ ކޯޗު ވިންޗެންޒޯ މޮންޓެލާގެ އިރުޝާދުގެ ދަށުން ތުރުކީން މި ބޮޑު ކާމިޔާބީ ހޯދިއިރު، މިއީ އެ ގައުމުގެ ފުޓްބޯޅައަށް ލިބުނު ވަރަށް ތާރީޚީ ކުރިއެރުމެކެވެ.

ތުރުކީން އުފާފާޅުކުރަމުންދާއިރު، ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އިޓަލީއަށް ވަނީ އަނެއްކާވެސް ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެވެ. ޕްލޭއޮފް ފައިނަލުގައި ބޮސްނިއާ އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން ބަލިވުމާއެކު، އިޓަލީއަށް ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައެވެ. މިއީ ވޯލްޑް ކަޕް ކާމިޔާބުކުރި ގައުމެއް ޖެހިޖެހިގެން ތިން ފަހަރު ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.

އިޓަލީން މެޗުގެ ކުރީކޮޅު މޮއިސް ކީންގެ ލަނޑުން ލީޑު ނެގި ނަމަވެސް، 41 ވަނަ މިނިޓްގައި އަލެސަންޑްރޯ ބަސްޓޯނީއަށް ދެއްކި ރަތް ކާޑާއެކު އެ ޓީމަށް މައްސަލަތައް ކުރިމަތިވިއެވެ. ބޮސްނިއާއިން މެޗުގެ 79 ވަނަ މިނިޓްގައި ނަތީޖާ އެއްވަރުކޮށް، ޕެނަލްޓީގައި ކުރިހޯދައިގެން އެ ގައުމުގެ ތާރީޚުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވިއެވެ.

ޔޫރަޕްގެ ޕްލޭއޮފްގެ އެހެން މެޗުތަކަށް ބަލާއިރު، ޗެކް ރިޕަބްލިކާއި ސްވިޑެން ވެސް ވަނީ ވޯލްޑް ކަޕްގެ ޖާގަތައް ކަށަވަރުކޮށްފައެވެ. ސްވިޑެން މޮޅުވީ ޕޮލެންޑް އަތުން 3-2 އިންނެވެ. އަދި ޗެކް ރިޕަބްލިކުން ޑެންމާކް ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close