ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޤައުމީ ޓީމަށް ކުޅޭ ފަހު މެޗުގައި މިރޭ ފަތިހު ބެނިންއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
ވިހި އަހަރަށްވުރެ ގިނަ ދުވަހު ޤައުމީ ޖާޒީގައި ހޯދި ބޮޑެތި ކާމިޔާބީތަކަށްފަހު، އުމުރުން 39 އަހަރުގެ މެސީ ޤައުމީ ޓީމަށް އަލްވަދާޢު ކިޔާނީ ބުއެނޮސް އައިރިސްގެ މަޝްހޫރު މޮނިއުމެންޓަލް ސްޓޭޑިއަމްގައެވެ.
މި ތާރީޚީ މެޗު ބެލުމަށްޓަކައި 85،000 ސަޕޯޓަރުން ދަނޑަށް ވަންނާނެ ކަމަށް ބެލެވޭއިރު، މެސީއާއެކު 2022 ވަނަ އަހަރުގެ ޤަތަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ގިނަ ކުޅުންތެރިންނާއި ޢާއިލާތަކުންވެސް މި ޚާއްޞަ އިވެންޓުގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި 2024 ވަނަ އަހަރު ޤައުމީ ޓީމުން ރިޓަޔަރވި އެންޖެލް ޑި މާރިއާ ފަދަ ލެޖެންޑުން ހިމެނެއެވެ.
މެސީ ޤައުމީ ޓީމަށް އަލްވަދާޢު ކިޔާއިރު، އޭނާ ވަނީ އާޖެންޓީނާއަށް 2022 ގެ ވޯލްޑް ކަޕާއި، ދެ ފަހަރަށް ކޮޕާ އެމެރިކާ އަދި ފައިނަލިސިމާ ތަށި ހޯދައިދީފައެވެ. އަދި އާޖެންޓީނާގެ ތާރީޚުގައި ވެސް އެންމެ ގިނަ މެޗު ކުޅެ (207 މެޗު)، އެންމެ ގިނަ ލަނޑު ޖަހައި (125 ލަނޑު) އަދި އެންމެ ގިނަ އެސިސްޓް (68 އެސިސްޓް) ހެދި ކުޅުންތެރިޔާގެ ޝަރަފުވެސް އޮތީ އޭނާގެ އަތުގައެވެ.
މިދިޔަ އޮގަސްޓް މަހު ޤައުމީ ޓީމުން ރިޓަޔަރވާނެކަން އިޢުލާނު ކުރަމުން މެސީ ބުނެފައިވަނީ، އޭނާ ޤައުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދީފި ކަމަށާއި، މިހާރު ފުރުޞަތު ދޭންވީ އުފެދެމުން އަންނަ މޮޅެތި ޒުވާން ކުޅުންތެރިންނަށް ކަމަށެވެ. މެސީގެ އިތުރުން ޓީމުގެ ވައިސް ކެޕްޓަން ނިކޮލަސް އޮޓަމެންޑީ (38 އަހަރު) ވެސް މިރޭގެ މެޗަށްފަހު ޤައުމީ ޓީމަށް އަލްވަދާޢު ކިޔާނެއެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފައިވަނީ މިއީ މުޅި ޤައުމަށްވެސް ވަރަށް އަސަރުގަދަ އަދި ހަނދާނުން ނުފޮހެވޭނެ ފަދަ ދުވަހަކަށް ވާނެ ކަމަށެވެ. އަދި މެސީ ފަދަ މޮޅު ކުޅުންތެރިއެއްގެ މަޤާމު ފުރުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް، ޓީމެއްގެ ގޮތުގައި އެކަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
މެސީއަށްފަހު އާޖެންޓީނާގެ ކެޕްޓަން ބޭންޑް ދެން އަޅާނީ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ކަމަށް ބެލެވޭއިރު، މެސީގެ މަޝްހޫރު 10 ނަންބަރު ޖާޒީ ދެން ލިބޭނެ ކުޅުންތެރިޔަކާމެދު އަދި ގޮތެއް ނުނިންމައެވެ. ކޯޗު ސްކަލޯނީ ބުނީ 10 ނަންބަރު ޖާޒީ އެއްވެސް ކުޅުންތެރިއަކަށް ދޭނީ މެސީގެ ފަހު މެޗު ނިމުމުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...