ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓުގެ ވޯޓާ ވިލާއަކުން މޫދަށް ފޭބި ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ ޗައިނާގެ އަންހެނަކާއި ފިރިހެނެކެވެ. މި ދެ މީހުން މޫދުގައި ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގެ އިތުރުން މިއަދުގެ ވަގުތެއްގައި ރާއްޖޭގެ އެހެން ދެ ސަރަހައްދެއްގައިވެސް ވަނީ މަރުގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައިފައެވެ.
އެގޮތުން ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ކޮލަމާފުށީ، އުދަރެސް، އުމުރުން 45 އަހަރުގެ އަހުމަދު މިސްހާގެވެ.
މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން އުދަރެސް ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓި، އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ވަނީ މަރުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...