ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ އާ ރަންވޭ ބޭނުންކުރަން މިއަދު ފަށައިފި އެވެ.
އެކަމަށްޓަކައި ވީއައިއޭގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
މިއަދު އާ ރަންވޭ ހުޅުވުމުގެ ގޮތުން އެ ރަންވޭއަަށް ޖައްސާފައިވަނީ އަބޫދާބީން ރާއްޖެ އައި އެމިރޭޓްސްގެ ބޯޓެކެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު، މިހާތަނަށް ބޭނުން ކުރަމުން އައި ރަންވޭ ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.
ވީއައިއޭގައި މިއަދު ހުޅުވިގެންދިޔަ އާ ރަންވޭއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްގެން ތަރައްޤީކުރި ރަންވޭ އެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅުގައި އެ ރަންވޭ ރަސްމީކޮށް ހުޅުވި ނަމަވެސް އޭރު ބޭނުން ކުރަމުން ދިޔަ ސީޕްލޭން ޓާމިނަލް އިމާރާތް ނުނިމި ލަސްވުމުގެ ސަބަބުން އެ ރަންވޭ ބޭނުންކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިން ބޭނުންކުރަމުން އައި ސީޕްލޭން ޓާމިނަލް ނަގައި މިހާރު ބޭނުންކުރަމުންދަނީ ޒަމާނީ އާ ސީޕްލޭން ޓާމިނަލެކެވެ.
