ޑޮކްޓަރ މުއިއްޒު ރައީސްކަމާއި ޙަވާލުވަޑައިގެން ގައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅަކީ ޢިލްމީ، ގައުމީ ވާހަކަފުޅެއް

އާދަމް އިބްރާހިމް ، ޝޭޑީސައިޑް / ނ.ވެލިދޫ
ރައީސުލް ޖުމްހޫރިއްޔާ ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައީސްކަމާއި ޙަވާލުވަޑައިގެން ގައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅަކީ ޢިލްމީ، ގައުމީ ވާހަކަފުޅެކެވެ. އެވާހަކަފުޅުގެ ބަސްމަގުގައި، އަދި ޚާއްސަކޮށް ދިވެހި ދިދަޔާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގައުމީ ލޯބީގެ ޖަޒުބާތުގެ އަސަރު ވަރަށްބޮޑަށް އެކުލެވިގެންވެއެވެ.
އޭގެ އިތުރުން އެމަނިކުފާނުގެ ބަލާޣާތްތެރި ތަޤްރީރުގައި ދީނީ، އިޖުތިމާޢީ، އިގުތިސާދީ، ވާހަކަފުޅުތަކާއި، އެއްބައިވަންތަކަމާއި، އިސްރައްވެހިންނާއި، ޢިލްމުވެރިންގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާ ފައިވެއެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ މިވާހަކަފުޅުން ދިވެހިރާއްޖެ އެމަނިކުފާނުންގެ ޒަޢާމަތުގައި އޮންނާނެގޮތް ސިފަކޮށްދެއްވީ ތަރައްގީޔާއި، ތަހުޒީބާއި އަދި ތަމައްދުނުގެ ނާރެހެއްގެގޮތުގައެވެ.
އެމަނިކުފާނުގެ ތަޤްރީރު އަޑުއަހަން އަޅުގަނޑު އިންއިރު ތަސައްވަރުވެގެންދިޔައީ ޢައްބާސީ ދައުލަތުގެ ރަން ޒަމާނުގައި އިރާގުގެ ވެރިރަށް ބަޣްދާދުގެ ހަޟާރަތު ކުރިއަރާދިޔަގޮތެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމާއި ހަވާލުވެ ވަޑައިގެން ގައުމާ މުޚާތަބުކުރައްވާ އެ ދެއްކެވި ވާހަކަފުޅު ޔުނިވަރސިޓީތަކާއި، ކޮލެޖް ތަކުން ދިރާސާކޮށް ދިވެހި ދަރިވަރުންގެ ސިނކުޑިތަކަށް އެމަޢުލޫމާތު ގެ އަސަރު ދެމިހުންނަނިވި ގޮތުގައި ފޯރުކޮށްދިނުން ވަރަށް މުހިންމު ކަމުގައި އަޅުގަނޑު ދެކެމެވެ.
އަދި މަދަރުސާތަކުން ވެސް ދަރިވަރުންނަށް ތަޢުލީމާއި، ތަރުބިއްޔަތުދިނުމުގައި ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި ގައުމީ، ދީނީ، އިޖުތިމާޢީ ސިފަތައް އަށަގަންނަވާ، ގައުމު އެދޭފަދަ މުވާތިނުންނަށް ދަރިވަރުން ހެދުން ވަރަށް މުހިންމުކަމުގައިވެސް އަޅުގަނޑު ދެކި އެކަމަށް އިލްތިމާސް ކުރަމެވެ.
ޑރ.މުއިއްޒުގެ ޒަޢާމަތުގައި މި ލޮބުވެތި ވަޠަން އަބަދުގެ އަބަދަށް މިނިވަންކަންމަތީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ލަހައްޓަވާށިއެވެ.

