ޚަބަރު

އިންޑިއާގެ ސިފައިން ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިޔާގެ ކިބައިން މިއަދު އެދިއްޖެ އެވެ.

ދިވެހި ޖުމުހުރިއްޔާގެ 8 ވަނަ ރައީސްގެ ގޮތުގައި ރައީސްކަމުގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގަތީ އެމަނިކުފާނު ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓަރ އޮފް އާތު ސައިންސަސް، ކިރެން ރިޖިޖޫއާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.

އިއްޔެ ވެރިކަމާއި ހަވާލުވެ ލެއްވި ރައީސް ޑރ.މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދަން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހު އިންޑިއާ ސަރުކާރުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެސް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމެވެ.

ދިވެހި ދަޢުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމާއި ހަވާލުވެ ލެއްވި ޑރ. މުއިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ވެރިކަމުގައި އިންޑިއާއި ވެސް އަދި އެހެން ހުރިހާ ގައުމުތަކަކާއި ވެސް ގުޅިގެން މަސައްކަތް ކުރުމުގައި އިސްކުރައްވާނީ “މޯލްޑިވްސް ފަސްޓް” ސިޔާސަތު ކަމަށެވެ.

ގިނަ ބަޔަކު ޤަބޫލް ކުރާގޮތުގައި ރިޔާސީ އިންތިޙާބުގައި ޑރ.މުއިއްޒަށް ދިވެހި ރައްޔިތުންގެ ގިނަބައެއްގެ ތާޢީދު ލިބިވަޑައިގެންނެވީ އެމަނިކުފާނު ގެންގުޅުއްވި މި ސިޔާސަތުގެ ސަބަބުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close