ޚަބަރު

ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމުން ނަޝީދުއާ ދެކޮޅަށް އަޑު އުފުލައިފި


ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ކުރެއްވުމަށް ހުޅުމާލެ ހިޔާ ޕްލެޓް ސަރަހައްދަށް ވަޑައިގަތުމުން ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން ނަޝީދުއާއި ދެކޮޅަށް މުޒާހިރާކޮށް އަޑު އުފުލައިފިއެވެ.

ނަޝީދު މިއަދު ހިޔާ ފްލެޓް ސަރަހައްދަށް ކެމްޕޭން ކުރުމަށް ވަޑައިގަތީ، މިއަދު ހަވީރު 4:00 ގައި އެ ސަރަހައްދުގައި ހަވީރު ސައެއް އޮންނާނެ ކަމަށް އާންމުކޮށް އިއުލާން ކުރުމަށްފަހުއެވެ. ނަޝިދު މި ސަރަހައްދަށް ވަޑައިގަތުމަށް އެމްޑީޕީގެ މެމްބަރުންނަށް ދައުވަތު ދިނުމާއެކު، މި ސަރަހައްދުގައި މުޒާހިރާ ކުރާނެކަން، ކޮމޮނަރސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ނަމުގައި އުފައްދާފައިވާ ހިޔާފްލެޓްގައި ދިރިއުޅެ ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާއިން އިއުލާން ކޮށްފައި ވެއެވެ.

މިގޮތުން މި ޖަމިއްޔާއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެއްކަލަ ކޮތަރު ކޮށި މިއަދު ގަނޑުވަރަކަށް ވެއްޖެ ކަމަށާއި، އެއްކަލަ އަލިފާން ފޮށި މިއަދު ފެންނަނީ ވޯޓު ފޮށީގެ ގޮތުގައި ކަމަށެވެ.

އެއްކަލަ އަގެއްނެތް ނިކަމެތިން މިއަދު އަގުހުރި ރައްޔިޔުންނަށް ވެއްޖެއެވެ. މަޖިލިސް ރައީސްގެ ހައިސިއްޔަތުން ކުލި ފަސްކުރަން އެއްވެސް ކަމެއް ނުކުރިތާ އެކަމާ ބެހޭ ގޮތުން އެދުވަހު އެއްޗެއް ބުނެލާކަށްވެސް ނަޝީދު ބޭނުންފުޅު ނުވިއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުން ތަމްސީލުކުރާ ޖަމިއްޔާއިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

އެއަށްފަހު ނަޝީދު ހަވީރު މިސަރަހައްދަށް ވަޑައިގަތުމާއެކު، މެގަ ފޯނުގެ ބޭނުން ކޮށްގެން ހިޔާ ފްލެޓްގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ނަޝީދާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ. އެފަރާތްތަކުން ގޮވަމުން ދިޔައީ އިއްޔެ ނަޝީދު ވިދާޅުވެފައިވަނީ ތިމަންނާއަކީ ސަރުކާރު ނޫންކަމަށާއި، ކުރެވޭނެ ކަމެއް ނެތްކަމަށް އޭރު ވިދާޅުވިއަސްވެސް މިއަދު މި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ފެނިއްޖެ ކަމުގައެވެ.

ނަޝީދުއާއި ދެކޮޅަށް، މެގަފޯނުގެ ބޭނުންކޮށްގެ ޝުއޫރު ފާޅުކުރަމުން އަޑު އުފުލާފައި ވެއެވެ.

މިއަދު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދެން އަންނަ ވެރިކަމެއްގައި، ކުލި ދެއްކުމަށް ދަތިވެފައިވާ ރައްޔިތުންނަށް ސަރުކާރުން އިނާޔަތް ފޯރުކޮށްދޭނެ ކަމުގައެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ އެމްޑީޕީގެ މެމްބަރުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close