ޚަބަރު

ޔޯގާ ހަރަކާތަށް ހުރަސް އެޅި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ރައީސް


ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިއަދު ހެނދުނު 06:30 ގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ.

މިހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޚުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 6 ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް ތިއްބެވިއެވެ.

އެއްވުމުގެ ބައިވެރިން ވަނީ ދަނޑަށް ވަދެ، އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށް ހަމަލާދީފައެވެ. އަދި ބައެއް މީހުންނަށްވެސް ހަމަލާދީފައިވާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފައިވެއެވެ. ރާއްޖޭގައި ބައިނަލް އަޤުވާމީ ޔޯގާ ދުވަސް 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަކު ދަނީ ފާހަގަ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މިފަދަ އެއްވެސް ހަރަކާތަކަށް މިގޮތަށް ހުރަސް އަޅާފައި ނުވާއިރު، މިއީ ވަކި މަޤުސަދެއްގައި ހިންގި އަމަލެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވަނީ ޔޯގާގެ ހަރަކާތްތަކަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުންދަ ހަރަކާތަކަށްވާއިރު މިއަހަރު އެކަނި މިކަން ގޯސްވާންވީ ސަބަބެއް ނެތްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޔޯގާއަކީ ދީނާއި ޚިލާފް ކަމެއް ނޫންކަމަށާއި އެއީ ކަސްރަތެއް ކަމަށެވެ. މިއީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕެއިނާއި ގުޅިގެން ބަޔަކު ހިންގި ވަރަސް ދަށު ދަރަޖައިގެ އަމަލެއްކަމަށް މިނިސްޓަރ މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close