ޚަބަރު

ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ގާސިމަށް

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ރޭބޭއްވި “މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018” ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ލިބިއްޖެއެވެ.

އެ ޙަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގާސިމް އިބްރާހިމާ ޙަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހްމާން، ނިޝާން އިޒުއްދީނުގެ ވެރިޔާ އައްބާސް އިބްރާހީމެވެ.

ގާސިމް އިބްރާހިމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ފައުންޑަރު އަދި ވިލާ ގްރޫޕްގެ ޗެއަރމަން އަދި މެނޭޖިންގ ޑައިރެކްޓަރެވެ. ގާސިމް އިބްރާހިމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކޮށްދީފައިވާ އަދި މިހާރުވެސް ހިދުމަތްކޮށްދެމުން އަންނަ ފަރާތެކެވެ. ހާއްސަކޮށް ރާއްޖޭގެ އިގްތިސާދު އެކަމެއްގެ މަށްޗަށް ބިނާވެފައިވާ  ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމުގައި ގާސިމް އިބްރާހިމްގެ ހިއްސާ ބޮޑެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއި އިގްތިސާދަށް އަންނަ ބަދަލުގެ އިތުރުން އެހެން ވިޔަފާރިތަކަށް ހިތްވަރުދިނުމަށް، ޕަބްލިކް ރިލޭޝަންސް މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކްއިން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑު އެ ކުންފުނިން ދޭ ފުރަތަމަ އަހަރެވެ.

ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އަދި ދިރާގެވެ. ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓްއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close