މާލޭގެ ދެ ސަރަހައްދެއްގައި އެއްވަގުތެއްގައި އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއެއް ހިނގައިފި

މާލޭގެ ދެ ސަރަހައްދެއް ކަމަށްވާ މާފަންނާއި ގަލޮޅުގައި އެއްވަގުތެއްގައެއްކަހަލަ ގޮތަކަށް އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާއެއް ހިނގައި، ސިފައިންނާއި ފުލުހުން އެ ސަރަހައްދުތަކުގައި ކުއްލި ހާލަތެއްގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މިގޮތުން މާފަންނު މުނިޔާމަގުގައި ހުރި އިމާރާތެއްގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، އެ ތަނުން ބޯދުންތައް އަރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އަލިފާން ރޯވެގެން އުޅެނީ މާފަންނު ޖަންގްޝަން ކައިރީގައި ހުރި އިމާރާތެއްގައެވެ. ނަމަވެސް އެ ސަރަހައްދަކީ މަގުތައް ހަނިވުމުގެ ސަބަބުން ފަޔަރ ލޮރީއަށް ވަދެނިކުމެ ހެދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ތަނެކެވެ.
މި ހާދިސާއާ ދާދި އެއްވަގުތެއްގައި ގަލޮޅު ހަލަވެލި ގޯޅީގައި ހުރި ގެއެއްގައިވެސް ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. އެ ސަރަހައްދުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ދެ ހާދިސާއާ ގުޅިގެން މީހަކަށް އެއްވެސް އަނިޔާއެއްވި ކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމައެއް ނުކުރެއެވެ.
