އިސްލާމިކް މިނިސްޓަރ ޝަޙީމުގެ ފުރަތަމަ ބައްދަލުވުން – މިސްރުގެ ސަފީރާއިއެކު

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ހުވާކުރެއްވުމަށްފަހު އެކުލަވާލި ވަޒީރުންގެ މަޖިލިސްގައި ހިމެނި ވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ޑެޕޮލޮމެޓެއްގެ ގޮތުގައި މިސްރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަލްއުސްތާޒް މާޖިދު މުސްލިހް ހިމެނި ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސައީދުގެ މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިސްލާމިކް މިނިސްޓްރީގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމްގެ އިތުރުން މިނިސްޓްރީގެ އިސްބައެއް ބޭފުޅުންނާއި، މިސްރުގެ މަންދޫބުން ބައިވެރިވަޑައިގެންފައި ވެއެވެ.
ޑރ.ޝަޙީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ މަޤްސަދަކީ އަލްއަޒުހަރު ޔުނިވަސިޓީ އާއި މިސްރުގެ އިސްލާމީ މުއައްސަސާތަކާއި ގުޅުން ބަދަހިކުރެވެން ހުރި ދާއިރާތަކާއި މެދު މަޝްވަރާކުރުމެވެ.
އިސްލާމިކު މިނިސްޓަރ ޑރ. ޝަޙީމް ފޭސްބުކުގައި ކުރެއްވި ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ އެ ބައްދަލުވުމުގައި ތަފްޞީލީ ޕްރެޒެންޓޭޝަނެއްގެ އަލީގައި މިނިސްޓްރީން ކުރަމުންގެންދާ ކަންކަމާއި މިނިސްޓްރީގެ އިސްތިރާތީޖީ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޢުލޫމާތު އެރުވުނު ކަމަށެވެ.
ރޭގެ މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުވާ ކައުންސިލާއި ޤުރުއާނާ ބެހޭ މަރުކަޒު އިލްމީ ގޮތުން ތަރައްޤީކުރުމާއި އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިމާމުން ތަމްރީނު ކުރުމާއި އިމާމުންނަށް ޢަރަބި ބަސް އުނގަންނައިދިނުމާއި ރާއްޖޭގެ މެދުމިންކަމުގެ އިސްލާމީ އުޞޫލުތައް އެގޮތުގައި ދެމެހެއްޓުމަށް އަޒްހަރު ޔުނިވަރސިޓީގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.
ރޭގެ މިބައްދަލުވުމުގެ މަޢުލުމާތު ހިއްސާކުރެއްވުމަށް ޑރ.ޝަޙީމް ލިޔުއްވި ވާހަކަ ކޮޅު ނިންމަވާލައްވާފައިވަނީ މިނިސްޓްރީގެ އެންމެހައި ހުށަހެޅުމެއް ބަލައިގަންނާނެކަމުގެ ޔަޤީންކަން މިޞްރުގެ ސަފީރު ދެއްވާފައިވާކަމަށް ވިދާޅުވުމުގެ އިތުރުން ، ޝައިޚުލްއަޒްހަރު ރާއްޖެ ވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދެ ފަރާތުން ރޭގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ވިދާޅު ވަމުންނެވެ.

