ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގެން ޤާސިމާއި ބައްދަލުކުރައްވައިފި
ރައީސް ނަޝީދު ، ޤާސިމް އިބްރާހިމާއި، ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އދ.މާމިގިއްޔަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގަތީ ވިލާ އެއާރއިން އޮޕަރޭޓުކުރާ ފްލައި މީގެ މަތިންދާ ބޯޓެއްގައެވެ. އެ ގޮތުން ޤާސިމް ވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
މާމިގިއްޔަށް ވަޑައިގެން މާ ގިނަ ވަގުތެއް ނުވަނީސް، ޤާސިމާއެކު ނަޝީދު ވަޑައިގެންނެވީ ސަން އައިލެންޑް ރިސޯޓަށެވެ.
މި ދަތުރުގައި ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފާއި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް ނަޝީދާއި، ޤާސިމްގެ ބައްދަލުވުމާއި ގުޅޭ ގޮތުން ޖޭޕީން އަދި ވަކި އެއްޗެއް ހާަމައެއް ނުކުރެއެވެ.

