ފްރާންސްގެ ބޭބީބިއޯ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތައް ރާއްޖޭގައި ވިއްކުން މަނާކޮށްފި

ފްރާންސްގައި އުފައްދާ “ބޭބީބިއޯ” ގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން “ސެރެއުލައިޑް” ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، އެ އުފެއްދުން ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައެވެ.
އެމްއެފްޑީއޭގެ ބަޔާނުގައިވާ ގޮތުން، ބޭބީބިއޯ ފޯމިއުލާގެ ބައެއް ބެޗުތަކުން ސެރެއުލައިޑް ފެނިފައިވާ ކަމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށާއި، ނައްތާލުމަށް އަންގާފަ އެވެ. މި މައުލޫމާތު ވަނީ ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (ރާސަފް) ގައި އާންމުކޮށްފަ އެވެ. މިއީ އެކުލެވޭ ނުރައްކާތަކުން އާންމުން ސަލާމަތް ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ސެރެއުލައިޑްއަކީ “ބެސިލަސް ސީރިއަސް” ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. އެ މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭނުބައިކޮށް، ހޮޑުލެވުމާއި ބަނޑުގައި ރިއްސުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނިދާނެ ކަމަށް އެމްއެފްޑީއޭ އިން އަންގައިފަ އެވެ. މިކަމުގެ ސަބަބުން ތުއްތު ކުދިންގެ ސިއްހަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވެދާނެ އެވެ.
އެމްއެފްޑީއޭ އިން ބޭނުންކުރުން މަނާކުރި ބޭބީބިއޯ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ: ބޭބީބިއޯ އޮޕްޓިމާ 1 (400 ގްރާމް) ގެ ބެޗު ނަމްބަރު 900932، ބޭބީބިއޯ އޮޕްޓިމާ 1 (800 ގްރާމް) ގެ ބެޗު ނަމްބަރު 894408، ބޭބީބިއޯ އޮޕްޓިމާ 1 (800 ގްރާމް) ގެ ބެޗު ނަމްބަރު 900035 އަދި ބޭބީބިއޯ ކެޕްރީއާ 1 (800 ގްރާމް) ގެ ބެޗު ނަމްބަރު 899014 އެވެ. މި ބެޗު ނަންބަރުތައް ހިމެނޭ ފޯމިއުލާތައް ބޭނުންނުކުރުމަށް ވަނީ އިލްތިމާސްކޮފަ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ބެޗުތަކުގެ ފޯމިއުލާ ރާއްޖޭގެ ބާޒާރަށް ގެނެސްފައިވާތޯ ބެލުމުގެ މަސައްކަތް އެމްއެފްޑީއޭ އިން މިހާރު ދަނީ ކުރަމުންނެވެ. އަދި މިފަދަ އުފެއްދުންތައް ފެނިއްޖެނަމަ އެ އޮތޯރިޓީގެ 7220268 ނަންބަރު ފޯނަށް ގުޅައި، ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އާންމުންނަށް އިލްތިމާސްކުރެ އެވެ.
މިފަދަ ކަމެއް ދިމާވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ވެސް “ކުލޮސްޓްރިޑިއަމް ބޮޓުލިނަމް” ޖަރާސީމުން ތަޣައްޔަރުވެފައިވާތީ “ބައިހާޓް ހޯލް ނިއުޓްރިޝަން” އިންފެންޓް ފޯމިއުލާ ބޭނުންކުރުން އެމްއެފްޑީއޭ އިން ވަނީ މަނާކޮށްފަ އެވެ. މިކަމުން ދައްކުވައިދެނީ ތުއްތު ކުދިންނަށް ހާއްސަކޮށްފައިވާ އުފެއްދުންތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މުހިއްމުކަމެވެ.
