ޗައިނާގެ ސްކޫލެއްގައި ވަޅިން ހަމަލާދީ 8 މީހުން މަރާލައިފި

ޗައިނާގެ އިރުމަތީ ސަރަޙައްދުގައި ހުރި ވޮކޭޝަނަލް ސްކޫލެއްގައި ވަޅިން ދިން ހަމަލާއެއްގައި 8 މީހުން މަރުވެ، 17 މީހުން ޒަޚަމްވެއްޖެއެވެ.
ޗައިނާގެ އިރުމަތީ ސަރަޙައްދުގައި ހުރި ޖިއާންގްސޫގެ ވޮކޭޝަނަލް ސްކޫލެއްގައި ހޮނިހިރު ދުވަހުގެ ރޭ މި ހާދިސާ ހިނގާފައިވަނީ އިކްސިންގ ސިޓީގައި ހުންނަ ވުކްސީ ވޮކޭޝަނަލް އިންސްޓިޓިއުޓް އޮފް އާޓްސް އެންޑް ޓެކްނޮލޮޖީގައެވެ.
މި ހަމަލާދިން ކަމަށް ޝައްކުކުރެވޭ ފަރާތަކީ 21 އަހަރުގެ ޒުވާނެއްކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާގެ ނަމަކަށް ކިޔަނީ ޒޫ އެވެ. ފުލުހުން ބުނާ ގޮތުގައި މި ހަމަލާ ދިނުމަށް އޭނާ މެދުވެރިވި ސަބަބަކީ އިންސްޓިޓިއުޓުން ޑިޕްލޮމާ ހާސިލުކުރުމަށް ބޭނުންވާ އިމްތިހާނުތަކުން ފާސްނުވުމާއި، އިންޓަރންޝިޕްގެ މުސާރައާމެދު ހިތްހަމަނުޖެހުމެވެ. މިހާރު ޒޫ ވަނީ ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަހަރު ޗައިނާގައި މިފަދަ އެތައް ހަމަލާއެއް ދީފައިވެއެވެ. މީގެ ތެރޭގައި ސެޕްޓެމްބަރު މަހު ޗައިނާގެ ދެކުނުގައި އޮންނަ ޝެންޒެންގައި 44 އަހަރުގެ މީހަކު 10 އަހަރުގެ ޖަޕާނު ކުއްޖަކަށް ކަޓަރުން ހަމަލާދިން މައްސަލައާއި، ޖޫން މަހު ޗައިނާގެ އުތުރު އިރުމަތީ ސަރަޙައްދުގައި ހިނގި ހާދިސާއެއްގައި އެމެރިކާގެ ކޮލެޖް 4 އިންސްޓްރަކްޓަރުންނާއި އެއް ޓޫރިސްޓަކަށް ލިބުނު އަނިޔާގެ މައްސަލަ ހިމެނެއެވެ.
ޗައިނާގައި މިފަދަ ހަމަލާތައް އިތުރުވަމުން ދިއުމާ ގުޅިގެން، ސަރުކާރުން ވަނީ ސްކޫލްތަކާއި އާންމު ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ފަށާފައެވެ. 2010 ވަނަ އަހަރުން ފެށިގެން ޗައިނާގައި ހިނގާފައިވާ މިފަދަ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުކުރެވިފައިވަނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. މި ހާދިސާތަކާ ގުޅިގެން، ޗައިނާގެ ސަރުކާރުން ވަނީ ހަތިޔާރު ގެންގުޅުމާ ބެހޭ ޤާނޫނުތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.


