ރިޕޯޓް

އަލަށް ފެނުނު، ޕްލާސްޓިކް ކާ ބެކްޓީރިއާ މެދުވެރިކޮށް ފެންފަށަލަތައް ސަލާމަތް ކުރެވިދާނެ: ދިރާސާ

އަލަށް ފެނުނު، ޕްލާސްޓިކް ކާ ބެކްޓީރިއާ މެދުވެރިކޮށް )ޕްލާސްޓިކް ސަބަބުން ތަޣައްޔަރުވަމުންދާ( ފެންފަށަލަތައް ސަލާމަތް ކުރެވިދާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.  

ކެމްބްރިޖް ޔުނިވާސިޓީގެ ރިސާޗަރުންގެ ޓީމަކުން ވަނީ ޔޫރަޕްގެ 29 ލޭކެއްގައި ގުދުރަތީ ގޮތުން ބޮޑުވަމުން އަންނަ، ޕްލާސްޓިކް ކާ ބެކްޓީރިއާގެ ބާވަތެއް ހުރިކަން ދެނެގަނެފަ އެވެ. ބެކްޓީރިއާއަކީ ވެއްޓޭ ގަސްގަހާގެހީގެ ބައިތަކާއި މަރުވެފައިވާ ޖަނަވާރުތައް ފަދަ އޯގަނިކް މާއްދާތައް ކެއުމުގައި ބޭނުންކުރާ އެއްޗެއްކަން އެނގޭއިރު، ބެކްޓީރިއާތައް އާލާވެ އިތުރުވަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށް ވެ އެވެ. ޝައްކެއްވެސް ނެތް ގޮތުގައި، ދިރާސާކުރާ ފަރާތްތަކުން އަލަށް ހޯދާފައިވާ ޕްލާސްޓިކް ކާ މައިކްރޯބްތައް، ފެންގަނޑުތަކުގައި ކުނީގެ ގޮތުގައި އުކާލާފައި ހުންނަ ޕްލާސްޓިކް ކޮތަޅުތަކުގެ ބައިތަކާއި، އެހެނިހެންވެސް ޕްލާސްޓިކްގެ ބައިތައް އެ ސޮރުގެ ކެއުމުގައި ބޭނުންކުރުމުން ވަރަށް ބާރު ހަލުވިމިނެއްގައި އެ ފަދަ ބެކްޓީރިއާތައް އަންނަނީ އާލާވެ އިތުރުވަމުންނެވެ.

ޕްލާސްޓިކް ޕޮލިއުޝަން އިތުރުވެފައި މިވަނީ، މިހާރު އަޅުގަނޑުމެންނަށް އަންދާޒާވެސް ކޮށްލަން އުނދަގޫ މިންވަރަކަށެވެ. އޭގެ ސަބަބުން އަންދާޒާއަކުން ދައްކާ ގޮތުގައި އަހަރެއްގެ މައްޗަށް މިލިއަނަކަށް ވުރެ ގިނަ މަސްމަހާމެއްސާއި، ކަނޑުގެ ދިރުންތައް މަރުވެއެވެ. އަދި ހަމައެކަނި ޕްލާސްޓިކް ކުނީގެ ސަބަބުން ތަޣައްޔަރުވަނީ ހަމައެކަނި ކަނޑުތަކަށް އެކަންޏެއް ނޫނެވެ. ދިރާސާއަކުން ހާމަވާ ގޮތުގައި ޕްލާސްޓިކް ކުނީގެ ސަބަބުން މީރު ފެނުގެ ލޭކްތަކުގައި ހުންނަ ފެނުގެ ކޮލިޓީއަށް ވަރަށް ބޮޑަށް އަސަރުކުރެ އެވެ. މިއީ އަހަރެމެންގެ ބޯފެނުގެ ވަރަށް ބޮޑު ވަސީލަތެކެވެ.

ތަޣައްޔަރުވެފައިވާ މި ލޭކްތަކުގެ ތެރެއިން، ވިހަ މައިކްރޯޕްލާސްޓިކްތައް، އަޅުގަނޑުމެން ބޯ ފެނާއި ކާބޯތަކެތީގެ ތެރެއަށް ދަނީ ދަތުރުކުރަމުންނެވެ. ޕްލާސްޓިކް ޕޮލިއުޝަން އިން ސަލާމަތްވުމަށް އެހީތެރިވެދޭނެ ހައްލެއް އިންސާނިއްޔަތަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އިރު، މި ގޮންޖެހުންބޮޑު ދުވަސްވަރު، ޕްލާސްޓިކް ކާ ބެކްޓީރިއާތަކެއް ދިރާސާވެރިންނަށް ފެނުމަކީ އުންމީދުގެ އަލިގަދަ ދަންމަރެއް ފަދަ ކަމެކެވެ.

ކެމްބްރިޖްގެ ރިސާޗަރުން ވިދާޅުވާ ގޮތުގައި މި ބެކްޓީރިއާތަކަކީ ގުދުރަތީ ގޮތުން ފެނުގެ ސަތަހައިން ޕްލާސްޓިކް ޕޮލިއުޝަން ނައްތާލުމުގެ ބާރު ލިބިފައިވާ ބެކްޓީރިއާއެކެވެ. ހަމައެކަނި އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، ޕްލާސްޓިކުން ފުރި ތަޣައްޔަރު ވެފައިވާ ކަނޑުގެ މާޙައުލުތަކަށް އެތަކެތި ތަޢާރުފުކުރުމެވެ. ނުވަތަ އެފަދަ މާހައުލުތަކުގައި އެފަދަ ބެކްޓީރިއާތައް އާލާކުރުމެވެ.

ކޯރުތަކާއި، ލޭކްތަކާއި، ކަނޑުތަކުގައި ޕްލާސްޓިކް ތަޣައްޔަރުވުމުގެ މިންވަރު މަތިވުމުގެ ސަބަބުން ބައެއް މައިކްރޯބްތަކުގެ ކާނާ އާއި، ކެއުމުގެ އާދަތަކަށް ބޮޑު ބަދަލެއް ގެނައުމަކީ އެކަށީގެންވާ ކަމެކެވެ. ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އަލަށް ފެނުނު މި ބެކްޓީރިއާތައް ލޭކްތަކުގައި ހުންނަ އެހެން ކޮމްޕްލެކްސް އޯގަނިކް މާއްދާތައް ކެއުމަށްވުރެ އެތަކެތީގެ ކާނާއަކަށް ޕްލާސްޓިކް ބޭނުންކުރަން ފަސޭހަވެދާނެ އެވެ. މިހެންވުމުން މި ބެކްޓީރިއާތައް، އާންމުކޮށް މިހުންނަ ގުދުރަތީ ކުނިބުނިތަކަށް ވުރެ ޕްލާސްޓިކް ކުނިބުނިކެއުމުގެ ސަބަބުން މާ ބާރަށް ހެދިބޮޑުވުން ދައްކުވައިދޭ ކަމަށް ވެދާނެ އެވެ.

Source: CDC/Unsplash

މި ދިރާސާގައި ދިރާސާކުރި ފަރާތްތަކުން ވަނީ ބެކްޓީރިއާތަކަށް ފަސޭހައިން ލިބެން ހުންނަ ގުދުރަތީ ތަކެތި (ޕްލާންޓް ލީވްސް ފަދަ) ލޭކްތަކުގައި ކެއުމުގެ އިހްތިޔާރު އޮތް އިރުވެސް، ޕްލާސްޓިކް ކުނި ބުނި ން ލިބޭ ކާބަން ކޮމްޕައުންޑްތައް ކެއުމަށް އިސްކަންދޭކަން ފާހަގަކޮށްފަ އެވެ. ޝައުޤުވެރިވާ ކަމަކީ، ލޭކެއްގެ ކާބަން ލެވެލް (ޕްލާސްޓިކް ކުނި ގިނަވުމުގެ ސަބަބުން އުފެދޭ) ހަތަރު ޕަސެންޓް ގެ ކުރިއެރުމެއް ގެ ސަބަބުން ބެކްޓީރިއާގެ އާބާދީ 200 ޕަސެންޓް އިތުރުވެގެން ދިޔަ ކަމެވެ. މީގެ އިތުރުން ގަވާއިދުން ޕްލާސްޓިކް ބޭނުންކުރާ ބެކްޓީރިއާތައް ބާރުގަދަވެގެން ދިޔައީ އެހެން ބާވަތްތަކުގެ ކޮމްޕްލެކްސް އޯގަނިކް މާއްދާތައް ފުނޑުފުނޑުކޮށްލާ ފަދަ ބާރުގަދަ ބެކްޓީރިއާއަތަކެވެ.

މި ބަދަލުތައް އިތުރަށް ބަޔާންކޮށްދެއްވަމުން ކެމްބްރިޖް ޔުނިވާސިޓީގެ ސީނިއާ ރިސާޗަރ އަދި ހެޑް އޮފް އީކޯސިސްޓަމްސް އެންޑް ގްލޯބަލް ޗޭންޖް ގްރޫޕް ޑރ އެންޑްރޫ ޓެނަންޓްޒަޕް ލިޔުއްވާފައިވާ ގޮތުގައި “ޕްލާސްޓިކް ޕޮލިއުޝަންގެ ސަބަބުން ބެކްޓީރިއާގެ ކާނާ ދަނީ ފަސޭހަކަމާއި އެކު އިތުރަށް ލިބެމުންނެވެ. ބެކްޓީރިއާ ތައް ކާނާގެ ގޮތުގައި ޕްލާސްޓިކް ބޭނުން ކުރަނީ އެއީ ވަރަށް ފަސޭހައިން ލިބޭ އެއްޗަކަށް ވާތީއެވެ.  ލޭކްގައި ހުންނަ ނެޗުރަލް އޯގަނިކް މެޓާތައް ހޯދައިގެން ކެއުމަށް ބެކްޓީރިއާތަކަށް މާބޮޑަށްވެސް އުނދަގޫވާނެތީއެވެ. ރިސާޗަރ ލިޔުއްވާފައިވެއެވެ.  

ދިރާސާކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި އަލަށް ފެނުނު ބެކްޓީރިއާގެ ކެއުމުގެ އާދަތަކަށް އަންނަ ބަދަލުތައް އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އިތުރު ބެކްޓީރިއަލް ބާވަތްތައް ހުންނަ ލޭކްތަކުގަ އެވެ. އެހެންވެ ޕްލާސްޓިކް ކުނި ބުނި ގެ ބްރޭކްޑައުން ވެގެން ދިޔައީ ބެކްޓީރިއަލް ބާވަތްތަކުގެ އިތުރު ތަފާތުކަމެއް ހުރި ލޭކްތަކުގައި މާ ހަލުވިކޮށް އަދި މާ ރަނގަޅު ކޮށެވެ. “މިކަމުން އަންގައިދެނީ ޕްލާސްޓިކް ޕޮލިއުޝަންގެ ސަބަބުން ލޭކްތަކުގައި ހުންނަ މުޅި ފުޑް ވެބް ސްޓިމިއުލޭޓް ކޮށްދޭކަމެވެ. ޕްރޮފެސާ ޓެނަންޓްޒަޕް ވިދާޅުވި އެވެ.

ޕްލާސްޓިކް ތަޣައްޔަރުވެފައިވާ ފެނުގައި ބެކްޓީރިއާ ގެ މިންވަރު އިތުރުވާކަން ސައިންސްވެރިން ކަށަވަރުކުރީ ކިހިނެތް؟

Source: Brian Yurasits/Unsplash

ޕްލާސްޓިކް ތަޣައްޔަރުވެފައިވާ ފެނުގައި ބެކްޓީރިއާ ގެ މިންވަރު ރަނގަޅުވުމާއި ގުޅުން ހުރި ހޯދުންތައް ކަށަވަރު ކުރުމަށް މި ދިރާސާކުރި ފަރާތްތަކުން ވަނީ ޝައުޤުވެރި އެކްސްޕެރިމެންޓެއް ކޮށްފައެވެ. އެމީހުން ޕްލާސްޓިކް ކޮތަޅު ގަނެ، ކާބަން ކޮމްޕައުންޑްތައް ޑިސްޗާޖް ކުރަން ފެށުމާ ހަމައަށް އެ ކޮތަޅުތައް ފެނުގައި ގިރާލި އެވެ. އެމީހުން އެއްކުރީ ޕްލާސްޓިކް ބޭނުންކޮށްގެން އުފައްދާ ކާބަން ކޮމްޕްލެކްސްތައް ހިމެނޭ ފެނުގައެވެ. 

ދެން އެ 29 ލޭކްގެ ތެރެއިން ކޮންމެ ލޭކެއްގެ ފެނުގެ ސާމްޕަލް (ބައެއް ބެކްޓީރިއާއާ އެކު) ވަކި ބިއްލޫރި ފުޅިތަކަކަށް އޮއްސާލީ އެވެ. ދެން އޮތް ފިޔަވަޅަކީ، ބާކީ ހުރި ލޭކް ވޯޓާ ސާމްޕަލްތަކުގައި ބިއްލޫރި ފުޅިތަކުގެ ދެބައިކުޅަ އެއްބަޔަށް ޑީސްޓިލްކޮށްފައިވާ ފެނުގެ ކުޑަ މިންވަރެއް އިތުރުކޮށް، ޕްލާސްޓިކް ކޮތަޅު ފެނުގެ މިކްސްޑް ހަމަހަމަ ބައިތަކެއް އެއްކޮށްގެން ފެން ފޮދެއް ވެސް، ދިރާސާކުރި ޓީމުން ވަނީ އިތުރުކޮށްފަ އެވެ. 72 ގަޑިއިރުގެ ތެރޭގައި ބެކްޓީރިއާގެ އާބާދީ ދެގުނައަށް އިތުރުވެ، ޕްލާސްޓިކް ކުނިބުނި އަދި ބެކްޓީރިއާ އުފެދުމާ އި ހުރި ގުޅުން ސާބިތުކޮށްދެ އެވެ. 

 

ދާދި ފަހުން ކުއީންސްލޭންޑް ޔުނިވާސިޓީގެ ރިސާޗަރުންގެ ޓީމަކުން ވެސް ވަނީ ޕޮލިސްޓައިރީން ކެއުމަށް ބޭނުންކުރާ ވޯމްތައް ހޯދާފަ އެވެ. މިހާރު، ވާހަކަ ދެކެވިފައިވާ ލޭކް ބެކްޓީރިއާގެ ސިފައިގައި، ޕްލާސްޓިކް ކުނީގެ މައްސަލައަށް އިތުރު އުންމީދީ ހައްލެއް އަޅުގަނޑުމެން ނަށް ވަނީ ފެނިފަ އެވެ. އަޅުގަނޑުމެންގެ ފެނުގެ ފަށަލައިގައި ޕްލާސްޓިކް ކާ ބެކްޓީރިއާތައް އުފެދުމަށް ބާރުއަޅައި، އަޅުގަނޑުމެންގެ ކަނޑުގެ މާހައުލުން ޕްލާސްޓިކް މަދުކުރެވިދާނެއެވެ.

މިއީ މޮޅު ދިރާސާއެއް ނަމަވެސް، މިފަދަ ހޯދުންތަކަކީ އިތުރު ޕްލާސްޓިކް ކުނި އުފެއްދުމަށް ބާރުއަޅާފަދަ ހޯދުންތަކެއް ކަމަށް ވެގެން ނުވާނެ ކަމަށް ސައިންސްވެރިން އިންޒާރު ދެއެވެ.

މި ދިރާސާ ޝާއިއުކޮށްފައި ވަނީ ނޭޗާ ކޮމިއުނިކޭޝަންސް ޖާނަލްގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close