“ފިޝް ބައުލް ޑިޝްކަޝަން” އެސެސްމަންޓް ފޯ ލާރނިންގ ގެ ސްޓްރެޓެޖީއެއް
ފޯރމެޓިވް އެސެސްމަންޓް ނުވަތަ އެސެސްމަންޓް ފޯ ލާރނިންގ ގެ ވަރަށް ބައިވަރު އުގެނުމުގެ “ސްޓްރެޓެޖީތައް” ހުރެއެވެ. މިގޮތުން ތަފާތު ވައްތަރުގެ “ޑިސްކަޝަން ސްޓްރެޓެޖީ” ތައް ހިމެނެއެވެ.
މި ބާވަތުގެ “ޑިސްކަޝަންސް” ތަކަކީ ވަރަށް ބޭނުންތެރި ސްޓްރެޓެޖީ ތަކެކެވެ. ހާއްސަކޮށް މަންހަޖުގައި ހިމެނޭ ހާސިލްވާން ޖެހޭ މިންވަރު ( އައުޓްކަމްސް) ގައި “ޑިސްކަޝަން” ނުވަތަ މަޝްވަރާކުރުން ވަރަށް ގިނައެވެ. މަންހަޖު ތަންފީޒުކުރުމުގައި މުދައްރިސުން އަބަދުވެސް މަޝްވަރާތައް (ޑިސްކަޝަންސް) ކުލާހުގައި ގެންދާނެއެވެ. މިހަރަކާތަކީ ދަރިވަރުންނަށް ވަރަށް ގިނަ ފައިދާ ތަކެއް ލިބޭ ދަރިވަރުން ވަރަށް ގަޔާވާނެ ކަމެކެވެ. މިގޮތުން މިބަލާލަނީ ” ފިޝް ބައުލް ޑިޝްކަޝަން” އަށެވެ.

” ފިޝް ބައުލް ޑިޝްކަޝަން”

މި “ޑިސްކަޝަން ސްޓްރެޓެޖީ” އަކީ “ކޯޕަރޭޓިވް ލާރނިންގ”ނުވަތަ ދަރިވަރުން ގުޅިގެން އުގެނުމަށް ފަހި ހަރަކާތެކެވެ. ދަރިވަރުން ޝައުޤުވެރި ކުރުމަށްޓަކައި މުދައްރިސުންނަށް މިހަރަކާތް ކުރިއަށް ގެންދެވިދާނެއެވެ. މިހަރަކާތަކީ ވަރަށް މަދު ކުދިން ނުވަތަ ގިނަ ކުދިން ހިމެނޭ ބޮޑުޤްރޫޕެއްގައި ވެސް ކުރެވިދާނެ ކަމެކެވެ. މިގޮތަށް ފިލާވަޅު ރޭވުމުގެ ގޮތުން ސުރުހީއެއް ނެގުމަށްފަހު މުދައްރިސް ރަގަޅަށް ތައްޔާރު ވާންވާނެއެވެ. އަދި ދަރިވަރުންނަށް މި މަޝްވަރާކުރުމުގެ މައުލޫމާތު ރަގަޅަށް އޮޅުން ފިލުވައިދޭން ވާނެއެވެ. މިގޮތަށް މަޝްވަރާ ކުރާއިރު “މޮޑަރޭޓަރ” އެއް ބޭނުންވާނެއެވެ. ދަރިވަރުންނަށް ވެސް މޮޑަރޭޓަރގެ ބައި އަދާ ކުރެވިދާނެއެވެ.
މިކަހަލަ މަޝްވަރާ ކުރުމުގެ ފިލާވަޅުތަކުގައި ދަރިވަރުންނަށް ވެސް ތައްޔާރުވާން ފުރުސަތު ދޭންވާނެއެވެ. މިގޮތަށް ކުރީބައިގައި ވާހަކަ ދައްކަންވީ ނުކުތާތަކާއި ސުވާލުތައް ދަރިވަރުންނާއި ހަވާލުކުރެވިދާނެއެވެ. ނުވަތަ ކާޑުތަކެއްގައި މަޝްވަރާކުރަންވީ ނުކުތާތައް ލިޔެފައި ދަރިވަރުންނާއި ހަވާލުވެސް ކުރެވިދާނެއެވެ. މަޝްވަރާކުރާ ސުރުހީއަށް މައުލޫމާތު ހޯދަން ތަފާތު ވަސީލަތްތައް ވެސް ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް މައުލޫމާތުލިބޭފޮތް ، ތަފާތު ނޫސްތަކާއި އިންޓަރނެޓް ވެސް ބޭނުންކުރެވިދާނެއެވެ. ތައްޔާރުވުމުގެ ގޮތުން އެމާއްދާގެ ގަޑީގައި ދަރިވަރުން ތައްޔާރު ވާން ވަގުތު ދެވިދާނެއެވެ.
މިހަރަކާތައް ތައްޔާރުވާން އެންމެ ފުރަތަމަ ކުލާސް ދެބައަކަށް ނުވަތަ ދެ ގްރޫޕަކަށް ބަހާލާނީއެވެ. މިސާލަކަށް 6 ދަރިވަރުންނާއި 12 ދަރިވަރުންނާއި ދޭތެރޭ އަދަދުގެ ގްރޫޕްވެސް ހެދިދާނެއެވެ. ކުލާހުގައި ޖާގަ ހުރިވަރަކަށް ގޮނޑި އަތުރާލާފައި ތައްޔާރު ކުރާނީ ވަށްބުރެއްގައި ތިބޭ ގޮތަށެވެ. މިގޮތުން ދަރިވަރުން ތިބޭނީ ދެ ވަށްބުރުގައެވެ. އެއްގުރޫޕް އެތެރޭ ބުރުގައި އަދި އަނެއް ގްރޫޕް ބޭރު ބުރުގައެވެ.

އެތެރޭ ބުރުގައި
މަޝްވަރާ ކުރިއަށް ގެންދިއުމުގެ ގޮތުން މުދައްރިސަށް ސުވާލެއް އެތެރޭ ބުރުގައި ތިބި ދަރިވަރުންނާއި ކުރެވިދާނެއެވެ. ކޮންމެވެސް އެއް ދަރިވަރަކު “މޮޑަރޭޓަރ” ނުވަތަ ” ސްޕީކަރ” އެއްގެ ބައި އަދާކުރަން ވާނެއެވެ. މީނައަކީ އެ ގްރޫޕްގެ މަޝްވަރާ ކުރުން ކޮންޓްރޯލްކޮށް ކުރިއަށް ގެންދާ ފަރާތެވެ. ގްރޫޕުގެ ދަރިވަރުންނަށް ސްޕީކަރ އާއި އެއްބަސް ވުމުގެ ގޮތުން ހިޔާލު ހުށަހެޅިދާނެއެވެ. އަދި މަޝްވަރާ ކުރިއަށް ގެންދިއުމުގެ ގޮތުން އެހިޔާލަށް އިތުރަށް ބައިތައް އެއްކުރެވިދާނެއެވެ. ނުވަތަ އެހިޔާލާއި އެއްބަސް ނުވާނަމަ އެއީ ކީއްވެގެންކަން ހުށަހެޅިދާނެއެވެ. ނަމަވެސް ސްޕީކަރ ވަހަކަ ދައްކަމުން ދާއިރު ވިއަސް އަދި އެއްވެސް ދަރިވަރެއް ވާހަކަ ދައްކާއިރު އަނެއް ދަރިވަރަކު ހުރަސް އަޅައި މެދުކަޑައިގެން ނުވާނެއެވެ. ކޮންމެ ދަރިވަރަކަށްވެސް ލިބޭނީ އެއްފުރުސަތެވެ. ދެވަނަ ފުރުސަތު ލިބޭނީ ގްރޫޕްގެ ހުރިހާ ދަރިވަރުން ބައިވެރިވެ ވާހަކަ ދައްކައި ނިމުނީމައެވެ. ނުވަތަ އަނެއް ގޮތަކީ އެތެރެ ބުރުގައި އިން ދަރިވަރަކު ވާހަކަ ދައްކާނިމުމުން އެދަރިވަރުގެ ކޮނޑުގައި ބޭރުބުރުގައި އިން ދަރިވަރަކު “ޓެޕް” ކޮށްލާނީއެވެ. މިގޮތަށް ކޮޑުގައި ޖަހާލުމަށްފަހު ބޭރު ބުރުގައި ހުރި ދަރިވަރު އެތެރެބުރަށް ބަދަލުވާނީއެވެ.
ބޭރު ބުރުގައި
ބޭރު ބުރުގައި ތިބޭ ދަރިވަރުން މަޝްވަރާ އޮބްޒާރވް ކުރާނީއެވެ. މިގޮތަށް ތިބޭތިބުގައި ކޮޅަށްވެސް ތިބެވިދާނެއެވެ. ނޫނީ ޖާގަ ހުރިވަރަކުން ގޮނޑީގައިވެސް ތިބެވޭނެއެވެ. މަޝްވަރާކުރިއަށް ދާއިރު ބޭރުބުރުގައި ތިބޭ ދަރިވަރުން ފުރަތަމަ އެތެރޭ ތިބި ދަރިވަރުން ދައްކާ ވާހަކަ ކަނުލައި އަޑުއަހާނީއެވެ. އޭގެ ފަހުން އެ ހިޔާލުތަކާއި ހުށަހެޅުންތައް އެދަރިވަރުން ނޯޓްކުރާނީއެވެ. އެތެރޭ ތިބި ދަރިވަރުން މަޝްވަރާކޮށް ނިމުމުން ބޭރުބުރުގައި ތިބި ދަރިވަރުންނަށް “އޮބްޒާރވް” ކުރެވުނު ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދެވިދާނެއެވެ. އަދި މިދަރިވަރުންނަށް މަޝްވަރާކުރަން ފުރުސަތު ދިނުމުގެ ގޮތުން އެތެރޭބުރަށް ބަދަލުކޮށް މަޝަވަރާކުރިއަށް ގެންދާނީއެވެ. މިފަހަރު ކުރީ ސުރުހީ ނުވަތަ އާ ސުރުހީއަކަށް މަޝްވަރާ ކުރިއަށް ދެވިދާނެއެވެ.
މަޝްވަރާ ނިންމާލުން
މަޝްވަރާކޮށް ނިމުނީމައި މަޝްވަރާކުރެވުނު ކަންތައްތަކަށް އަލިއަޅުވާލާ އިތުރަށް ވިސްނުމަށް ފުރުސަތުދޭށެވެ. މިގޮތަށް މުޅި ކުލާސް އެއްކޮށް ކުރެވުނު މަޝްވަރާ “ރިފްލެކްޓް” ކޮށްލާ ނުކުތާތައް ނޯޓްކުރާނީއެވެ. މިބައްދަލުވުމުގައި މަޝްވަރާ ގެންދެވުނުގޮތަށް ވެސް ފާޑުކިއިދާނެއެވެ. އަދި މިކަހަލަ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ރަގަޅުކުރަންވީ ކަންތައްތަކުގެ ވާހަކަ ވެސް ދެއްކިދާނެއެވެ. ފާޅުކުރި ޚިޔާލުތަކާއި ހުށަހެޅުންތައް ޤްރޫޕްގައި ޚުލާޞާކޮށް ލިޔުމުން ވެސް ތައްޔާރުކުރެވިދާނެއެވެ. މުދައްރިސް މިލިޔުންތައް ކިޔުމަށްފަހު “ފީޑްބެކް” ދޭނީއެވެ.
ނޯޓް: މިއީ ފޯމެޓިވް އެސެސްމަންޓްގެ ވަރަށް ފުރިހަމަ ނަމޫނާ ސްޓްރެޓެޖީއެކެވެ. މިގޮތަށް މަޒުމޫނު ލިޔުމަށްޓަކައި ވެސް ތައްޔާރީތައް ވެވިދާނެއެވެ. ހާއްސަކޮށް “ޕްރީ ރައިޓިން” ( ލިޔުމުގެ ކުރިން) ގެންދަން ވަރަށް ފައިދާ ހުރިގޮތެކެވެ. ނަމަވެސް މަޝްވަރާ ކުރުމުގެ ގޮތުން ކޮންމެ މާއްދާއެއްގައިވެސް ގެންދެވިދާނެއެވެ.
މަޝްވަރާކުރުމުން ލިބޭނެ ފައިދާތައް
• ދަރިވަރުންނަށް ކުރީގައި ލިބިފައިވާ މައުލޫމާތު ބޮޑަށް ދެނެގަނެވި އެމައުލޫމާތު އިތުރަށް ފުޅާވެ ގިނަ ދުވަހު ހަނދާނުގައި ހަރުލާނެއެވެ.
• އަމިއްލަ ހިޔާލާއި ފިކުރާއި އިހުސާސްތައް ހާމަކޮށްދިނުމަށް މިއީ ލިބޭ ފަހި ފުރުސަތުތަކެކެވެ.
• ދަރިވަރުންނަށް ފަސޭހަކަމާއި އިތުބާރާއެކު ވާހަކަދެކެވި މުއާސަލާތު ކުރުމުގެ ހުނަރު ތަރައްގީ ކުރެވޭނެއެވެ.
• ތަފާތު މީސްމީހުންގެ ހިޔާލާއި ޝުއޫރުތަކާއި އިހްސާސްތައް ކަނުލައި އަޑުއަހައި އެހެންމީހުންގެ ހުށަހެޅުންތަކަށް އިހްތިރާމްކުރުމަށް ދަސްވެގެންދާނެއެވެ.
• މިބާވަތުގެ ގްރޫޕް މަސައްކަތްތަކުން އެހެންމީހުންނާއި ގުޅިގެން އުޅެންދަސްވާނެއެވެ.
• އަދި މިކަހަލަ މަޝްވަރާތަކުގެ ސަބަބުން ދަރިވަރުން އަމިއްލައަށް ވިސްނައި ފިކުރު ހިންގައި ކުރީގައި ވިސްނުނު ގޮތްތަކާއި ހިލާފަށް އާގޮތްގޮތަށް ވިސްނުމަށް މަގުފަހި ވެގެންދާނެއެވެ.