ނިއުމާމިސްގެ ކޮލަމް

21 ވަނަ ޤަރުނުގެ ހުނަރުތަކަށް ދަރިވަރުން ބާރުވެރިކުރުވުން

މިބަވަނަވަމުން  އަންނަ  ދުނިޔެ ޑިޖިޓަލްޓެކްނޮލޮޖީ  ސަބަބުން  މިވަނީ ކުޑަތަނަކަށް  ވެފައެވެ.  މިހާރު  ދުނިޔޭގެ އެއްބިތުން  އަނެއްބިތައް  މަޢުލޫމާތު  ސިކުންތެއްގެތެރޭގައި ފޯރުކޮށްދެވެއެވެ.  މިހެންވުމުގެ  ސަބަބުން  ދުނިޔޭގެ  އެއްބައަކާއި  އަނެއްބައަކާއި  މިވަނީ  ވަރަށް ބޮޑަށް ގުޅިފައެވެ.  

އަޅުގަނޑުމެންގެ  ކުދިންނަކީ   ސްކޫލްގައިއާއި  ވަޒީފާގެ  މާހައުލުގައި  ކާމިޔާބު ބަޔަކަށް  ހަދަން  ބޭނުންނަމަ  21ވަނަ  ޤަރުނުގެ  ހުނަރުތަކަށް  މިކުދިން  މިއަދު އަހުލުވެރިވާންޖެހެއެވެ. އަދި ސްކޫލުގައި އާއި ގޭގައިވެސް މިޤަރުނުގެ ހުނަރުތަކަށް އަހުލުވެރި ކުރުވަންޖެހެއެވެ.  އެންމެނަށްވެސް އެގޭ ފަދައިން މިއީ މިޒަމާނުގައި  މިހުނަރުތަކާއި  ނުލާ  ދުނިޔޭގައި  ނޫޅެވޭނެ  ހުނަރުތަކެވެ.  މިއީ އިލްމްވެރިން ގަބޫލުކުރާގޮތުން ދުނިޔޭގައި  ކާމިޔާބު  އަދި ފަހި  ދިރިއުޅުމެއް  ބޭނުންވާނަމަ  އެންމެ  މުހިންމު  ހުނަރުތަކެވެ.  މިހުނަރުތަކަކީ  މީހުންނާއި  ގުޅިގެން  އުޅުމާއި،  މުޢާމަލާތްކުރުމާއި،  ބިނާކުރަނިވިގޮތުގައި ވިސްނުމާއި،  އަދި އުފެއްދުންތެރި ކަމެވެ.

މިހުނަރުތައް  ކުރިއަރުވަން  ސްކޫލާއި  ގޭތެރޭގެ  މާޙައުލުވެސް  ތައްޔާރުވާންޖެހެއެވެ. ބެލެނިވެރިން ވެސް އަދި ޓީޗަރުންވެސް 20 ވަނަ ޤަރުނުގެ ކިޔަވައިދިން ގޮތްތައް ދޫކޮށްލަންޖެހެއެވެ. ބެލެނިވެރިންވެސް މިކަހަލަ އާވިސްނުންތަކަށް އަހުލުވެރިވާންޖެހެއެވެ. ބެލެނިވެރިންގެ ކުރީގެ ވިސްނުންތަކަށް ތަރުހީބުދޭތީވެ ޓީޗަރުން ފަހުގެ އުނގަންނައިދިނުމާއި ކިޔަވައިދިނުމުގެ ގޮތްތައް ބޭނުންކުރުމަށް ފަސްޖެހެއެވެ.

21ވަނަ ޤަރުނުގެ ހުނަރުތަކުގެ އިތުރުންވެސް ވަރަށް މުހިންމު 4 ހުނަރުކަމަށްވާ އަޑުއެހުމާއި، ކިޔުމާއި، ވާހަކަދެއްކުމާއި އަދި ލިޔުން ކުރިއަށް ދާނެއެވެ. މިގޮތަށް ޓީޗަރުން ފިލާވަޅުތައް ރޭވުމުން ކޮންމެ ދުވަހަކު ފޮތުގައި “ލާރނިން އެވިޑެންސް” ނުވަތަ “ކިޔެވިކަމުގެ ހެކި” ނުހުރެ ދާނެއެވެ. ނަމަވެސް ކޮންމެ ދުވަހަކީ ވެސް އެދަރިވަރުން އާހަރުފަތަކަށް އަރަމުންދާ ދުވަހެކެވެ. އާ އަމާޒުތަކަކަށް މުދައްރިސާއެކު ވާސިލްވާން މަސައްކަތްކޮށް ކާމިޔާބު ހޯދައެވެ. މިޒަމާނުގެ ފަހުގެ އިލްމީ ފެންވަރުބެލުމުގައި ދަރިވަރާއި މުދައްރިސު މަސައްކަތްކުރާނީ އެކުގައެވެ. މުދައްރިސު ދަރިވަރާއި ގުޅިގެން މަސައްކަތްކުރުމުން އަވަހަށް ދަރިވަރަށް ކާމިޔާބުލިބެއެވެ.

ނަމަވެސްކިޔަވައިގެން ސްކޫލްނިމޭކުދިންނަކީ  ހަމައެކަނި  އިމްތިޙާން  ކަރުދާހެއް  ހަދާ  ނުވަތަ  “ރިވިޝަން”  ކަރުދާސްތަކެއްގެ  ޖަވާބުލިޔެލިޔެ  މުޅިދުވާލު  ހަތަރުދަމު ތިބޭ  ކުދިންތަކެއް  ކަމުގައިވާނަމަ  21  ވަނަޤަރުނުގެ  ހުނަރުތަކެއް  ސްކޫލްނިމޭ  ދަރިވަރުންގެ  ކިބައިން  ނުފެންނާނެއެވެ.  އަދި  އެކުދިންގެކިބައިން  ނިގުޅައި  ގަނެވެނީ  ވަރަށް  މުހިންމު  ހުނަރުތަކެކެވެ.

21ވަނަ  ޤަރުނުގެ  ހުނަރުތައް  އެކުލަވާލުމަށް ފިލާވަޅުތަކުގެ  ތެރޭގައި  ބަހުސްކުރުމާއި  މަޝްވަރާކުރުން  ގިނަކުރަންޖެހެއެވެ.  ގުރޫޕު  މަސައްކަތާއި،  “ޕެއަރކޮށް”  މަސައްކަތް  ހަވާލުކުރަންޖެހެއެވެ.  ދަރިވަރުން  އެއްކުއްޖަކާއި  އަނެއްކުއްޖަކު  ވާހަކަދައްކާލަން  ފުރުސަތުދޭން  ޖެހެއެވެ. ގުރޫޕު  ތެރޭގައި ވާހަކަ ދައްކަން ފުރުސަތުދީ މުޅި ކުލާހަށް ޚިޔާލު ހުށަހެޅުމުން ދަރިވަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަވެއެވެ. މިގޮތަށް  މުދައްރިސުން  ޢަމަލުކުރުމުން  އެކުދިންނަށް  ކަންކަމާއި  ދޭތެރޭވިސްނާ  ފިކުރުކުރަން  ފުރުސަތުދެވޭނެއެވެ.  އަދި  އެކަކު  އަނެކަކާއި  މުޢާމަލާތްކޮށް  ބިނާކުރަނިވި  ގޮތެއް ގައި  ފާޑުކިޔައި  އެހެން  މީހުންގެ  ޚިޔާލުތަށްވެސް  ބަލައިގަންނަން  ދަސްވާނެއެވެ.  އަދި  އެހެން  މީހުންގެ  ހުށަހެޅުންތައް  ކަނުލައި  އަޑުއަހަން  ދަސްވާނެއެވެ.  އެއްކުއްޖަކު  ވާހަކަދައްކާ  ނިމުމުން  އަނެއް  ކުއްޖަކުވާހަކަ  ދައްކެމުގެ  މުހިންމުކަންވެސް  އެނގޭނެއެވެ.

މުދައްރިސުން  އޮޅުންފިލުވައިދޭ  އަދި  އަމިއްލައަށް  އެސުރުޚީއަށް  ހޯދާ  މަޢުލޫމާތާއި  ބެހޭގޮތުން  އިތުރަށް  ވިސްނަންވެސް  ފަށާނެއެވެ.

މިހާރުމިގެންގުޅޭ މަޢުލޫމާތުތައް  ހިތުދަސްކުރުވުމުގެ  ވަށްޓަފާޅިބަދަލުކޮށްލަން  ޖެހެއެވެ.  އެއީ  މަޢުލޫމާތަކީ މިއަދު  ވަރަށް  ފަސޭހައިންލިބޭ  އެއްޗެކެވެ.  ކުދިންނަށް  ދަސްކޮށްދޭންވީ މަޢުލޫމާތު  ހޯދާނެގޮތެވެ. ސާފު   އަދި  ސައްޙަ  މަޢުލޫމާތުލިބޭނެ  ވަސީލަތްތަކެވެ.  މަޢުލޫމާތުތައް  އަވަހަށްކިޔައި  އޭގެބޭނުންކުރާނީ  ކިހިނެއްކަމެވެ. 

މިގޮތުން ސްކޫލްނިމޭ  ދަރިވަރުން  އިންޓަނެޓަށް  އަހުލުވެރިވާންޖެހެއެވެ. ކިޔަވައިދިނުމުގެ  ތެރޭގައި  ރައްކާތެރިކަމާއެކު  އިންޓަރނެޓް  ބޭނުންކުރުމުގެ  މުހިންމުކަން  އިގެންޖެހެއެވެ.    އިންޓަރނެޓް  ބޭނުންކޮށްގެން ކިޔެވުމާއި  އުނގެނުން  ފަހިކޮށްދޭންޖެހެއެވެ.  މިސާލަކަށް ދަރިވަރުންގެ  އަމިއްލަ  “ޔޫޓިއުބު  ޗެނެލް”  އަށް އެކުދިންގެ  ވީޑިއޯސްޓޯރީތައް  އަޕްލޯޑްކޮށް   ޝައުޤުވެރިކޮށް  އުނގެނުން  މިއަދު ކުރިއަށް  ގެންދެވޭނެއެވެ.  މިގޮތަށް  ސައިންސް  އަދި  ބަހުގެ  ހުނަރުތައް  ކުރިއަރުވަންވެސް  “ޔޫޓިއުބު”  ދަރިވަރުންލައްވާ  ބޭނުންކުރެވިދާނެއެވެ. 

 އަދި  ކޮންމެ  ކުލާހެއްގެ  ނަމުގައި  ވެސް  “ޔޫޓިއުބް”  ޗެނެލްއެއް  ހަދައި  ދަރިވަރުންގެ  ހުނަރުތައް  ކުރިއަރުވަން  ޓީޗަރުންނަށް  މަސައްކަތްކުރެވިދާނެއެވެ.

21 ވަނަ ޤަރުނުގެ  ހުނަރުތައް  ކުރިއަރާނީ  ދަރިވަރުންނަށް  ތަޖުރިބާތަކާއި  ޢަމަލީ  މަސައްކަތްތަކާއި ތަފާތުހުނަރުތައް ގެންދެވޭނެ ގޮތްތަކަށް އުނގަންނައިދިނުން ފަހިކޮށްދީގެންނެވެ.   މިކަމަށް މުދައްރިސުންނާއި ބެލެނިވެރިން އަހުލު ވެރިވެގެންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close