ރައީސްގެ ވަޢުދުފުޅަކީ އުރީދޫ އާޗާ ޕޯސްޕެއިޑް ތޯ؟
ކޮންމެ މީހަކުވެސް އެންމެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި މިއަދު އިންޓަނެޓްގެ ބޭނުން ޖެހިފައިވާއިރު އެކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވަޢުދުވެ ވަޑައިގެން އިންޓަނެޓް އަގު ހެޔޮ ކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާއިރު އެ ވިދާޅުވީ އުރީދޫ އާޗާ ޕޯސްޓް ޕެއިޑް ގެ ވާހަކަ ތޯ؟ މިއީ މިހާރު ރައްޔިތު މީހާ ސުވާލު އުފައްދަމުން ގެންދާ މައްސަލައެކެވެ.
ރައީސް ސޯލިޙް ގެ ސަރުކާރަށް ތިން އަހަރުވާން ގާތްވެފައިވާއިރު އަދި “މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ”ގެ ނަމުގައި ވަކި ވުޒާރާއެއްވަނީ އުފައްދަވާފައެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރައްވާނެކަމަށް ރައީސް ސޯލިޙް ވަޢުދުވެވަޑައިގަތް ފަހުން މި ޝަކުވާތަކަށް ހައްލު ލިބިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވޭތެވި ދިޔަ ދެ އަހަރުގެ ތެރޭގައި އެކި ތަފާތު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ސަރުކާރުން ބުނެފައިވާއިރު މިކަމަށް ލިބުނު ހަމައެކަނި ޙައްލަކީ އުރީދޫއިން ތަޢާރަފްކުރި އާޗާ ޕޯސްޓް ޕެއިޑް ހެއްޔެވެ؟
ފަސްރުފިޔާ ބަޔަށް ޖީބީއެއް ލިބޭކަމަށް ސްޓޭޓްމިނިސްޓަރ ވިދާޅުވީ އާޗާ ޕެކޭޖްގެ ވާހަކަފުޅުކަމަށް އެމަނިކުފާނު އެވަނީ ޓްވިޓަރ މެދުވެރިކޮށް ރައްޔިތުންނަށް ޖަވާބުދާރީވެފައެވެ. އެކަމަކު އެޕެކޭޖްގެ ތަފްޞީލަށް ވަޑައިގެންނެވި ބާއެވެ؟ އެޕެކޭޖަކީ އެންމެ އާދައިގެ މެދު ފަންތީގެ ރައްޔިތުމީހާއަށް އަތްފޯރާ ފަށަށް އައިސްފައިވާ ޕެކޭޖެއް ބާއެވެ. މިހިރީ ހައްތާވެސް ސުވާލެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ހަމަ ރަނގަޅުވާހަކަ ފުޅެކެވެ. އުރީދޫއިން ރޯދަމަހާއި ގުޅުވައިގެން ތައާރަފުކުރި ޕޯސްޓް ޕެއިޑް އާޗާ ޕެކޭޖްގައި 1000 ރުފިޔާއަށް 180 ޖީބީ ލިބެއެވެ. އެ ޕެކޭޖްގައި 5.56 ރުފިޔާބަޔަށް ޖީބީއެއް އެބަލިބެއެވެ.
އެޕކޭޖްގެ ކުޑަތަފްސީލަކަށް ދަމާތޯއެވެ. އާޗާ ޕެކޭޖްގެ މިއީ އޭގެ އެންމެ އަގު ބޮޑުޕެކޭޖެވެ. އެ ޕެކޭޖްގައި 1000 ރުފިޔާއަށް 180 ޖީބީ ލިބެއެވެ. އެހެނަސް، އެއީ ޝަރުތުތަކަކާއެކުއެވެ. ދުވާލެއްގެ މައްޗަށް ބޭނުންކުރެވެނީ ރެގިއުލަރ 3 ޖީބީއާއި ސޯޝަލް މީޑިއާގެ 3 ޖީބީއާއެވެ. މި ޝަރުތުތައް މިހެން ހުރުމުންމިއީ މައްސަލައެއް ނޫންތޯއެވެ. މިކަމާ ޝަކުވާ ކުރާމީހުން މަދެއްނޫނެވެ. މިވަރަކުން އަދި ނުފުދެއެވެ.
ރައީސްގެ ވަޢުދު ފުއްދިއްޖެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިޔަސް ، މިހާރު ޓެލެކޮމް މިނިސްޓްރީއާއި ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވާގޮތުން ނަމަ އިންޓަނެޓްގެ އަގު ހެޔޮކޮށް ރައީސްގެ ވައދު ފުއްދިފައެއް ނުވެއެވެ. އިންޓަނެޓުގެ އަގު ހެޔޮކުރަން ސަރުކާރުން މުހިންމު ބަދަލުތަކެއް ގެންނަން ޖެހެއެވެ.
މިނިސްޓަރ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓު ޕެކޭޖުތަކުގެ އަގު ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެހާ ބޮޑުވަރެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މިކަމަށް އޮތް ހައްލަކީ ފެއާ ޔޫސޭޖް ޕްރައިސްއަށް ބަދަލު ގެނައުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅޭ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ފައްޔާޒު އެވިދާޅުވަނީ ރަނގަޅަށެވެ. އުރީދޫ އާޗަ ޕޯސްޓް ޕެއިޑް އެއީ އަދި ރައީސްގެ ވަޢުދުފުޅެއް ނޫނެވެ.

