ޅެން ޤުދުރަތުގެ ހަދިޔާ

ޤުދުރަތުގެ ހަދިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލުފަޅުތަކުން ޒީނަތްވި ނަލަ، ކުދި ރަންމުތެއް ފަދަ ވަޒަނަކީ

                 ވިލުނޫ ފަޅާ ދޮންވެލި ތުނޑީ، ހިތްގައިމު އަލި ނޫ ޖައްވަކީ

ނަލަ ރޯޅިވައި ޖެހެމުން މިދާ، ފުނަގަސް މަތިން ފިނިކަން ލިބޭ

                 ނަލަ ހަނދުވަރުން ބަބުޅާ ވިދާ، ރޯޝަންކުރީ ބިންމަތި އެކީ

ހުދު ގޮނޑުދޮށުން ފައިތިލަމަތީ، ފިރުމާލުމުން ވެލިފުށްތަކުން

                 ހުދުހަން ވަނީ “ކަފަހެން” އެހާ، ވަކިނުކުރެވޭ އަތްފައި އެކީ

ރާޅާ ޖަހާ ގަސްބުޑު އެކީ، ދެފަރާތަށޭ ފުރޮޅާއެލީ

                 ރާޅާއެކީ ކުޅެމުން އެދާ، “ގުންގުން” އަޑާ މިއުޒިކު އެކީ

ކިރުދޫނިތައް އަޅަމުން އެދާ، ބުރުހަމަނުވާ އުދުހުންތަކުން

                 އިރުހޫނުކަން ދަޅައަޅުވަޔޭ، “މެންދުރުއަވާ” ފެނުމުން އެކީ

ހުދު ބޮލިތަކާ އަކިރިން ވަށާ، ލެވިފައި އެވާ “ދޮންވެލި ފިނޮޅު”

                 މަދު ފަހަރަކުން ނޫނީ ބަލަން، މަންޒަރު އިނގޭ އަދު ލިބުމަކީ

ކުދިގަސްތަކުން، ފެށިގެން ފަޅާ، ކުރިލާ ހެދޭ ވެޔޮތައް ކަރާ

                 ހެދިފައި އެވާ ބިޔަގަސްތަކުން، މޭވާ ލިބޭ މާތް ރިޒުގަކީ

ގަސްރުއް ތަކުން މަލަފެހި މިއީ، ރާއްޖޭގެ ނަލަ ކުދި ރައްތަކޭ

                  މަސްކަނޑުތަކުން ހޯދާ ނަފާ، ގެސްޓުންގެ މީ ސުވަރުގެއަކީ

އަދިވެސް މިއީ ކުޑަމިންވަރެއް، ސިފަކޮށް ލިޔަން އަދު ޅެންބަހުން

                           ހަދިޔާއެކޭ ޤުދުރަތުގެ މީ، ހިތްހަމަޖެހޭ ދިރިއުޅުމަކީ

ޓެގް

ހަދިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.