ދުޢާކުރުމެއް ނުވޭތޯއޭ!
ސަލާމަތްއޮތް ގޮތެއްހޯދަން މިވާފައްސިން ނުވޭތޯއޭ،
އިލާހުގެ ޙަޟުރަތަށް އެންމެން ދުޢާކުރުމެއް ނުވޭތޯއޭ.
ލޮލުންކަރުނޭ ނުހިކިމިވަނީ ހިތަށްމިކުރާ އަސަރުތަކަކުން،
ލޮލަށް ފެނިގެން މިދާޙާލަށް ދުޢާކުރުމެއް ނުވޭތޯއޭ.
މިތާކޯވިޑުގެ ބަލިމަޑުކަން ފެތުރިގެންދާ އަދަދުފެނިގެން،
މިތާއެންމެން ދެއަތްއުފުލައި ދުޢާކުރުމެއް ނުވޭތޯއޭ.
ޝިފާޔަށް ޙަޟުރަތުންރައްބީ މިޠާޢޫނުން ސަލާމަތްއެދި،
ހިފާރޯދައިގެ އަޅުކަމުގައި ދުޢާކުރުމެއް ނުވޭތޯއޭ.
މިޤައުމުގެ އިޤުތިޞާދަށްވެސް ލޮޅުންއަރަމުން މިއަދުދާއިރު،
މިޤައުމަށް ހެޔޮގޮތެއް އެދިގެން ދުޢާކުރުމެއް ނުވޭތޯއޭ.
ކަލަކު ވޮޑިގެންވެޔޭ ދެކިގެން ކުރާޛިކުރާއި އަޅުކަމުގައި،
ކިލަނބުނުވެ ހިތްތަކުން އެދިގެން ދުޢާކުރުމެއް ނުވޭތޯއޭ.
މިބާވަތު ކަންކަމާ މެދުގައި ކުރަންއޮތްހެޔޮ މަގުންކަންކޮށް،
ތިބާމެން ދޫތަކުން އަބަދުމެ ދުޢާކުރުމެއް ނުވޭތޯއޭ.
މިތާ ތަކުބީރު އަޑުހަރުކޮށް ކުރާޞަދަޤާތްމެ ގިނަކޮށްގެން،
މިތާ ހެޔޮހާ ޢަމަލުތައްކޮށް ދުޢާކުރުމެއް ނުވޭތޯއޭ.