( ސާދަވަނަ ބައި )
ޖިންނީންގެ ބަޔަކު އުންބައޯ ޖަހާގަތުމާއި ގުޅިގެން މައުލޫދު ފެށުން ލަސްވިއަސް މިހާރު މައުލޫދު ހަރުގެތެރެވަނީ މައުލޫދުގެ އަޑުން ގުގުމާލާފައެވެ. އަދި މައުލޫދަށް ހައްސަކޮށް ތައްޔާރު ކޮށްފައިވާ ދުންމުޖުމަރާއިން އަރަމުންދާ ދުމުގެ ހިތްގައިމް މީރުވަހުން މުޅި މައުލޫދު ހަރުގެވަނީ އެއްވަސްވެފައެވެ.
މައުލޫދު މެދުކަނޑާނުލާ ފަތިސް ވުމުން އުމްބައޯ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭގޮތުން ހަންޑި ކަތީބާއި، ސޯލިމްބެ، ކަތީބުއަލީ އަދި ބޮޑު ބާރަމީހުނގެ ގުރޫޕް ލީޑަރ ބަޑިހުސޭނު އެގެންދަނީ ބައްދަލް ވަމުންނެވެ.
އުމްބައޯ ގެއްލުމާއި ގުލިގެން މައުލޫދު ފެށުން ލަސްވެގެން ދިއުމާއިއެކު މެދުކަނޑާނުލާ މާދަމާގެ ދަމަކަށް އިރުއަރަންދެން ކުރިއަށް ގެންދިއުމަށް މިހާރުވަނީ ހަމަޖެހިފައެވެ. އަދި މައުލޫދު ނިންމާ ގަޑިއަކީ މާދަމާ މެމްދުރު ދަމުކޭމަށް ފަހުގައެވެ.
ފަތިސް ނަމާދުން ފައިބާގެން އުންބައޯ ހޯދުމުގެ މަސައްކަތް ރޭވިފައިވާގޮތަށް ކުރިއަށް އެބަދެއެވެ. ސަންގުފުމޭ މީހުންނާއި ފިޔަފަޅުބަލާ މީހުން ހަމަޖައްސަފައި ތިބީ ގުރޫޕް ތަކަށް ބަހާލާގެންނެވެ.
މިހާރު ގަޑިން ހެނދުނު އަށެއް ޖަހަނީއެވެ. ބޮޑުބާރަ މީހުންގެ ގުރޫޕް ލީޑަރ ބަޑި ހުސޭނު އޭނާގެ ގުޕޫޕާއި އެކު ހިނގަމުން އެދަނީ ލަންދޫގެ ހުޅަނގު އުތުރު ފަޅީގައި އޮންނަ ތެލަވަލުގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށާއި ވީ ފަޅިން އުތުރަށެވެ.
ކަތީބު އަލީގެ އިރުޝާދާއި އެއްގޮތަށް ބަޑިހުސޭނު ކުރިއަށްހުރެ އެއްގަމަށް އެ އަރަނީ” ކާޅުއަރާމަގުންނޭ” ނުވަތަ މައްޔާ މަގުންނެވެ.” ކަތީބު އަލީ ހުރިހާ ގުރޫޕަކަށް އަންގާފައިވާ ގޮތަޢް ވަލައް ވަންނަމުން މެދުނުކަޑާ ބާރަށް ސަންގު ފުންމުމަށް ބަޑިހުސޭނު ގުރޫޕުގެ ސަންގުފުމޭ މީހާއަށް އެންގިއެވެ.
މައްޔާ މަގުން އެއްގަމަށް އަރާ މިހާރު ބަޑިހުސޭނުގެ ގުރޫޕް އަރާ އެ ހަމަވަނީ މަސްހޫރު ނ.ލަންދޫ ރުކަންމަތީ ފެންގަނޑާއެވެ. ދުވާލުގެ އަލިކަން ޖައްވަށް ފެތުރި، ދަމަކަށް އިރުއަރާފައި ވިއަސް ރުކަންމަތީ ފެންގަނޑު ހިނެނޭ ސަރަހައްދަށް ވަނީ އަވިއަރާފައެއް ނޫނެވެ. އެހެންކަމުން އެ ސަރަހައްދު އޮތީ ފަތިހުގެ ފިނި ހިފާފައެވެ.
ރުކަންމަތީ ފެންގަނޑަށް ހޫނުވާން ފެށުމާއިއެކު ފަތިހުގެ ސަބުނަމް ތިކިތަށް ހުރަހެއްނެތި ތިއްކަކު ފުލު ތިއްކެއް ފެންގަނޑަށް އޮހޮރެމުން ދިއުންނޫން އެއްވެސް ރާޅުބާނީގެ އިޝާރާތެއް ރުކަންމަތީ ފެންގަނޑުގެ ތެރެއިން ފެންނާކަށް ނެތެވެ. އަދި ފެންގަނޑުގެ ތެރޭގައި ދިރިއުލެމުންދާ ސޫފި ތަކުގެ އަޑުން މުޅި ޖައްވު ގުގުމާލާފައި ވިއަސް އިންސިއެއް ނޫނީ ޖީންނީންގެ އެއްވެސް އަސަރެއް، މިވަގުތު ރުކަންމަތީ ފެންގަނޑުގެ ހިމެނޭ ސަރަހައްދަކުން ފެންނާކަށް ނެތެވެ.
ބަޑި ހުސޭނު ގުރޫޕުގެ ހުރިހާ މީހުން ކުއްލިއަކާ ކުރިއަށް އެ ދުއްވާގަތީ، އޭނީއޭ1 އެނީއޭ ކިޔާފައެވެ. އަހަ، ސަހަރޯ ދަރުމައޭ! އާމިންދައިތަގެ ދެލޯފަދަ އުންބައޯ އެ އިނީ ރުކަންމަތީ ފެންގަނޑުގެ އިރު އުތުރު ފަރާތު އަރިމަތީގައި ފެންގަނޑު ތެރެއަށް ވެއްޓިފައި އޮތް ދިއްގާ ގަހެއްގެ ބުޑުމަތީގައި ބައިންދާފައެވެ. އުންބައޯ ނަގާ ދޮނެއް ދިނުމަށްފަހު ބަޑިހުސޭނު ބޮލުގައި އޮޅާލާފައި އޮތް ފޮށާގަޑު އުމްބައޯގެ އުނަގަޑުގައި އޮޅާލުމަށްފަހު ބަދިހުސޭނު އުމްބައޯ އެ ޖަހާލީ ކިހީއްޔަށެވެ. ނިމުނީ!
ޙާއްސަ ޝުކުރު!
އަރާފަނި ޖިންނި ވާހަކައަކީ 1900 ގެ އަހަރުތަކުގެ މެދުތެރެއަށް ނިސްބަތްވާ، ނ.ލަންދޫގެ ތާރީޙީ ކޮކްޓޭލެކެވެ. އެހެން ކަމަށްވުމުން 1960 ގެ އަހަރުތަކުގައި ނ.ލަންދޫގައި އެދުވަސްވަރު އުޅެފައިވާ މަސްހޫރު މީސްމީހުންގެ ނަންތަކާއި، ވަރުދަގަ އާއިލާ ތަކާއި، މިފަދަ ކަންކަމަކީ އޭގެ ޒާތުގައި ފިސާރި ރަނގަޅަށް ސާފުވެ، އަންނަން އޮތްޖީލަށް ދެމިގެން ދާގޮތަށް ފޮތެއްގައި ލިޔެވެންޖެހޭނެ ވާހަކަ ތަކެކެވެ. އެހެން ކަމަށްވުމުން މި ވާހަކަ ޗާޕައް ދިއުމުގެ ކުރިން، މިވާހަކައިގައި ގެނެވިފައިވާ ކަންކަމާއި، ތާރީޙްތަށް އަދި އެއްފަހަރު މުރާޖާކޮށް ވާހަކަގައި ނުހިމެނޭ ބައެއް ނަންތަށް މިފޮތަށް ލުމަށާއި، އަދި ވާހަކައިގާ ހިމެނޭ ބައެއް ނަންތަކަށް ބަދަލު ގެނައުމަށް އަޅުގަނޑު ވިސްނަމުންދާ ވާހަކަ ނާރެސް އޮންލައިނުގެ ކިޔުންތެރިންނަށް ދަންނަވަމެވެ. އަޅުގަނޑު ގަސްދު ކޮށްފައި އޮތީ ﷲގެ އިރާދަފުޅުން، ނާރެސް އޮންލައިން ގުރޫޕާއި ގުޅިގެން މިވާހަކަ ނުވަތަ ވާހަކައިގެ އަސްލު ނުވަތަ ޗާޕް، ނ.ލަންދޫ ރައްޔިތުންނާއި ގުޅުންހުރި ކޮންމެވެސް ފަރާތަކަށް، ނުވަތަ ތަނަކަށް އާމްދަނީއެއް ލިބޭގޮތަށް ހަދިޔާ ކުރުމަށެވެ.
ތާރީޙު ލިޔުމަކީ އޭގެ ޒާތުގައި ހުރިހާ މީހުން ގަބޫލްކުރާ ކަމަކަށް ވިއަސް، އެ ވާހަކަ އަކަށް ނުވަތަ އެކަމަކަށް ނިސްބަތްވާ ފަރާތެއް އެ ވަގުތަކު ދުނިޔޭގައި ހުރިނަމަ، އެމީހަކު ނުވަތަ އެފަރާތަކީ ފަހަރުގައި އެކަމާއި ދޭތެރޭގައި ހިތްހަމަ ނުޖެހުން އޮތް ފަރާތަކަށް ވެދާނެއެވެ. އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އެކަން އެ މަގަށް އޮތަސް ތާރީޙަކީ އަންނަންއޮތް ޖީލަށް ރައްދުކޮށްދެންޖެހޭ ދިރިތިބީންގެ މައްޗަށް ވާ އަމާނާތެކެވެ.
އަޅުގަނޑުގެ މި މަސައްކަތަށް ވަރައްގިނަ ފަރާތް ތަކަކުން މައުލޫމާތު ދީފައިވުމާއި އެކު ޝުކުރުގެ ލިސްޓް ވަރަށްދިގެވެ. އެހެން ކަމަށްވުމުން މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދީ، ނުވަތަ މައުލޫމާތު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަދި ހާއްސަކޮށް މި ޝުކުރުގައި ނ.ލަންދޫ އޮފީހުގެ ޒިންމާދާރު ވެރިޔާ ހަސަން ނަސީރުގެ ނަން ފާހަގަ ކުރަމެވެ. އަދި އަޅުގަނޑުގެ ލިޔުންތަށް ކިޔުއްވާ އެންމެ ބޭފުޅުންނަށް ހިފެހެއްޓުމެއްތި ޝުކުރު ދަންނަވަމެވެ! އަލުގަނޑުގެ ދުޢާޔަކީ އަދައްވުރެ އަދި މާފަގަތި މާދަމާއެއް އަޅުގަނޑަށާއި، ތިޔަ އެންމެ ބޭފުޅުންނަށް ﷲ މިންވަރުކޮށް ދެއްވުމެވެ. އާމީން!
ކޮމެންޓް (0)
ލޯޑް ކުރަމުން...