ނާނު

ހައްޤު މިންވަރު ކަށަވަރު ވާނީ ސަރުކާރުން ހައްގު މިންވަރު ދިނީމައެވެ.

ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އޮނަރަބުލް އަލްފާޟިލް އިބްރާހިމް މުހައްމަދު ޞާލިޙު ނިމިދިޔަ ޤައުމީ ދުވަހު އެމަނިކުފާނު ޤައުމާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ދިޔައިރު އަޅުގަނޑު އިނީ ބަޔަކާއިއެކު ކޮފީއެއްގަ ޓިވީއަށް ކަނުލާ އަޑުއަހާށެވެ.

އާންމުކޮށް ޖަލުސާތަކުގައި، އާންމު ދިރިއުޅުމުގައިވެސް ވާހަކަ ދައްކަވާއިރު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަކީ ރުޅި އިސްކުރައްވާ ބޭކަލެއް ނޫނެވެ. އެހެން ނަމަވެސް މި ޖަލުސާގަ އިބުރާހިމް މުހަންމަދު ސާލިޙު ގައުމާއި މުހާތަބު ކުރައްވަމުން ގެންދެވިއިރު ކޮންމެވެސް ކަމަކާހެދި ކޯފާވެފަ މޫނުފުޅު ރަތްވަމުން ދިޔަތަން އަޅުގަނޑު ދުށީމެވެ. އަދި އަޑުފުޅު ކުރަކިވެ ކޮންމެވެސް ކަމަކާއި ހިތްޕުޅާނުވެ ހުންނެވިކަން ފާހަގަ ކުރެވުނެވެ.

ޖަލުސާގެ މިހާހިސާބުން ދެން ފެނިގެން ދިޔައީވެސް ހަމަ އެފަދަ ވާހަކަ ފުޅެކެވެ. ރައްޔިތުންނާއި މުހާތަބުކޮށް ވިދާޅުވި އެއް ބަސްފުޅަކީ ” ޤައުމު ފަސާދަ ކުރުމަށް ހުޅުރޯކުރާ ދަރެއްގެ ގޮތުގައި ނުވުމަށް ދީނީ އިލްމްވެރިންނަށް އިލްތިމާސް ކުރެއްވިތަނެވެ. ދެވަނައަށް އަޑުއިވިގެންދިޔަ އަނެއް ވާހަކަ ފުޅަކީ ހަމަޖެހިލާގެން ދުނިޔޭގައި އުޅުމުގެ ހައްގު ދިވެހިންގެ ތެރެއިން ހަމަ އެކަކައްވެސް ނެތީތޯއެވެ. ” ރައީސުލް ޖުމުހޫރިއްރާ އިބުރާހިމް މުހަންމަދު ސޯލިހުގެ ވާހަކަފުޅު މިހާހިސާބައް ދިއުމުން އަޅުގަނޑުގެ ކައިރީގައި އިންމީހާ، އަޅުނޑުގެ ގައިގާ ކޮށްޓާލާފަ ބުނެފިއެވެ. ކޮބާ! ކޮބާ! ކިހިނެއް ހީވޭހޭ! މުޅިރައްޔިތުން ކަމެއްގެމައްޗަށް އެކައްޗެއްކިޔާ އަހުދު ކަށަވަރުވުން ހިފީމަ އެހެރީ އެބޭފުޅާ ހޫނުފެނަށް ވެއްޓިފައެވެ.

ކޮންމެއަކަސް އެ މަނިކުފާނު ދެވަނައަށް ކުރެއްވި ސުވާލާ ވިއްދާ އަޅުގަނޑުވެސް އެ މަނިކުފާނާއި ކުރާނީ ސުވާލެކެވެ. އަޅެ، ހަމަޖެހިލާގެން، ހާސްކަމެއްނެތި، ބިރުވެރި ކަމަކާއިނުލާ، އަމިއްލަ ރަށުގަ ދެމަފިރިން އެކުއެކުގައި އަމިއްލަ ވަޒަނުގަ ދަރިންނާއި އެކު ދިރިއުޅެވޭނެ ދުވަހެއް ނެތުން ނުވަތަ ނުލިބުން އެއީ ދިވެހިންގެ ހައްގު މިންވަރުތޯ އަޅުގަނޑުވެސް މަނިކުފާނާއި ސުވާލު ކޮށްލަން ބޭނުމެވެ.

ދިވެހިރައްޔިތުންނަށް ހައްގު މިންވަރު އެއީ އޮތް އެއްޗެއްކަން ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާއަށް ހުންނަ ބޭފުޅަކަށް އެނގިލެއްވި ވާހަކަފުޅު ވިދާޅުވި މިއީ ފުރަތަމަ ފަހަރުކަން ނޭގެއެވެ. ކޮންމެޔަކަސް ތިޔަވިދާޅުވި ވާހަކަފުޅު ހަނދުމަފުޅު ހުރިތީ އުފާކޮށްފީމެވެ. މަނިކުފާނުއެވެ. އަޅުގަނޑު ހަނދާންހުރި އެއްކަމެއްގެ ވާހަކަ މަނިކުފާނަށް ހަނދުމަފުޅުކޮށް އަރުވާނަމެވެ.

މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސަސީއާއި، ދިވެހިރައްޔިޔތުންގެ ޙަޒާނާގައިހުރި ފައިސާކޮޅުން ހައްގުވާ މިންވަރު ބެހެނިވެރި އުސޫލުން ހޯދައިދިނުމަށް މަނިކުފާނު ތިޔަހުންނެވީ މާތްﷲ ގަންދީ ހުވާކުރައްވައިގެންނެވެ.

2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ދިވެހިރައްޔިތުނަށް ހައްގުމިންވަރު ހޯދާދިނުމަށް މަނިކުފާނާ ހަވާލު ކުރެއްވި ބަޖެޓުގެ ޖުމުލައަކީ ގާތްގަނޑަކަށް “ބައްތިރީސް ބިލިއަން ނުވަތަ ބައްތިރީސް ހާސް މިލިޔަން ހުފިޔާއެވެ.” އަލުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ އެ އަދަދަކީ ބޮލަކަށް ދުވާލަކަށް ގާތްގަނޑަކަށް ދެހާސް ދުއިސައްތަ އަށްވުރެ މަތީ އަދަދެކެވެ. މި ބޮޑު ބަޖެޓު ރައްޔިތުންގެ މަޖިލީހުން މަނިކުފާނާ ހަވަލުކުރެއްވީ ވަކިކަމެއް ވަކިގޮތަކަށް ވަކިމުއްދަތެއްގައި ކުރުމަށް ލާޒިމް ކޮށްފައެވެ.

މިއަހަރު ނިމުގެކުރިން ނިންމަށް ނުވަތަ އަމަލީ މަސައްކަތް ފެއްޓުމަށް ބަޖެޓުގައިޖެހި ބަނދަރުތަކާއި ރައްރަށުގައި ހަދަންބުނި ފެނާއި، ނަރުދަމާތަކުގެ އަމަލީ މަސައްކަތް ގިނަ ރައްރަށުގައި ފެށިފައެއް ނުވެއެވެ. މިގޮތުން އަޅުގަނޑު އެރަށަކަށް ނިސްބަތްވާ ނ.މާޅެންދޫގެ ފެނާ ނަރުދަމާގެ ވާހަކަ މިސާލަކަށް ނަގަމާ ހިންގަވާށެވެ.

މިއަހަރުގެ ބަޖެޓުގަ ނ.މާޅެންދޫގެ ފެނާ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް ދެފަހަރުމަތިން ފައިސާގެ ދެލިގަނޑު ބަޖެޓުގައި ޖަހަފައިވީހިނދު، ދެން ނ.މާޅެންދޫގެ ފެނާއި، ނަރުދަމާގެ އަމަލީ މަސައްކަތް ނުފެށުނީމަ، ދެން ސަރުކަރާއި ދިމާލަށް ޝައްކުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު ނ.މާޅެންދޫ ރައްޔިތުންނަށް ލިބިގެން އެބަދެއެވެ. އަޅުގަނޑު މިދަންނަވަނީ ނ.މާޅެންދޫގައި މިސަރުކާރުން ފެނާއި، ނަރުދަމާ ނާލާނެ ވާހަކައެއް ނޫނެވެ. އެކަމަކު މިއަހަރުގެ ބަޖެޓުގައި ދެފަހަރެއްގެ މަތިން ނ.މާޅެންދޫގެ ފެނާއި، ނަރުދަމާ އެޅުމަށް ބަޖެޓުގައި ހިމެނި ފައިސާ ކޮބަހޭ؟

އަޅުގަނޑަށް ގަބޫލު ކުރެވުނު ގޮތުގައި ނ.މާޅެންދޫގެ ފެނާއި، ނަރުދަމާގެ މަސައްކަތް ސަރުކާރުގެ ފެންކުންފުންޏާ ހަވާލުކުރުން އެއީ 2020 އޭޕްރީލުގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކަމިޔާބު ކުރުމަށް ސަރުކާރުން ޖެއްސެވި ދަންތޫރައެކެވެ.

މިވަގުތު ސިޔާސީ މަސްރަހުގައި ކަންހިނގަމުން ދާގޮތަށް ބަލާއިރު، ބަޖެޓުގެ ދެލިގަނޑުގައި މިވަނި،އެވަނި މަސްރޫއެއްގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށް ލިޔެފައި އޮތަސް އެވާހަކަ ގަބޫލްކުރަން އަޅުގަނޑަށް ދައްޗެވެ.

މިއަހަރުގެ ބަޖެޓުގައި މަސައްކަތް ފެށޭނެކަމަށް ލިޔެފައިއޮތަސް މިހާރު ފެނާއި، ނަރުދަމާގެ އަމަލީ މަސައްކަތް ނުފެށިހުރި ރައްރަށުގައި ދެން އެމަސައްކަތް ފަށާނެކަމަށް މިހާރު އަލުގަނޑަށް ލަފާކުރެވޭ ތާރީޙަކީ މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފެބުރުއަރީ ނުވަތަ މާރޗް ހަމުގެ ކުރީކޮޅެވެ.

ވާދަވެރި ސިޔާސީ މާހައުލެއްގެ ތެރެއިން ކަންކަން ހިނގާނަމަ ލޯކަލް ކައުންސިލް ކެމްޕެއިން ސަރުކާރުން ފަށާއިރު މަގުހިނގާ މީހުން މަގުނުހިގޭގޮތަށް ވޯޓް ހޯދުމުގެ ބޭނުމުގައި ފެނާއި، ނަރުދަމާ އެޅުމަށް މީހުން ވެއްޓޭގޮތަށް މަގުތަށް ކޮންނަން ފައްޓާނެއެވެ.

ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ އަސާސީ ކަންކަން ފުއްދަން ރައްޔިތުންގެ މަޖިލީހުން މަނިކުފާނާ ހަވަލު ކުރެއްވި ބަޖެޓުގެ އަސްލު ދެލިގަނޑަށް ބަދަލުގެނެސް، ކޯރޓުގެ ހުކުމެއް އޮތްކަމަށްބުނެ ބަޖެޓުގައި ނުޖަހާ ބޮޑެތި، ބޮޑެތި އަދަދުން ސަރުކާރާއި ގުޅުންހުރި ބޭބޭފުޅުންގެ ކުންފުނި ތަކަށް އެތަން މިލިއަން ރުފިޔާއެއް ދިނުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫނެވެ.

އިސްވެ ލިޔެވި އެދިޔަ މަގައް ސަރުކާރުގެ ކަންކަން ހުރީތީވެ، މަނިކުފާނުގެ ސަރުކާރުގެ އެއް އަސާސް ކަމުގައިވާ ޒީރޯ ޓޮލޮރެންސް މި ޝެއާރު އެއީ ރައްޔިތުންނަށް ހައްގު މިންވަރު ކަށަވަރުކޮށްދޭ، ވައްކަމުގެ އަމަލެއް ނުހިންގޭނެ ނުވަތަ ނުހިންގާނެ ކަމެއްގެ ގޮތުގައި ބަލައިގަންނަން އަލުގަނޑަށް ދައްޗެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close