ނާނު

އަރާފަނި ޖިންނި! (13 ވަނަ ބައި)

މައުލޫދުގެ ކޭން ތައްޔާރުކުރަން ހަދައިގެން އާމިންދައިތަހުރީ އުންބައޯގެ މަތިން ކުޑަކޮށް ހަނދާންނެތިފައެވެ. އުމްބައޯއަށް ކާންދެންވެގެން ގޭގެ ދޮރުމަށްޗަށް ނުކުމެ ބެލިއިރު އުމްބައޯ ފެންނާކަށް ނެތެވެ. އާމިންދާތައަށް ހީވީ ފައިދަށުން ވެލިގަނޑު ދެމިގަނެގެން ދިޔަހެންނެވެ. އަދި ހަރުއަޑުން “ހުސެންކޮއިއޭ” ގޮވާލެވިއްޖެއެވެ.

އުމްބައޯ ދިޔަތަނެއް ނޭގިގެން އާމިންދައިތައަށް ބޭއިހުތިޔާރުގައި ހަޅޭއްލަވާ ގަނެވެއްޖެއެވެ. އާމިންދައިތަ އަޑު ހަރުކޮށް އުންބައޯއަށް ގޮވާއަޑަށް ކައިރި ގޭތަކުގައި އުޅޭމީހުންނާއި، މައުލޫދު ހަރުގޭގެ ބިގަރުގެ އަލި ދެކެލަން އައިސްތިބި ހުރިހާ ފަރުދޭސީންވެސް އާމިންދައިތަ ކައިރިއަށް ކަރަންކާގޭ ދޮރުމައްޗަށް ޖަމާވާން ފަށައިފިއެވެ.

ކަލެންނޭ! މަގޭދަރިފުޅު ހޯދާދޭށެވެ. ހަމަ ދެންމެ މިތާހުއްޓެވެ. އާމިންދައިތަ ހާސްވެފައި ހުރިވަރުން ދެކޮޅަށް ދުވަންފަށާފިއެވެ. ފެނުނު ކޮންމެ މީހެއްގެ ކައިރީގައި ތިމަންނާގެ ދަރިފުޅު ގެއްލިއްޖެއޭ! މި މަގުން ކުޑަކުއްޖަކު ދިޔަހެއްޔޭ ގޮވަމުން ހަންޑި ކަތީބު ގެއާއި ދިމާލަށް އާމިންދައިތަ ހިނގާގަންފިއެވެ. އަދި އެތާ އެއްވެ ތިބި ހުރިހާ މީހުންނާއި ކުދިންވެސް އާމިންދައިތަ ފަހަތުން ދާންފަށާފިއެވެ.

ގުޅުންހުރި ލިޔުންތައް

ޅ.ނައިފަރު މައުލޫދު ގުރޫޕް އިޝާނަމާދަށްފަހު ބޮލުއޮޅި ފޮށައާއި އެކު މިސްރާބު އެޖެހީ ބޮޑުމައުލޫދު ހަރުގެއަށެވެ. ނައިފަރު މައުލޫދު ގުރޫޕު މަޑުކުރުމެއްނެތި ވަދެގެން އައިސް އެ އިށީންނަނީ އެމީހުންނަށް މައުލޫދު ހަރުގެ ތެރޭގައި ތައްޔާރު ކޮށްފައިވާ ހާއްސަ ގޮނޑި ތަކުގައެވެ.

ބޮޑުމައުލޫދުގެ އާދަ ކާދައާއި އެއްގޮތްވާ ގޮތުގެމަތިން ފުރާވަރު ފިރިހެން ކުދިން އަތްދޮންނަ” ލޯކަންވާރަށް” ފެންއަޅާ މައުލޫދު ގުރޫޕުގެ ހުރިހާ މީހުން ކޯދޮންނަ ތައްޓަށް އަތްދޮއްވަން ފައްޓަވާފިއެވެ.

އިންތިޒާރުކުރާ ކޮންމެ ކަމަކަށްވެސް ނިމުން އަންނަ ފަދައިން ނ.ލަންދޫ ބޮޑު މައުލޫދުގެ އިންތިޒާމްތަށް ރޭވިފައިވާ ގޮތަށް ހުރިހާ ކަމެއް އެދަނީ ކުރިއަށެވެ. އެކިރައްރަށުން ދައުވަތު ދީގެން މައުލޫދަށްއައި ހުރިހާ މީހުން މިހާރު އިންތިޒާރު ކޮށްގެން އެތިބީ ބިސްމީގެ އަޑަށެވެ. ޅ.ނައިފަރު މައުލޫދު ކޮމެޓީގެ އިމާމު ކޭމުގެ މަތިނަގާ ބިސްމި ކިޔުމާއިއެކު މައުލޫދުގެ ހުރިހާ ބައިވެރިން އެކުއެކުގާ ބިސްމިކިޔާ ކޭމަށް އިންސާފު ކުރަން ފެށިއްޖެއެވެ.

އާމިންދައިތައަށް ދިމާވެގެން މިއުޅޭ ކަންތަށްގަނޑާއި ހެދި ހަންޑިކަތީބަށް މައުލޫދު ހަރުގެއާއި ދިމާލަށް ދެވޭގޮތެއް ނުވިއެވެ. މުޅި ރަށުތެރެއަށް ރޭއަނދިރި ވެރިވަމުން ދިއުމާއި އެކު އާމިންދާތަގެ ލޭހިންގުން އަވަސްވެ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. އާމިންދައިތަގެ ދެލޯފަދަ އުމްބައޯއަކީ އާމިންދާތަގެ އަލަތު ކައިވެންޏަށް ލިބިނު ފުރަތަމަ ފިހިހެން ދަރިފުޅެވެ.  

ހިނގާދިޔަ ހަދިސާއާއި ގުލިގެން އާމިންދައިތަގެ ހިތައް ފާޑުފާޑުގެ ޝައްކާއި ވަހުމްތަށް ވަންނަން ފަށައިފިއެވެ. އަރާފަނި ހަރުގޭން ނުކުމެގެން ކަރަންކާގެ އާއި ދިމާލަށް ހިނގާފަ އައިއިރު އެއްޔޭ ގޮވާލާފަ ކުރިއަރާދިޔަ ރަތްހެދުން ލާގެންހުރި އަންހެން މީހާ ކުރިމަތިން ފެންނަ ކަހަލައެވެ. އަދި އުމްބައޯއަށް ދޭން ބަދިގޭގަ ބޭންދި ބޮނޑިބަތް ނާށި އުމްބައޯއަށް ލިބުނު ގޮތް ހިތައްއަރާ އާއިންދައިތަގެ ބޯ އިތުރަށް ހާސްވެގެން ހިނގައްޖެއެވެ. އަދި ހަމަ ދެންމެ އުމްބައޯ ގެންގުޅުނު ފޮޅިކޮޅު! ކާކުބާ އުމްބައޯ އަތަށްދިނީ! ބަދިގޭގަ ތަގަރިތެރޭގަ ފޮޅިކޮޅު ބެއްވީ އަހަރެން އެކަމަކު އެފޮޅިކޮޅު އެ އޮތީ އުމްބައޯ އަތުގައެވެ.   

ފަރުދާގެ ތެރޭގައި ނެގޭ ކަންތައްތަކެއް ހިނގަމުންދާކަމުގެ ޝައްކު މިހާރު އާމިންދައިތައަށް ޔަޤީންވި ކަހަލައެވެ. ގުޑާވެސް ނުލާ ހުރިފިޔަވަޅުގެ މަތީގައި އާމިންދައިތަ ހަނު ހުއްޓެވެ. އާމިންދައިތަ ހޭވެރިކަންވީ ހަނޑި ކަތީބު ވާހަކަ ދައްކަން ފެށުމުންނެވެ. އާމިނާއެވެ. ކުރިއަށް ހިނގާށެވެ. އޮފީހަށް ހިނގާށެވެ.

ހަންޑި ކަތީބުހުރީ ނައިފަރު މައުލޫދު ގުރޫޕުގައި ބައިވެރިވާން ވެގެން ހުދުގަމީހާއި އަޅިރޮނގުދެމި ހުދުމުންޑު އަނދެގެންނެވެ. އާމިންދައިތަ އޮފީހުގެ ގޮނޑީގައި ބައިންދާފަ ސަންގު ހިފައިގެން ހަންޑި ކަތީބު އެނުކުންނެވީ އޮފީސް ދޮރުމަށްޗަށެވެ.

މައުލޫދުގެ ހުރިހާ ބައިވެރިން ކައިނުނިމެނީސް ކުއްލިއަކާ އަޑުއިވިގެން އެދިޔައީ އޮފީހުން ސަންގު ފުމޭ އަޑެވެ. ސަންގުގެ އަޑު އިވުމާއިއެކު މައުލޫދު ހަރުގޭގައި ކާންތިބެފަ ކުއްޔިއަކާ ބޮޑު ބާރަމީހުންގެ ގުރޫޕް އެދުއްވާ ގަންނަނީ އޮފީހާއި ދިމާލަށެވެ.

ބޮޑުބާރަ މީހުންގޮސް އޮފީހާއި އަރާހަމަވިއިރު ސަންގުއޮތީ ހަންޑިކަތީބު ކިހިލިފަތް ދަށުގައެވެ. ދުފާގެންހުރެ ސަންގު ފުންމަން ހަދާގެން ފޭބި ރަތްކުޅުން ހަންޑި ކަތީބު ލައިގެންހުރި ގަމީހުގެ މޭމަތީގައި ހުރީ ހުސް ހައްޕުޑެވެ. ހަންޑި ކަތީބު ލައިގެންހުރި ހުދުގަމީހެކޭ ދޯންޏެއްގެ ބަނޑުފިލާގައި “ރަތްކަޑިލާފަ” ހުރުމެކޭ ތަފާތެއް ނެތެވެ.

އާމިންދައިތަ ކަންބޮޑުވެފާ ގޮޑީގައި އިންތަން ފެނުމުން އުމްބައޯ އަދި ނުފެންނަނީކަން ބޮޑުބާރަ މީހުންނަށް ޔަގީން ވެއްޖެއެވެ. މިހާ ހިސާބުން މައުލޫދު ހަރުގެއަށް ޖަމާވެފައިވާ ހުރިހާ މީހުން ކަހަލަ ގޮތަކަށް އޮފީސް ކައިރިއަށް އަތުވެއްޖެއެވެ.

ހަންޑި ކަތީބު ކުރިއަށްޖެހިލާ ރައްޔިތުންނާއި މުޙާތަބުކުރަން ފަށައިފިއެވެ. މާޅެންދޫން މައުލޫދަށް އައި ކުޑަކުއްޖަކު ފިރޯޒުގޭ ކުންނާރުގަސް ދަށުން ގޮތްނެގޭ ބަޔަކު ވަނީ މިރޭ ދެނަމާދު ދޭތެރޭގައި ގެންގޮއްސައެވެ. މިކުއްޖާ ހޯދަން ލަންދޫގެ ހުރިހާ ރައްޔިތުން ނުކުތުމަށާއި، އަދި މައުލޫދު ފެށޭ ގަޑިއަކީ މިރޭގެ 10.00 ގައި ކަމުގައި އަހުރެން ހަމަޖައްސާ ފީމެވެ. އަދި މި އަމުރުގައި ވާގޮތުން މި ކުއްޖާ ފެންނަންދެން ބޮޑުބާރަ މީހުންގެ ގުރޫޕުން މަސައްކަތް ކުރަންޖެހޭނެ ކަމުގައިވެސް ބުނެފައި ވެއެވެ.

މުޅިރަށުގެ ހުރިހާ ރައްޔިތުން ހޯދާވެސް އުންބައޯ ފެންނަ ގޮތެއް ނުވިއެވެ. ލައްދުވަކީ ވާބޮޑު މާރަށަކަށް ވުމުން އުންބައޯ ހޯދުމަށް ރޭގަނޑު ކަނުއަނދިރީގައި ކުރެވޭނެ މާބޮޑު ކަމެއްނެތުމުން ފަތިހު އަލިވުމުން އުމްބައޯ ހޯދުމުގެ މަސައްކަތް ހުރިހާ ރައްޔިތުން ފެށުމަށް ސައްލާކޮށް ދިހަގަޑި ސުންމިނެއްޓުގައި މައުލޫދު ފައްޓާފިއެވެ.

މަގެ ދޫންޏާ! ޗަލޭ މަގޭ ރަންކޮޅާ! މަލަކާ ދޮންހައްވަ މިހެންބުނާ ކަހަލައެވެ! މިރޭ މަލަކާ ދޮންހައްވަ ފެނުމުން ހީވަނީ ފާރިޝް ކަރާގެ ޝަހެންޝާހުގެ ރަނިކަމަނާ ހެންނެވެ. މަލަކާ ދޮންހައްވަ ބޮލުގައި އަޅާފައިއިން ރަންތާޖުގެ ކޮޅުގައި އިން އަލިމަހުގެ ކުރިބޯށިން އަރާގެންދިޔަ ދަޅައިން ހަތަރު އުދަރެހަށް އެވަނީ އަލިއަރާގެން ގޮސްފައެވެ. މަލަކާ ދޮންހައްވައަކީ ޕަރީންގެ ރީތީގެ ގުލްޒާރުން އެތައްފަހަރަކު ރަސްޕަރީގެ ލަގަބު ހޯދާފައިވާ ރީތީގެ ރާނީއެކެވެ.

މިރެއަކީ މަލަކާ ދޮންހައްވަގެ ހަޔާތުގައި އައި ހާސްރޭތަކުގެ ތެރެއިން އެންމެ ހާއްސަ އެއްރެއެވެ. އުންބައޯ ލާގެންހުރި ހެދުން ބޭލުވުމަށްފަހު މިރެއަށް ހާއްސަކޮށް މަލަކާ ދޮންހައްވަ ސީނުކަރައިން ގެނައި “ސޭތާކޮތޯނެ” ހެދުންކޮޅާއި، ސާލުކޮޅު ތުރުކުރައްވާގެން އުމްބައޯ އިންއިރު ހީވަނީ ރާސްފިނޮޅު ރަސްރަނި ކަމަނާގެ ފިރިހެން ދަރިފުޅު ތަޙުތުގަ ވަޑުވާފަ އިންހެނެވެ.

އުމްބައޯގެ ޝަރަފުގައި މަލަކާ ދޮންހައްވަ މިރެއަށް ޙާއްސަކޮށް ތައްޔާރު ކޮށްދެއްވި ސަނދުވާ ހަވޭލީގެ ތައްޔާރު ކޮށްފައިވަނީ ނ.ލަންދޫ މަލަމަތިން ފެންނަމުންއެދާ ބޮޑު ރަތްނިކަގަހުގެ ކުރީގައެވެ. އުމްބައޯ އިނީ ޖާދުވީ މަހެފިލަކަށް ގެއްލިފައެވެ. މިޔުޒިކު ކުޅޭމީހުންނާއި، ބެރުދުންމާރި ތާޅަފިލި ފުމޭ ގުރޫޕްތަށް އުންބައޯ ވަށައިގެން އުމްބައޯ ހިތްހަމަ ޖެއްސުމަށްޓަކައި އެދަނީ ރޭގަނޑުގެ ނާޗަރަންގީ ކުޅެމުންނެވެ.

ޖިންނީންގެ ބަޔަކު އުންބައޯ ޖަހާގަތުމާއި ގުޅިގެން މައުލޫދު ފެށުން ލަސްވިއަސް މިހާރު މައުލޫދު ހަރުގެތެރެވަނީ މައުލޫދުގެ އަޑުން ގުގުމާލާފައެވެ. އަދި މައުލޫދަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ދުންމުޖުމަރާއިން އަރަމުންދާ ދުމުގެ ހިތްގައިމް މީރުވަހުން މުޅި މައުލޫދު ހަރުގެވަނީ ޖޭޒްމީނު މަލުގެ ކުލުޒާރަކަށް ބަދަލް ވެފައެވެ. އަދި ނުނިމޭ!

މިއަންނަ ހަފުތާއަށް އިންތިޒާރު ކޮށްލައްވާ!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close