ކޮލަމް ދީން ސިޔާސަ ނުކުރާށެވެ!

ދީން ސިޔާސަ ނުކުރާށެވެ!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔެފަ ނުލިޔާނެ ވަކި އެއްޗެއް ނެތެވެ. ނޫނީ ބުނެފަ ނުބުނާނީ ވަކި ކީކޭހޭ! އަޅުގަނޑު ހީކޮށްގެން މިހުރީ، މިހާރު ގައުމުގައި ހިނގަމުންމިދާ ދީނީ ހަލަބޮލި ކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުލިޔާނަމެވެ.

މި މައްސަލާގެ ތެރެއަށް ސިޔާސީ ބޭފުޅުންނާއި، އިލުމްވެރިން ކަމައްބުނާ ބަޔަކު ވަދެ، މި ބޮޑު ހައްސާސީ މައްސަލާގެ ތެރެއަށް ކަމުގެ އަސްލު މަސްދަރު ރައްޔިތުންނަށް އޮޅޭގޮތަށް މަސައްކަތް ކުރަމުން ގެންދާތަން ފެންނާތީ، ލިޔާ މީހެއްގެ ހައިސިއްޔަތުން މިކަމާއި ގުޅޭގޮތުން އަލުގަނޑަށް ފެންނަ ދެތިން ވާހަކައެއް ލިޔެލާނަމެވެ.

ދިނީގޮތުންނާއި، ސިޔާސީގޮތުން މުޅިރާއްޖެ ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި ސަރުކާރުގެ ކަންކަން ފާލުންނެއްޓޭ ހިސާބަށް ދިއުމުން ” ކަމުގެ އަސްލު މަސްދަރު” އެއްފަރާތްކޮށް ރައްޔިތުގެ މަޖިލީސް މެދުވެރިކޮށް ސިޔާސީ ގޮތުން ހަވަނަ ހިއްސު ބޭނުން ކުރައްވާ ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި ރައީސް ނަޝީދު އެ ނުކުންނެވީ އެމްއެންޕީއާރސީގެ ބޮޑު ހިޔާނާތުގެ ފަތްތޫރަ ކޮނޑަށް ލައްވަވާގެންނެވެ.

އެމްޑީއެން އުވާލުމަށް ރައްޔިތުންގެ ގިނަބަޔަކު ފާޅުކަންބޮޑު ގޮތަކަށް ސޯޝަލް މީޑިއާ އާއި އާންމު މައިދާން ތަކުގައި ގޮވަމުންދާ މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ ބާރުގަދަ  އެއް މުއައްސަސާގެ ނިންމުން ރައްޔިތުންގެ ވިސްނުމާއި، އަދި ބުއްދިއާއި އެއްގޮތަށް، ރައްޔިތުންގެ މަންދޫބުން މަސައްކަތް ކުރަމުންދާ ވާހަކަ ލިޔަން އަޅުގަނޑަށް އުނދަގުލެވެ.

ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެމްޑީއެން އިން ނެރުނު ރިޕޯރޓުގެ ކަންކަން އޮއްބާލުމަށް ނުވަތަ މިމައްސަލަ ފިނިކުރުމަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެމްއެމްޕީއާރސީގެ ބޮޑު ހިޔާނާތާއި، ވައްކަމުގެ ވާހަކަދައްކާ ރައްޔިތުންގެ އޯނެގެޓިވް ލޭ ހޫނުކޮށް ދެބޯގެރި ދުއްވަން ފެއްޓެވިއަސް، ތިޔަ ކުރައްވަން އުޅުއްވަނީ ކީއްކަން، ފިސާރި ރަނގަޅަށް އަޅުގަނޑު މެންނަށް އެބަ އެނގެއެވެ.

އަޅެ، ކުއްލި މައްސަލަ އެއްގެ ގޮތުގައި މަނިކުފާނު! ހަމަ ކުއްލިޔަކަށް ތިޔަގެންނެވީ އަޑުއަހާ، އަހާ ބާވެގެން މަތިމައްޗަށް ފޮތިއަޅާ ބާވެފައިވާ ވާހަކައެވެ. އެއީ އެމްއެމްޕީއާރސީގެ ބޮޑު ޙިޔަނާތުގެ ” ވައިފޮޅީގެ ” ވާހަކައެވެ.

ސަރުކާރުގެ އޮފީހަކުން ހިންގި ވައްކަމެއްގައި 260 މީހުންނަށް މިލިއަން މިލިއަން ރުފިޔައިން ބައިއެޅި މިއީ ދުނިޔޭގެ ރެކޯރޑެއް ކަމުގައިވުމީ ގާތްކަމެކެވެ. ރައްޔިތުންނަށް ތަންމިނަށް ހާވެފަ ރޯމާދުވާލުހެން އެނގޭކަމެއް އަނެއްކާ މަޖިލީހައް ވައްދާގެން ތިޔަ ހަލުވާގަތީ ކޮންކަމެއް ކުރަން، ކޮންމަގުސަދެއް ހާސިލް ކުރައްވަންތޯ ރައްޔިތުން މަނިކުފާނާއި ސުވާލު ކުރާނެއެވެ. 

ޤާނޫނު ބަދަލު ކުރަން ޖެހެންޏާ ޤާނޫނު ބަދަލް ކޮށްގެން! ގާޒީއަކު އުދަގޫ ކުރަންޏާ ޤާޒީ ވަކިކޮށްގެން، ބޭނުންވާ ކޮންމެ ކަމެއް ޤާނޫނު ހުއްދަކުރާ ގޮތަށް ކުރެވޭ ވަރަށް ތިޔައޮތީ މަޖިލީހުގެ ރުހުންދީފައެވެ.

މަނިކުފާނު ތިޔައީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސެވެ. ޤާނޫނީ ގޮތުން ކަންކަން ކުރެވޭވަރަށް ހުރިހާ ކަމެއް ރައްޔިތުން އެމްޑީޕީއަށް ފަހިކޮށްދީފައި ވަނިކޮށް، ދަތްނެއް ދަތްނޭޅޭ، ކަޅުވެނެއްގެ ގޮތުގައި ސަރުކަރު ވުމުން ދެން އެކަންކަން ފޫބައްދަން ސަރުކާރުގައި ބާފޮތި އަޅަންޖެހޭ ހިސާބަށް ކަންތަށް ދިއުމުމުން ބޮލުން ނައްޓާލާ ވަލުގޯތި ފާތުމަގެ ޖަބުހަތުން ނުސުރާގެ ބުލަޑު ގުރޫޕުގެ ވާހަކަ ކޮންމެހެން ދައްކާނެ ކަމެއްނެތެވެ.

ބަސްމަދު ކޮށްފަ އަމަލް ގިނަކުރައްވާށެވެ. ދައުލަތުގެ ހަރުމުދަލުންނާއި، ޙަޒާނާއިން ވައްކަންކުރި ހުރިހާ މީހުންނަށް ލަސްނުކުރައްވާ ހައްގު އަދަބު ދެއްވާށެވެ. އަދި ގެއްލިފައިވާ ކަމަށް ތިޔަބުނުއްވާ މީސްމީހުންނާއި، ގޮތްނޭގޭ ގޮތްގޮތަށް މަރާފައިވާ މީހުންހޯދާ އަވަހަށް ހައްގުވާ އަދަބު ދެއްވާށެވެ. އަދި ރައްޔިތުންގެ ހިތްތަކަށް ތަސައްލީ ދިނުމަށްޓަކައި އެމްވީ ޑިމޮކްރަސީ ނެޓްވޯކު ޖަމުޢިއްޔާ އަވަސް އަވަހަށް ވުޖޫދުން ފޮހެލަ ދެއްވާށެވެ.  

އަނެއްކާ އަނެއް ވާހަކައެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ޕާރޓީ ހަދާގެން ރައްޔިތުންގެ ޓެކުސް ފައިސާއިން ހަރަދު ކޮއްދިނީމަ ސަރުކާރާއި ރައްޔިތުން ޖެއްސުން ނޫން މާބޮޑުކަމެއް ކުރާތަން މަދުފަހަރަކު ނޫނީ ނުފެނެއެވެ.

އެމްޑީއެންގެ ރިޕޯރޓް ސަރުކާރާއި އިދިކޮޅުގަ ތިއްބެވި ސިޔާސީ ބޭފުޅުން ސަރުކާރު ޕުރެޝަރައްލުމަށް ސޭލުގަ އަގުނުޖަހާ ހޮޓްކޭކުގެ ގޮތުގައި ރައްޔިތުންނަށް ވިއްކަމުން ގެންދާތަން އެބަފެނެއެވެ. މިއީ ވަރައްދެރަވަރު ވާހަކައެކެވެ. އަދި ހަމަ އެހާމެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހިމެނޭ ހައްސާސީ މައްސަލައެކެވެ. އެހެން ކަމަށްވުމުން މިވަގުތު މި ހޫނުގަނޑުގެ ތެރޭގައި މިވާހަކާގެ އިތުރު ތަފުސީލަކަށް އަލުގަނޑު ނުދާނަމެވެ.

ކޮންމެއަކަސް ނޮވެމްބަރު 5 ގައި ރައީސް އަބުދުﷲ ޔާމީނަށް ހުކުން އިއްވާނެ ކަމަށް ގަބޫލު ކުރެވޭތީ، އެކަން ފަނޑުކުރުމަށާއި ގާޒީންނާއި، ރައްޔިތުންގެ ފަރާތުން ހަމްދަރުދީއެއް ހޯދުމުގެ ބޭނުމުގައި އެމްޑީއެންގެ ރިޕޯރޓް ހިއްޕަވާގެން ޕިޕީއެމް،ޕީއެންސީ އިސްވެއޮވެ، ބައެއް ދީނީ ބޭފުޅުންކަމަށް ބުނާ ބަޔަކާއިގުޅި ގައުމު ހަލަބޮލިކުރަމުން ގެންދިއުމަކީ ބަލާގަނެވޭނެ ކަމެއްނޫނެވެ.

އެމްޑީއެންގެ މައްސަލާގައި ސަރުކާރުން ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ވާހަކަ އެބަބުނެއެވެ. އަދި ދިނީ ދަންނަ ބޭކަލުންނާއި،ސަރުކާރުގެ އެންމެ އިސްފަރާތް ކަމުގައިވާ ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުހަންމަދު ސޯލިހާއި ބައްދަލު ކުރައްވާތަންވެސް އެބަފެނެއެވެ. މިކަމުގައި އިސްލަމިކް މިނިސްޓްރީ އިސްވެ އުޅޭތަންވެސް އެބަފެނެއެވެ. މިހެން އޮތްކަމެއްގަ މި މަގަށް މިކަން ހިނގަމުން ދަނިކޮން ބައިބައިވެ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ހަމަ އެއްވެސް ފަރާތަކަށް ސަރުކާރުން ފުރުސަތު ދީގެން ނުވާނެއެވެ.

އަޅުގަނޑަށް ގަބޫލް ކުރެވުނު ގޮތުގަ މި ބޮޑު ދީނީ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ސަރުކާރުން ބުނަމުންދާ މިދަނޑިވަޅުގައި، ” ސަރުކާރުގެ ހިޔޮނިޔަތް އޮތްނަމަ” ސަރުކާރާއި އެކު ދިނީ ޖަމާއަތްތަކުން މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

ނިންމާލަމުން ދެވާހަކައެއް ބުނެލާނަމެވެ. ފުރަތަމަ ވާހަކައަކީ އެމްވީ ޑިމޮކްރަސީ ނެޓްވޯކުން ނެރެފައިވާ ރިޕޯރޓް އެންމެ ހަރުކަށި އިބަރާތުން އަޅުގަނޑު ކުއްވެރިކުރާ ވާހަކައެވެ. އަދި އެރިޕޯރޓް ނެރުނު ބަޔަކާއި ދެތެރޭ ފިޔަވަޅު އަޅަން ދިވެހިސަރުކާރަށް ގޮވާލަމެވެ.

ދެވަނަ ވާހަކައަކީ! ދިވެހިރައްޔިތުންގެ ކުރިއެރުމާއި، ހުރިހާ ނަސީބަކީ މާތްވެގެންވާ އިސްލާމްދީނެވެ. ވުމާއިއެކު ނަސީބުވެރި ބަޔަކަށްވުމަށް، ނަސީބު ލިބިގަތުމަށް ކާބަފައިން އަޅުގަނޑު މެންނާއި ހިސާބަށް ވާރުތަ ކޮށްދިން އިސްލާމްދީން އެގޮތުގައި 100% އިސްލާމީ ދައުލަތެއްގެ ގޮތުގައި އަންނަން އޮތްޖީލަށް ރައްދުކޮށް ދިނުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތިޔަ އެންމެ ދިވެހިރައްޔިތުންނަށް އަޅުގަނޑު ގޮވާލަމެވެ.

ޓެގް

ސިޔާސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.