ނާނު

އަރާފަނި ޖިންނި

( ހަތްވަނަ ބައި )

އަރާފަންޏައް ތައްޔާރުވުން!

ނ.ލަންދޫ ބޮޑުމައުލޫދަށް އެކިރައްރަށުން އަންނަމުންދިޔަ ރައްޔިތުން ގިނަކަމުން ނ.ލަންދޫ ބޮޑުއަތިރިމަތި ވަނީ ފުރާލާފައެވެ. އެންމެ ވައްތަރީ ރާސްފިނުލުގައި ޖައްސާފައި ތިބި ކުރަނގި ބަޔަކާއެވެ. މީހުން ގިނަކަމުން ލަންދޫ ބޮޑުއަތިރިމަތީގައި ހާއަޅާ އެއްވެސް ތަންކޮޅެއް ފެންނާކަށް ނެތެވެ.

މައުލޫދުގެ އިންތިޒާމު ކޮމެޓީގެ ހުރިހާ ބޭފުޅުން ދެފައި އެއްތާ ނުޖަހާ އެ ގެންދަނީ އަވަސް ފިޔަވަލު ކުރިޔަށް އަޅަމުންނެވެ. ކުދިންނޭ! އަވަހިއްޔާ އަވަހެވެ. ހަންޑި ކަތީބު ގޮވަމުން ގެންދިޔައެވެ. ހަމަޖެހިފައިވާ ގެޔަކަށް މީހުން އަންނަ ތަރުތީބުން ގެންގޮސް އަވަހަށް ސަކޭގާ ކޮށްލާށެވެ.

މައުލޫދަށް އައި ބައިވެރިންގެ ފަރާތުން އިވެމުންދާ އަޑަކީ އަރާފަނި ހާދަހާމީރެވެ. މިވަރުގެ އިންތިޒާމު ރަނގަޅު ބޮޑުމައުލޫދަކަށް އަދި އަހަރުމެން ދުވަހަކުވެސް ނާންނަމެވެ. ނ.ލަންދޫ ރައްޔިތުންނަށް ވާ ސާބަހެވެ.

ގުޅުންހުރި ލިޔުންތައް

މަލަކާ ދޮންހައްވަ މަޑުކޮށްލާގެން އެހުރީ އަރާފަނިގޭ ފުރާޅު މަތީގައި ދެކޮޅަށް ދެފައި ފުޅާކޮށްގެން ނ.މާޅެންދޫ އާއި ދިމާލަށް ކުރިމަތި ލަގެންނެވެ.

އުމްބައޯ (އަސްލު ނަމެއްނޫން) ހުރީ އާމިނާބީގެ( އަސްލުނަމެއްނޫން) އަތުގެ ޝަހާދަތް އިނގިލީގައި ހިފައިގެންނެވެ. އާމިނާބީ އުމްބައޯ ގޮވައިގެން އެ ނުކުންނަނީ ނ.މާޅެންދޫ މާވަޑި ގޯތިތެރެއިން ކަމަނަ ހަސަނު ގޯތި ހުރަސްކޮށް ބޮޑުމަގަށެވެ.

ބުޅާލި ކާފަ ދެފައްރޮއްޖަށް ފޫގަޅާލުމަށްފަހު މަޑިސީލަ ޖީބަށް ޖަހާގެން ކުޑަފުތުބެއާއި އެކު އެދަނީ ހޮޅިގޯއްޗަށެވެ. ހޮޅިއަލިބެއާއި ހޮޅިޒަކަރިޔާ ގޮވައިގެން ބުޅާލި ކާފައި މިހާރު އެ މިސްރަބު ޖެހީ ހޮލުވައްޓަށެވެ. އަތްހަ ދައިތަވެސް ހޮޅުވައްޓަށް އެ ނުކުންނަނީ އަތްހަ އިބުރާހިމުގެ އަތުގައި ހިފައިގެންނެވެ.

ހޭސޮރު އަލީ ބޮޑުއަތިރިއަށް ފުރަން އެ ނުކުންނަނީ ނ.ލަންދޫ ބޮޑު މައުލޫދަށް ހެއްދެވި މައުލޫދާއިބެހޭ ވަރައްޙާއްސަ ރައިވަރެއް ކިޔަމުން! އައްޔާބެ އީސަ ކިހީއްޔަށް ޖަހާލާގެންނެވެ. އަލީއަހުމަދުގެ ދާއޫދުބޭ ބޮޑުމައުލޫދަށް ދިއުމަށް އަތިރި މައްޗަށް އެނުކުތީ ގާސިމް ދާއޫދު ކޮނޑުމަތީގައި ބައިންދާގެންނެވެ.

މި އުފާވެރި ހަފުލާއަށް ނ.ލަންދޫ ބޮޑު މައުލޫދަށް ދިއުމަށް ތައްޔާރުވާ ލަސްކަރުގެ އެންމެ އިސްވެރިޔަކީ ނ.މާޅެންދޫ މުދިން ކަލޭގެއެވެ. މިލަސްކަރުގެ އިންތިޒާމު ސެކްރެޓަރީއަކީ ބުޅާލީ ކާފަ އާއި ކުޑަފުތުބެ އާއި އަދި ހޮޅި އަލިބެއެވެ. އަތްދަށުން މަސައްކަތްކުރާ އެހިތެރިންނަށް ބިއްބެވީ ކުޑަކޮއި ޔޫސުމްބެއާއި، ވާކަފައާއި ދިޔާކުޅު ޔޫސުމްބެއެވެ.

ނ.މާޅެންދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނ.ލަންދޫ މައުލޫދަށް ދިޔުމަށް އަތިރިމައްޗަށް ނުކުމެއްޖެއެވެ. މިހާރު ގަޑިން ހެނދުނު ދިހަގަޑި ބައިވަނިއްޔެވެ.

މަސްދޯންޏަށް ހުރިހާ އެއްމެން އެރުމަށްޓަކައި ފައްތިޔާ ދޯނިތަށް އެ ކައިރި ކުރަނީއެވެ. މާގިނަ ވަގުތުތަކެއް ނުނަގާ މާޅެންދޫ މުދިމްބެ އިރުވަރު ބެލުމަށްފަހު ފުރަން އެންގުމުން ހަތަރު ގަޑެތި އެކުއެކުގާ އެ ފުރަނީއެވެ.

މަލަކާ ދޮންހައްވަގެ ރަރްދެލޯ ހުއްޓިފައި އެހުރީ ނ.ލަންދޫ ބޮޑުމައުލޫދަށް ނ.މާޅެންދޫން ފުރައިގެން އެ އަންނަ ވަފުދުގެ މައްޗަށެވެ. މިވަފުދުގައި އެންމެ ތުއްތު ކުއްޖަކަށް ހުރީ އުމްބައޯއެވެ.  އުމްބައޯއަކީ ނ.މާޅެންދޫ އިސްރައްވެހިންގެ ތެރޭގައި ހިމެނޭ މަސްހޫރު ބަބުރަންދައިތަގެ ތުއްތު ކޮއިގެ ޒައިނަބުގެ މާމަ ދަރިކަލެކެވެ.

ނ.މާޅެންދޫ ވަފުދުގެ އިންވެރިއަކަށް ހުންނެވީ މުޅި ދިވެހިރާއްޖެއަށް މަސްހޫރު ސިޔާސީ ލީޑަރު ނ.މާޅެންދޫ މުދިންކަލޭގެއެވެ. މި ވަފުދުގެ އިސްމީހަކަށް ނ.މާޅެންދޫ މުދިން ކަލޭގެ ހުރުމުން، މިވަފުދަށް މަރުހަބާ ކިޔުމަށްޓަކައި ނ.ލަންދޫގެ ކަމުވޮށިގެންވާ ހުރިހާ ބޮޑެތިމީހުން ތިއްބެވީ ބަނދަރަށް ނުކުމެފައެވެ.

ހަންޑި ކަތީބު ކުރިއަށް ޖެހިލާ ނ.ލަންދޫގެ ހުރިހާ ބޮޑުން ފަހަތުގައި ބަރިއަކަށް އަތުރާލާފިއެވެ. މާޅެންދޫ މުދިންބެއަށް މަރުހަބާ ކިޔުމަށްޓަކައި ކުއްޅަވަށް މާބޮނޑި ހިފާގެން ކުރިއަށް އެ ޖެހެލީ ދޮންހަރީރާ ކޮޔެވެ.

ހަންޑި ކަތީބު ގޮވާލިއަޑު އިވިއްޖެއެވެ. މަރުހަބާ، މަރުހަބާ! މާޅެންދޫ މުދިންބޭ! އަމާންކަން ލިބިގެންވާ ހާލު ނ.ލަންދޫއަށް ފައިބާ ވަޑައިގަންނަވާށެވެ. ފައްފަށުން ހަންޑި ކަތީބަށް ޝުކުރު އަދާކޮށް ދެވަފުދުގެ އެންމެން ސަލާމް ގަލާމް ކުރުމަށްފަހު މުދިންބެ އެ ވަޑައިގަންނަވަނީ ލަންދޫ އަރާފަނި ގޭގައި މައުލޫދަށް ވަޑައިގެންނެވި ވަފުދު ތަކުގެ އިސްވެރިންނަށްޓަކައި ތައްޔާރު ކޮށްފައިވާ ހާއްސަ ކުއްޅަވައްފަލު ރަނި ގިމަތައަށެވެ.

ކަންހިނގަމުން ދާގޮޔް ކައިރިން ދުށުމަށްޓަކައި މަލަކާ ދޮންހައްވަ ހުރީ އަރާފަނިރުނބާތަކުގެ ފުރަގަހުން އިރުމަތީ ފަރާތު ބިއްގަނޑާއި ދޭތެރެއަށް ވަދެއެވެ. މާޅެންދޫ މުދިމްބެ އަރާފަނި ހަރުގޭގައި ހުރުމުން މަލަކާ ދޮންހައްވަގެ އަސްލު ސިފައަށް ބަދަލުވާން ނުކެރި ދޮންހައްވަ އެހުރީ ކުއްޅަވައްފަލު ރަނި ގިމަތަ ގެ ތޮށަލި ތަކުގެ ހިޔަންޏަށް ވަދެއެވެ. ( އަދި ނުނިމޭ މިއަންނަ ހަފްތާއަށް އިންތިޒާރު ކޮށްލައްވާށެވެ.)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close