ނާނު

ރައީސް ޔާމީން ގިނިކަންޏާ ދޫކޮށްލުން!

އަޅެ އަޖައިބެއް ނުވޭހޭ! ވީގޮތެއްވާން، ފެތުނިއްޔާ ފެތެން، ކަނޑުވިއްޔާ ކަނޑުވާން ރައީސް ޔާމީނާއި އެކު ކަމަރު ބަންނަވާ ފެއްޓެވި ދަތުރު ނުނިމެނީސް ފަސްމާމުލުންގެ ހަނގުބޭކަލުން ރައީސް ޔަމީނަށް ބޭވަފާތެރިވެ، ބުޅާ ބުޑުގައި އުނބުންޖެހީމަ ދުއްވައި ގަންނަހެން ދުވެގޮސް “ގައުމުޅޮވައްޓަށް” ވަދެ ފިލާފިއެވެ.

ބޭވަފާތެރިވާންވެސް ވަރެއް އޮންނާނެއެވެ. މިއީދެން ފުކެއް ބޮޑުވަރެއްތާއެވެ. ކުރިހުރިހާ ކަމެއްގައި ބައިވެރިކޮށް، ކޭހުރިހާ އެއްޗަކުން ރަހަދައްކާ ލިބުނު ހުރިހާ އެއްޗަކުން ބައިއަޅާ، އެއްފުރާޅެއްގެ ދަށުން ބޯހިޔާވަހިކަންދީ ކުރިހުރިހާ ކަމެއްގައި ޝެއަރދާރުންގެ ގޮތުގައި ކޯޓުގައި ރެޖިސްޓަރީވާ ހިސާބަށް ދިޔައިމަ، ޝެއަރ ނުހޯދާ! މަށެއް ނޫނޭ މަށެއް ނޫނޭ ބުނެ! ބޯދަމާގަންނަން މަސައްކަތް ކުރުމީ ބޭވަފާތެރިކަމުގެ އިންތިހާ ދަރަޖައެވެ.

އަޅެ މި މީހުންނެކޭ މިސްކިތުގައި ހުޅުޖެހި މީހާއެކޭ ތަފާތެއް އެބައޮތްހޭ! ރައްޔިތުންނަށް ހުރިހާކަމެއް ތަންމިނަށްއެނގި ފަލާއެރީމަ ކުށުން ބަރިއްޔަވުމަށް ގާސިމް އިބުރަހިމުގެ އެހީތެރިކަން ހޯދާތީ އަޅެ ހިންޏެއް ނަދޭހޭ! ޤާނޫނުގެ ދިގުއަތް ކުއްވެރިޔާ އާއި އަރާހަމަކުރާ ދުވަސް އަންނަނެކަން ނެގޭހާ ގަމާރު ބައެއްވެސް ނޫންތާއެވެ. މީގެ ކުރިން މީހުން ދައްކާއުޅޭ ވާހަކައެއް އޮވެއެވެ. “ވަގަކަށް ހާސްދުވަސް، ވެރިއަކަށް އެއްދުވަހެވެ.”

މިއަދުގެ ކަންހިނގާ މަގަށް ބުއްދިކުރާއިރު! އިސްވެ ލިޔެވިދިޔަ ކަންކަން އެމަގަށް ހުރީތީވެ! ހުރިހާ ހަޑިއެއް ހޭވުމަށަފަހު  ސަލާމަތުގެ އައްސޭރި އަތުވެދާނެކަމަށް ކުރިއަށް ލަފާކޮށް ހިޔާބޮޑު ގަހެއްގެ ނިވަލައް ވަނުމުގެ ބޭނުމުގައި ގާސިމް އިބުރަހިމްގެ އުނގައް ދިއުމަކީ އެމީހަކާއި ގާނޫނު އަރާ “ހަމަނުކުރާނެ” ކަމެއްނޫނެވެ.

އަޅުގަނޑަށް ގަބޫލް ކުރެވޭގޮތުގައި ސިޔާސީ ގޮތުން މި ހިނގާދިޔަ ކަންތަށްގަނޑަކީ މި ފަހަކަށް އައިސް ހިނގާދާ އެންމެބޮޑު ސިޔާސީ ފިލްމު ސޯ ކަމުގައި ވުމީ “ފަހަރުގައި” އެކަށީގެންވާ ކަމެކެވެ.

މިފަދަ މަންޒަރެއް މީގެ ކުރިން ފެނިގެން ދިޔައީ ރިޔާސީ އިމްތިހާބު ބޯމަތިވެފައި އޮއްވާ މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަލީވަހީދު ޖުމުހޫރީ ޕަޓީއަށް ވެދެ ވަޑައި ގެންނެވުމެވެ. އަދި އިނގިރޭއްސި ވިލާތުގައި ހުންނަވާގެން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ބޮލައް ފިސާރި ރަންގަޅަށް ސަވާރުވެ އެ ޕާޓީގެ ރައީސް ކަންވެސް އަލީ ވަހީދު ހޯއްދެވިއެވެ. 

އަލީ ވަހީދު ޖުމުހުރީ ޕާޓީއަށް ބަދަލުވި ގޮތާއި ބެހެގޮތުން އަޅުގަނޑަށް އަޑުއިވިފައިވާ ވާހަކަތަށް ދޮގުކަމުގައި ނުވާނަމަ އަލިވަހީދު ޖުމުހޫރީ ޕާޓީއަށް ބަދަލުވުމަކީ ރިއާސީ އިންތިހާބު ކާމިޔަބު ކުރުމަށާއި، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ހޯދުމަށް ރައީސް ނަޝީދު ދުރައް ވިސްނަވާ ގާސިމް އިބުރާހިމުގެ ކަރުފުޅުގާ އެޅުއްވެވި ގުއިރޯނުގެ މާފައްޗެކެވެ.

މިހާރު އަނެއްކާ ފެނިގެން މިދަނީ ހަމަ އެކަހަލަ މަންޒަރެކެވެ. ރައީސް ޔާމީނަށް ގޮތްހުސްވެ ސިޔާސީ ހުރިހާ ދޮރެއް ބަންދުވީމަ، ދެން ދާންއޮތް މަގަކީ ޖަލުކަމުގައި ފެންނާތީ، ކުރެވޭނެ މާބޮޑުކަމެއް ނެތުނީތީވެ، އަދި ކޯޓުގައި އޮތް މަނީލޯންޑްރިންގެ ޝަރީއަތުގަ ހެކިވެރިޔާ އަނގަބަހުން ދެއްކެވި ވާހަކާގައި  ސޮއި އޮއްނާނެތޯ އެހޭ ހިސާބަށް ތިމާގެ ބުއްދި ރަންވެ ވާނުވާ ނޭގުނީތީވެ، ދެން ކުރެވެން އޮތްކަމަކީ ގާސިމް އިބުރާހިމުގެ ބޮލަށް ސަވާރުވުން ކަމުގައި ރައީސް އަބުދުﷲ ޔާމީނަށް ގަބޫލު ކުރެވި އަރިހުގައި ތިއްބެވި ފަސްމާމުލުންގެ ހަނގުބޭކަލުން ފޮނުއްވެވީ ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.

ރައްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ސަރުކާރުގެ އިސްވެރިޔަކު ބުނިގޮތުންނަމަ ރައީސް އަބުދުﷲ ޔާމީން އަރިހުގައި ތިއްބެވި ހަނގުބޭކަލުން ގާސިމް އިބުރާހިމްގެ ގާތަށް ދިއުން ނުވަތަ ފޮނުވުން އެއީ، ރައީސް އަބުދުﷲ ޔާމީން އަޑީގައި ހުންނަވާގެން އެމަނިކުފާނު ޖަލުގައި އޮންނަވާއިރު އެހީހޯދުމަށްޓަކައި ތައްޔާރުކުރި ސިޔާސީ “ބަފާކަށަވަރުނޫން” ދަރިއަކު އުފަން ކުރުވުމެވެ.

ގާސިމް އިބުރާހިމަކީ ކިތަންމެ މޮޅު ވިއަފާރި ވެރިއެއް ނަމަވެސް ސިޔާސީ ގޮތުން އެހާ ފުންނާބު އުސްބޭފުޅެކޭ އަޅުގަނޑަކަށް ނުބުނެވޭނެއެވެ. ސިޔާސީ ބަހުރުވައިން ބުނާނަމަ ގާސިމް އިބުރާހިމުގެ ސިޔާސަތު އެންމެ ވައްތަރުވާނީ ވައިއެނބުރޭ މޫސުމަށް އެނބުރޭ ސިޔާސީ ވަހުތާނަކާއެވެ.

ރައީސް މައުމޫނުން ފެށިގެން އިބުރާހިމް މުހަންމަދު ސޯލިހާ ހަމައަށް ރާއްޖޭގެ ވެރިކަމަށް އައި ހުރިހާ ވެރިންވެސް ވެރިކަމަށް އައިސްފައިވަނީ ގާސިމް އިބުރާހިމަށް ތަފާތު ހުވަފެން ދައްކާ އެތަށް ކަންތަށްތަކެއް ކޮށްދޭނެ ކަމުގައި ބުނެ ގާސިމް އިބުރާހިމްގެ ބައިތުލް މާލުން ޙަރަދު ކުރުވާގެންނެވެ. މި މަގަށް މިކަން މިހެން ހިނގިއަސް ނިމިދިޔަ ހުރިހާ ވެރިކަމެއްގާހެން ގާސިމް އިބުރާހިމަށް ލިބިފައިވަނީ ކޮޅުކެއްސެވެ.

މިހެން މިކަން މިމަގަށް ހިނގާދާތީ ދެން ރާއްޖޭގެ ސިޔާސީ މަސްރަހު ބައްޓަންވެގެން ހިނގާދާނެ ގޮތަކާއި ބެހޭގޮތުން އަލުގަނޑަށް ފެންނަ ދެތިން ވާހަކައެއް ލިޔެލާނަމެވެ.

ފުރަތަމަ ވާހަކައަކީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޖުމުހޫރީ ޕާޓީއާއި މިހާރު އަލަށް ގުޅިވަޑައި ގަންނަވާ ޕީޕީއެމްގެ އިސްބޭފުލުން ދެން މާގިނަދުވަހަކު މަޑުން ނުތިއްބަ ވާނެއެވެ. ގާސިމް އިބުރާހިމަށް ގޮނޑި ދައްކާ ބޮލަށް ސަވާރުވެ ސަރުކާރުގެ ކޮންމެސް އުނިސިފައެއް ދައްކާ މަގުމަށްޗަށް ނުކުންނަވާނެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ދިމާވާނެ ކަމައް އަޅުގަނޑަށް ގަބޫލުކުރެވޭ އަނެއްކަމަކީ މިހާރު ސަރުކާރުގެ މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނާއި ޖުމުހޫރީ ޕަޓީއާއި އަލަށް ގުޅުނު ފަސްމާމުލުންގެ ހަނގު ބޭކަލުންނާއި ދެބަސްވެ އަރާރުން އުފެދި ހިފާގަންނާނެއެވެ. މިހާހިސާބުން މުޅި ސިޔާސީ މަސްރަހު ހަކަބޮލިވެ ރައީސް އަބުދުﷲ ޔާމީނު ދެންމެވި ގުއިރޯނުގައި ދެފުށުން ތަތްވެ ގާސިމް އިބުރާހިމް ހުންނަވާނީ ހަތަރު އަނގޮޅި ކަންމަތީގައެވެ. މިކަން މިމަގަށް ހިނގާ ގޮއްސިނަމަ މިކަމުގެ ހުރިހާ ސިޔާސީ ފައިދާއެއް މިފަހަރުވެސް ނަންގަވާނީ ރައީސް މުހަންމަދު ނަޝީދެވެ. ކޮންމެޔަކަސް ބަލަންތިބެމާ ހިންގަވާސެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close