އަރާފަނި ޖިންނި!
( ހަވަނަބައި )
ނ.ލަންދޫ ހިމެނޭ ސަރަހައްދަކީ އާދަޔާ ޙިލާފަށް ޖިންނި ސައިތޯނުން ދޯޅު ސަރަހައްދެކެވެ. 1800 ގެ އަހަރު ތަކުގެ މެދުތެރެއާއި ޖެހެންދެން ނ.މާފަރު، ކޯލާ، ހުރާގަނޑު އަދި ފަރުމުލި ހިމެނިގެން ދިޔައީ ބުނެވޭ ގޮތުގައި ނ.އަތޮޅުގައި ޖިންނި ސައިތޯނުންގެ ހަރަކާތްތަށް ރޭގަނޑު އެންމެ ގިނައިން ފެނުނު ތަންތަނުގެ ގޮތުގައެވެ.
ފަރުމުއްޔަށް ކަނޑުދޮންބެ އެރުމާއި ފަރުމުލީ ގާހުރަމަތިން އަލިގުޅަގުޅަތަށް ފެނުމާއި އަދި ދެނަމާދު ދޭތެރެއަށް ދިޔަވަރުހިކޭ މޫސުމުގައި ލޯކައިފަ ހުންނަ ލަނޑާ ފަދަ މަސްމަހާމެހި އާންމުކޮށް ފަރުމުއްޔަށް ހެނދުނު އަރާ މަސްވެރިންނަށް ފެނުމަކީ ވަރަށް އާދައިގެ ވާހަކައެކެވެ.
އަޅުގަނޑަށް ގަބޫލް ކުރެވުނު ގޮތުގައި އިސްވެ ލިޔެވިފައިވާ ނ.މާފަރު ހިމެނޭ ސަރަހައްދާ ގުޅުންހުރި ތަފާތު ޖިންނީންގެ ވާހަކަތަށް މަދުވެގެން ދިޔައީ 1867 ވަނަ އަހަރު ނ.މާޅެންދޫ ބަބުރަންދައިތަގެ ދޮންމޫސާކޮއި ނ.މާފަރު އެދުރުގޯތި ދޮންމަރިޔަބާ ކައިވެނި ކޮށްގެން ނ.މާޅެންދޫއަށް ދިރިއުޅުން ބަދަލުކުރި ކުރުމުގައި ނ.މާފަރު އެދުރުގޯތިން ދޮންމޫސާ ކޮޔަށް ލިބުނު އަގުބޮޑު ގިނަގުނަ ހަދިޔާ ތަކުގެ ތެރޭގައި ގެންނެވި “ރަތްބަންދު ކާފަގެ” ފަންޑިތަ ފޮތް ނ.މާޅެންދުއަށް ގެނައުމާއި ހިސާބުންނެވެ.
ސިހުރު ހާހޫރަ ކުރުމަށް ދެވިހިފާފައި ތިބި އެތަށް އިންސާނުންނަކާއި އަދި އާންމުންގެތެރޭގައި ނުގެންގުލެވޭވަރަށް މޮޔަކޮށްލަފައިތިބި އިންސާނުން އެދުވަސްވަރު ނ.މާފަރުގައި ތިބިކަން އެނގޭމީހުން މިއަދުވެސް ނ.މާފަރުގައި ދިރި ދުނިޔޭގައި އެބަތިއްބެވެ.
ރަތްބަންދު ކާފަގެ ފަންޑިތަ ފޮތް ނ.މާޅެންދޫއަށް ގެންދިއުމަށްފަހު މި ދެންނެވި ޖިންނި ސައިތޯނުންގެ އުދަގޫ ނ.މާޅެންދޫ، ނ.ލަންދޫއަށް ކުރިމަތި ވެފައިވާކަމުގައި ބުނުމުގެ ފުރުސަތު އެދުވަސް ވަރުގެ ތާރީހުން އެބަފެނެއެވެ.
ރަތްބަންދު ކާފަގެ ފަންޑިތަ ފޮތް ނ.މާޅެންދޫއަށް ގެނެވުނު ފަހުން މެދުނުކެނޑި ނ.މާޅެންދޫ އެދުރު އަލިފުޅުބެ ގޯތި ހުޅަނގު އުތުރު ކަންމަތީގައި އެދުވަސް ވަރުހުރި ބޮޑު ބަނބުކިޔޮ ގަހުގެ ކައިރިން ފަތިސް ހަނދުވަރުދޭ ކޮންމެ ރެއަކުހެން ބޮޑުމީހާ ފެންނަމުންދާ ވާހަކައަކީ މިއަދު މާޅެންދޫގައި ތިއްބެވި އިސްރައްވެހިން ދައްކަމުން ގެންދާ ޔޯލަ ވާހަކައެއް ނޫނެވެ.
މި ފަންޑިތަ ފޮތާއި ބޭހޭގޮތުން އަލުގަނޑު ހޯދިހޯދުންތަކުން އެނގުނީ ނ.މާފަރު އެދުރު ގޯތިން ދޮންމޫސަބެއަށް ހަދިޔާއަށް އެރުވި ފަންޑިތާގެ ފަތްފުއް ތަކަކީ ވަރަށް އާދަޔާ ޙިލާފު ފަންޑިތަވެރި ކަމާއި ގުޅުންހުރި ފަތްފުއް ތަކެއްކަމުގައެވެ.
ނ.މާޅެންދޫ ބުޅާލިކާފަ ބުނުއްވި ކަމަށް ހޮޅިއަލިބެ ބުނުއްވަނީ މި ފަތްފުއް ތަކަކީ ނ.މާފަރަށް ލެއްގި ފަތްފުއް ތަކެއްކަމުގައެވެ. އަދި ސޫފީންގެ ދަންނަ ބޭކަލުން ގެންގުޅެފައިވާ ފެނަށް ނުގިރޭ ކަރުދާހެއްގައި ލިޔެފަވާ އެއްޗެއްކަމަށް ބެލެވޭ ކަމުގައެވެ. އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ 1867 ގެ އަހަރުތަކަކީ ސޫފީންގެ ދަންނަ ބޭކަލުން ދެކުނު އޭސިޔާގައި ދަތުރު ފަތުރުކޮށް އުޅުނު ދުވަސްވަރެކެވެ.
ނ.މާޅެންދޫން މި ފަންޑިތަފޮތް ނަގުލު ވެފައިވާ ބެބޭފުޅުންނަކީ ދޮންމުސާ ކޮއިގެ ދޮންމޫސަ އަލީއާއި، ދޮންމޫސަ އަލީ އީސައާއި އަދި ދޮންމޫސާ ކޮއިގެ ބޮޑުބެބޭ ފުށުގެ ގިނަ ބޭބޭ ފުޅުންނެވެ. މި އާއިލާއަށް ނިސްބަތްވާ ބައެއް ބޭބޭފުޅުންނަކީ ފަންޑިތަ، ހާހޫރަ އަދި ސިހުރު ހެދުމުގައި އަރާތިއްބެވި ބޭބޭފުޅުންކަން އަލުގަނޑު ނ.މާޅެންދޫއާއި ބެހޭގޮތުން ހެދި ތާރީޙި ދިރާސާއިން ޝައްކެއްނެތް މިންވަރަށް އެގުނީތީވެ، ތަރީޙަށްޓަކައި މިފޮތުގައި މި “މިންވަރަށް” މިވާހަކަ ފާހަގަކުރަމެވެ.
ފަންޑިތަ ހަހޫރައިގެ ކަންތަށްތަށް ރަތްބަންދު ކާފަގެ ބޮޑުފޮތް މެދުވެރިކޮށް މުޅި ނ.އަތޮޅަށް ފެތުރުމާއިއެކު 1800 ގެ އަހަރުތަކުގައި ނ.މާފަރު ރައްޔިތުންނަށް ޖިންނި ސައިތޯނުން ކުރަމުން ގެންދިޔަ އުނދަގޫތަކައި ގޯނާތަށް 1950 ގެ އަހަރު ތަކުގައި ދިމާވަމުން ދިޔައީ ނ.މާޅެންދޫ ރައްޔިތުންނަށާއި، ނ.ލައްދޫ އަދި ޅޮހީ ރައްޔިތުންނަށެވެ. މިސާލެއްގެ ގޮތުގައި ނ.މާފަރު ތަޅާގޯތި ނެގިދާނެއެވެ.
މި ދުވަސްވަރު ނ.މާފަރު ތަޅާ މުހަންމަދު ނ.މާޅެންދޫގައި ހުރެފައި މަސްކަނދު ގަޑެއްގައި ނ.ލަންދުއަށް ދިއުމުން ލަންދޫ ރައްޔިތުން ބިރުން ނުނިދާ އުޅުނުކަން ހަނދާންހުރި ދިރިތިބީން މިވަގުތު ނ.ލަންދޫގައި ހިޔޮހާލުގައި ވަކަން ފާހަގަ ކުރަމެވެ.
މިކަން މިހެން ހިނގާ އެ ދިޔައީ ގަބޫލު ކުރެވުނު ގޮތުގައި ރަތްބަންދު ކާފަގެ ފަންޑިތަ ފޮތް އެއީ ގިނަކަންތައް ތަކެއް ނިންމުމުގެ ނުވަތަ ކަމިޔާބު ވުމުގެ މަސްދަރު ކަމުގައި އެފަންޑިތަ ހަދަމުން ގެންދިޔަ ” ބާތިލް” ފަރާތްތަކަށް ގަބޫލް ކުރެވުނީތީ ކަމުގައި ލިޔުމުގެ ފުރުސަތު އެބައޮތެވެ. ނ. ޅޮއްސާ، ނ.ލަންދޫ އަކީ ޒަމާނުއްސުރެ ނ.އަތޮޅުގައި އޮތް ބުޑިސްޓް ވަލު ސިންގަޅައިންގެ ހާމުދުރުން އުޅެފައިވާ ދެރަށެވެ.
ގޮވިގޯތި ޖޮލިފަތިން ތެދުވެ ސޯލިމްބެ ގެއަށް ދިޔަ މަގުމަތީގައި ފީރޯޒުގެއާއި ކައިރިވެގެން އައި އިރު މުޅި ސަރަހައްދުވަނީ މާމެލާމެލީގެ މީރުވަސް ހިއްޕަލާފައެވެ. ނޯށުގައި ޖެހެމުން ދިޔައީ އަދި މިހާތަނަށް ދުވަހަކުވެސް ސޯލިމްބެ އިހުސާސް ކޮށްފައި ނުވާފަދަ މީރުވަހެކެވެ.
ދުވަމުންދިޔަ މީރުވަހުން ސޮލިމްބެގެ ބޮލުގައި އައްސާފައިއޮތް ފޮށާގަނޑު ނަގާ ދެތިންފަހަރު ބޭއިހުތިޔާރުގައި ނޭފަތާއި، މޫނު ފޮހެލެވެއްޖެއެވެ.
އަހާ ސަހަރޯއެވެ. ސޯލިމްބެ ގޯއްޗާއި ފިރޯޒުގެއާއި ދޭތެރޭގައި އެ އޮތް ހަނިމަގުން ވައިސޫރިއެއްހެން އެ ހުރަސްކުރަނީ ކުރިމަތިން ކުއްލިއަކަށް ފިއޮއް ކުކުޅެކެވެ. ހުރި ފިޔަވަލު މަތިން ހަމަ ގުޑާވެސް ނުލާ ސޯލިމްބެ ހަނުހުއްޓެވެ.
ކޮންމެވެސްކަމެއް ގޯސްވެ މީހަކު ސޮލިމްބެއަށް ފާރަލަމުން ހިނގާކަމުގެ އިހުސާސް ސޯލިމްބެއަށް ކުރެވެން ފަށާފިއެވެ. ދެނަމާދު ދޭތެރޭގަ މިވަގުތު މަގުހިނގުން އެހާ ރައްކަތެރި ނޫނަންކަމުގައި ސޯލިމްބެއަށް އިހުސާސް ކުރެވި ފިރޯޒު ގެއަށް ވަންނަވާ ބޮޑުއަށީގެ ބޯލާ ކޮޅުގައި އިންނަވާ ފަލަގި ނާސި ތިންސޫރަތް ތިންފަހަރު ކިޔަވާ ޔާސީން ސޫރަތުގެ ނުވަވަނަ އާޔަތާއި ހިސާބަށް ކިޔަވާ ދެއަތަށް ފުމެލާ މޫނު ފިރުވުމަށްފަހު މުޅިގައިގާ އަތްއުނގުޅާ ލަފިއެވެ.
ސޮލިމްބެ އަކީވެސް މިފަދަ ކަންކަމުގައި ހަށި ދިފައު ވެވޭވަރަށް ތަކެތި ދަންނަ އެޒަމަނާ ގުޅޭ އެންމެ ރަނގަޅު ތައުލީމް ލިބިފައިވާ ބޭކަލެކެވެ. އެހެން ނަމަވެސް މި ދިމާވި ކަންތަށްތަކާއި ގުޅިގެން ސޯލިމްބެ ހިތުގައި ޝައްކު އިންތިހާއަށް ބޮޑުވެ ބިރު އިހްސާސް ކުރެވެން ފަށައިފިއެވެ.
ނިދުމުގެ ކުރިން ހިތަށް ތަސައްލީއެއް ހޯދުމުގެ ބޭނުމުގައި ކަތީބު އިބުރާހިމާއި ބައްދަލު ކުރުމަށް، ކުރުސި ކިޔުމަށްފަހު ކަނާތުފައި އިސްކޮށް ސޯލިމްބެ މަގުމައްޗަށް ނުކުމެއްޖެއެވެ.
ފަހަތަށް ބެލުމެއްނެތި މަގުހިނގާގޮސް ކަތީބު އިބުރާހިމްގޯތި ކަންމަތީގައިހުރި ބަނބުކިޔޮ ގަހުގެ ކުރިން ސޮލިމްބެ ކުރިމައްޗަށް އެވެއްޓެނީ ކަރު އަނބުރާލާފައި އޮތް ރަތްހާލެކެވެ. ރަތްހާ އޮތްގޮތަށް ބޭވުމަށްފަހު ކަތީބު އިބުރަހިމާ ބައްދަލުކޮށް މިވާހަކަތަށް އަލިފުން ޔާއަށް ކިޔާދިނުމަށްފަހު ދެވެރިން އެކުގައި ގޭންނުކުމެ ބެލިއިރު ކަރު އަނބުރާލާފައި އޮތް ރަތްހާ، ޖެހުނުތާ ލަކުނުވެސް ނެތެވެ.
ކަތީބު އިބުރާހިމް ދަންނަ ހުރިހާ ހިޔޮއެއްޗެއް ކިޔުމަށްފަހު ދެފުށުން ކަތުރާނުން ދުންއަޅާ ޖިންނި ސައިތޯނުންނަށް ސޮލިމްބެ ދެން ނުފެންނާނެ ކަމަށްބުނެ ގެއަށް ފޮނުވާލާފިއެވެ. ( އަދި ނުނިމޭ! މިއަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާ)