ހިބަރު ވަދަށް ބަނޑު ދަމާލުން، ރާއްޖޭގެ ތާރީޚްގައި ވީ އެންމެބޮޑު ޚިޔާނާތް!
މިފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ މަސްހޫރު އެކައްޗަކީ ހިބަރުވަދެވެ. ސިޔާސީ މަސްރަހުގަ މިވަގުތު ލީޑުކުޅުއްވާ ބޭބޭފުޅުން ވިދާޅުވާ ގޮތުންނަމަ، ސިޔާސީ ތަރިންގެ މެދުއުޑުގައި އެންމެ ގަދަޔަށް ފިޔަޖަހާ ތަރިންނަކީވެސް ހިބަރުވަދު ތުންގަނޑުގައި ތަތްވެ ޚިޔާނާތާއިގުޅި ލާމެހިފައިވާ ސިޔާސީ އިސްފަރާތްތަކެވެ. އަޅުގަޑަށް އެގިފައިވާ ގޮތުގައި ހިބަރުވަދަކީ ބުޅިއެއް އިންނަ އެއްޗެއްވެސް ނޫނެވެ.
ނޫސްތަކުންނާއި، ޓީވީތަކުގެ ފަލަސުރުޚީން ފެންނަމުން އެދަނީ މި ރާއްޖޭގައި ވެރިންނަށް ތިއްބަވާ ބަޔަކު ދުވަހަކުވެސް ކުރައްވަފާނެކަމަށް ގަބޫލްކުރަންދަތި، އިންސާނީ ބުއްދިއަށްވެސް ގަބޫލް ނުކުރެވޭ ވަރުގެ ގޮތެއްފޮތެއްނެތް ވާހަކަ ތަކެކެވެ. ވައްކަމާ، މަކަރާ، އޮލުވާލުމާއި، ހީލަތުގެ އިންތިހާ ދަރަޖައެވެ.
މިއީ އެއްޗެއް ނުލިޔެ ދޫކޮށްލެވޭ ވަރަށްވުރެ މާ ހައްސާސީ ވާހަކަ ތަކެކެވެ. އެހެން ކަމަށްވުމުން ވެރިކަމުން ދުރުކުރެވުނު ރައީސް އަބުދުﷲ ގެ ވެރިކަމުގައި އެއްވެސް ބެލުމެއްނެތި އޮޅި ފޮޅިއެއްހެން ފައްފައް ޖަހަލާ، ފެށުމުގައިވެސް ބާތިލް އެއްޗެއް ކަމަށްބުނެ، ބާތިލްކޮށްލިހައި އެގުރިމެންޓްތަކުގެ ސަބަބުން ދިވެހިސަރުކަރު މިހާރު އެވަނީ ކަރުތާފެނަށްއެޅި ސިންގަޕޫރުގެ އާބިޓްރޭޝަންގެ ދަށުވެ ބޮލާފޮށާ އެޅުމުގެ މަގުމަތީގައެވެ.
މިދަރަޖައަށް ކަންކަން ދުއްވާލާފަ އަނެއްކާ އިހައްދުވަހު ރައީސް ޔާމީން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި އެވިދާޅުވީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބުރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރު ބަދަލު ކުރެވެއްޖިއްޔާ ނުވަތަ ތިމަން މަނިކުފާނަށް ސަޕޯރޓްކުރާ ސަރުކާރެއް ދުވަހަކުކޮޅުން އަޔަސް މިހާރު އެހަދާ ހުރިހާ އެއްބަސްވުން އެފުއް، މިފުށަށް ޖަހާލާނެކަމުގައެވެ. އެމަނިކުފާނު އެ ވިދާޅުވަނީ ދިވެހި ފަސްގަނޑަށް އުފަން އަދި އަމުދުން ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ ދޫފުޅުން ނިކުމެގެން ނުވާނެ ބަސްފުޅެކެވެ. އަޅުގަނޑަށް ގަބޫލް ކުރެވޭގޮތުގައި މިއީ ދިވެހި ގައުމަށް ގައްދާރު ވުމުގައި ލާމަސީލު ނަމޫނާ މިސާލު ވާހަކަފުޅެކެވެ.
މިހާތަނާ ޖެހެންދެން އަޅުގަނޑު ގަބޫލް ކޮށްގެންހުރީ ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރަކީ ހިންގުންތެރި ތަރައްގީ އެއްފަސްވުން އަވަސް ދުރާލާ ޕުލޭނުކުރެވިގެން ތަރައްގީގެ މަސްރޫޢުތަށް ހިންގަމުންއައި ސަރުކާރެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ގަބޫލް ކުރެވުނު ގޮތުގައި ރައީސް އަބުދުﷲ ޔާމީނު ދިވެހިސަރުކާރު ހިންގަމުން ދިޔައީ ދުރައްރޭވިގެން މާބޮޑެތި ޕުލޭނުތަކެއް ކޮށްގެން ނޫންކަމުގައި ގަބޫލް ކުރުމުގެ ފުރުސަތު ހަމަ މާބޮޑަށް އެބައޮތެވެ.
މަޖިލީހުގެ ކޮމެޓީގެ ލައިވް ޕުރޮގުރާމެއް ބަލައިލިއަސް އަޑުއިވެމުން ފެންނަމުން އެދަނީ މިރާއްޖޭގައި ވެރިކަންކުރެއްވި ރައީސް އަބުދުﷲ ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ތުހުމަތު ކުރައްވާ ވައްކަމާއި ކަރަޕްޝަނުގެ ވާހަކަތަކެވެ.
ރައީސް އަބުދުﷲ ޔާމީނުގެ ވެރިކަމުގެ ތެރެއިން ދެން ފެނިގެން ދިޔަ ޙާއްސަ އަނެއްކަމަކީ ސަރުކާރަށް ކިތަންމެބޮޑު ގެއްލުމެއް ލިބުނަސް އަދި ސިންގަޕޯރުގެ އާބިޓްރޭޝަންގައި އެގުރީމެންޓް ރެޖިސްޓްރީކޮށްފައި އޮތަސް ދެންވާނީ ކިހިނެއްކަން އެކަމަނާއަށް އެނގިލެއްވިއަސް، އެނގިވަޑައިގެން އިންނަވާ، ފާޅުގައި ރައީސް ނަޝީދުގެ ސަރުކާރުން ކޮށްފައިހުރި ބޮޑެތި ބައިނަލް އަގުވާމީ އެގުރިމެންޓްތައް ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނުން ބޭރުން ހިތަށްއެރިއިރަކު، ހިތަށްއެރި ގޮތަކަށް ކުރީގެ ރައީސް އޮފީހުގެ ލީގަލް މިނިސްޓަރ އާޒިމާ އަބުދުއްސަކޫރުގެ ބެލުމުގެ ދަށުން އެހެރީ ބާތިލް ކޮށްލާފައެވެ.
އަޅެނިކަން ދެކިބަލާށެވެ. ތާރީޙަކީ އޭގެ ޒާތުގައި އިއާދަވާއެއްޗެއް ނޫނަސް މިހާރު އެކަމަނާވެސް އެގެންދަނީ މިކަމުގެ ފޮނިމީރުކަން ލިބިގަންނަމުންނެވެ. ނުވަތަ އެމްޑީޕީ ސަރުކާރަށް އަނިޔާދިނުމަށް ޖެއްސެވި ދަންތޫރާގެ މަޅީގައި ހޮދު އެކަމަނާވެސް މިހާރު އެދަނީ ޖެހިވަޑައި ގަންނަވަމުން އެއްކަލަ “ހިބަރު ވަދުގަ” ތަތްވަމުންނެވެ.
ގަބޫލުކުރަން ދަތި އެހެނަސް ހިންގާފައިވާ ކަމަކަށްވާތީ، މިވާހަކަވެސް ކޮންމެސް ވަރަކަށް ލިޔެލާނަމެވެ. އެ އުޅޭ ދެއަތުން ފަރީކުޅުއްވާ ” ސޮރު” ލައްވާ އެއްފަޅުރަށް 3 ކުންފުންޏައް ވިއްކާލާ ތިންފަރާތުގެ އަތުންވެސް ފައިސާ އަތުލި ކަމުގެ ވާހަކަ އަޑުއިވުނީމާ ރައީސް އަބުދުﷲ ޔާމީން ހިންގެވީ ގާނޫނީ ސަރުކާރެކޭ ބުނެވޭނެ އެއްވެސް ގޮތެއް އަޅުގަނޑަކަށް ނުވިސްނުނެވެ. މިކަމާއި ގުޅިގެން މިހާރު ލިބެމުންދާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ ދެފަރާތަކުން މި އެގުރިމެންޓްތަށް ސިންގަޕޯރުގެ އާބިޓްރޭޝަން ހެކިކޮށްފައި ވާކަމުގައި ބުނެވެއެވެ.
މިޒާތުގެ ވާހަކަ މީގެކުރިން އަޑުއިވެނީ މަސްތުވާ ތަކެކި ވިއްކާ ބޮއިއުޅޭ، ކުދިންގެ ފަރާތުންނެވެ. އެކުދިންވެސް ހަކުރުކޮޅުގެ ތެރެއަށް ފުރުސަތު އޮންނަ ފަހަރު ކީހުކުނޑި ކޮޅެއް އެއްކޮއްލާގެން އިތުރަށް ފައިސާ ފޮއްޗެއް ލިބެން އޮތީވިއްޔާ އެކަންކޮށްލައެވެ. މިޒާތަށް އަބުދުއްﷲ ޔާމީން ދިވެހިސަރުކާރު ހިންގާފައިވާކަމީ މިހާރަކު ތޯތޯ ވާހަކައެއް ނޫނެވެ. ދިވެހިރައްޔިތުންނަށް މިއަދު މިވާހަކަ ތަކަކީ އެއްގޮތަކަށްވެސް ސިއްރު ވާހަކަތަކެއް ނޫނެވެ. އަދި އަޑު އަހައަހާ އެއްގޯސް ވެފައިވާ ވާހަކަ ތަނެކެވެ. އެހެން ނަމަވެސް އަބުދުﷲ ޔާމީނުގެ ސަރުކާރުގައި ހިނގާދިޔަ މި ބޮޑުވައްކަންތަކުގެ ތެރެއިން އިނާމުގެ ގޮތުގައި ސްޕާރީ ކޮޅުކޮޅު ލިބުނު ކުދިންނަށް މިވާހަކަ ކަމުނުދިއުމަކީ އެކަން އެހެން ނެތުމެއް ނޫނެވެ.
އިސްވެ ލިޔެވި އެދިޔައީ މިހާރަކު އެހާ ސިއްރު އަދި އާ ވާހަކަ ތަކެއް ނޫނެވެ. ކޮންމެ ދުވަހަކު ނޫސްތަކުގެ ސުރުޙީތަކުންނާއި ގަސްގަހުގައި ތިބޭ ކާޅުތަށްވެސް ގޮވަމުންދާ ވާހަކަ ތަކެކެވެ. ތަފާތަކީ އަޅުގަނޑު މިވާހަކަ މި ލިޔުނު ގޮތާއި، ތިޔަބޭފުޅުންނަށް ގެނެސްދޭ ގޮތެވެ.
މި އާޓިކަލްގައި އިސްވެ، ލިޔެވިފައި އެވާ ވާހަކަ ތަކަށް ބަލާއިރު މިފަހަރު އަޅުގަނޑަށް ފެންނަ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ. މުޅިންހެން ލިޔެވި މިދަނީ ދިވެހިދައުލަތުގެ ޙަޒާނާއިން، ހަރުމުދަލުން، ފައިސާއިން، ވައްކަމާ، ޙިޔާނާތް ވެފައިވާ ވާހަކަތަކެވެ.
ފުރަތަމަ ވާހަކައަކީ! ސަރުކާރުގެ ބޮޑެތި ވަޒީފާތަކާއި، ތަފާތު ކުންފުނި ތަކުގެ މެނޭޖަރ ނުވަތަ އެމްޑީކަން ލިބުމަކީ އެމީހާއާއި، އެމީހާގެ އަނބިދަރިންގެ ނަމުގައި މާލެއާއި ހުޅުމާލޭން އެއްފަހަރާ ފުލެޓްތަށްގަނެ މިލުކު ކުރެވެންވީ ސަބަބެއްނޫނެވެ. ހަލާލްނޫން ފައިސާއިން މިފަދަ ކަމެއްކޮށްފައިވާ ފަރާތެއް ވާނަމަ މިއީ އެކުރި ކަމެއްގެ ހައްގު އިނާމް ޖަލުގެ ކުޑަގޮޅިން އެމީހަކަށް ދޭންޖެހޭ ފަހަރެވެ.
ދެވަނަ ވާހަކައަކީ! ނިމިދިޔަ އަބުދުﷲ ޔަމީނުގެ ސަރުކާރުގައި އެބުނާ ބަޔަކު އެބުނާ ވައްކަން ތަކެއް ކޮށްފައި ހުރީވިއްޔާ ރަނގަޅު ޝަރީއަތެއްކުރެވި ހައްގުއަދަބު ދިނުމަކީ މިހާރު ސަރުކަރުގައި ތިއްބެވި ބޭބޭފުޅުންނަށްވެސް ދެވޭ ރަނގަޅު ފިލާވަޅެއް ކަމުގައި ފުދޭނެއެވެ. މިފަހަރު މިކަން މިމަގަށް ސަރުކާރުން ނުހިންގާފިނަމަ މިހާރު ސަރުކާރުގެ އިސްމަގާމު ތަކުގައި ތިއްބެވި ބޭބޭފުޅުންގެ އަތްޕުޅުގައިވެސް ފަނިއަޅާނެކަމީ ޔަގީން ކަށަވަރު ކަމެކެވެ.
ތިންވަނަ ވާހަކައަކީ! ކޮންމެ ކަމަކީވެސް އޭގެޒާތުގައި ކޮންމެސް ހިސާބަކުން ނިމުމެއް އަންނަ ކަންކަމެވެ. ތާއަބަދު އެއްގޮތެއްގަ އެއްކަމެއް އޮތުމަކީ ފިތުރަތުގެ އުސޫލެއް ނޫނެވެ. ރައީސް އަބުދުﷲ ޔާމީނުގެ ވެރިކަމުގެ ތެރޭގައި މުޅިދައުލަތުގައި ވައްކަމާއި، ކަރަޕުޝަނާއި، މަކަރާއި، ހީލަތާއި އަދި ފިތުނަ އާންމުކޮށްފައި ވަނިކޮށް ﷲގެ ހިޔޮރަހުމަތުން ވެރިކަން ބަދަލުވެ، ސަރުކާރުގެ ހިންގުން ސަލާމަތުގެ އައްސޭރިއަކަށް ގެންދެވިދާނެ ކަމުގެ އުންމީދު މިހާރު އެދަނީ އާވަމުންނެވެ.
ހަތަރުވަނަ ވާހަކައަކީ! ދިވެހިދައުލަތުގެ ހަޒާނާއިން މީހުން ވައްކަން ކޮއްފައިވަނީ ހަމައެކަނީ މިނިދިޔަ ރައީސް އަބުދުﷲ ޔާމީހުގެ ވެރިކަމުގެ 5 އަހަރުގެ ތެރެއަކު ނޫނެވެ. އެހެންކަމަށް ވުމުން ދިވެހިދައުލަތުގެ ހަޒާނާއިން ވައްކަން ކޮށްފައިވާ ހުރިހާ މީހުންނަކީވެސް ޝަރުޢީ ހަމަތަކަށް ބަލައިފީވިއްޔާ ވައްކަމުގެ އަނދަގޮޑީގެ ފޮނިމީރުކަން ހައްގުވާ މީހުންކަން ރިޔާސީ ކޮމިޝަންތަށް ހައްދަވާގެން އުޅުއްވާ ބޭފުޅުންނަށް ހަންދާންކޮށް ދެމެވެ.
ދެންއޮތީ އެންމެ ބޮޑުވާހަކައެވެ! ތިބޭފުޅުން މިހާރު ތިޔަތިއްބެވީ ދިވެރި ވެރިކަމުގެ އާރާބާރުގައެވެ. ބޭނުންފުޅުނަމަ ބޭނުންފުޅު މީހަކު ކުއްވެރިކޮށްފަ، ބޭނުން ނުވާމީހާ ކުއްވެރިނުކޮށް ދޫވެސް ކޮއްލެވިދާނެއެވެ. ނުވަތަ ” ބޭނުންފުޅުނަމަ މަޖިލީހުގެ މެޖޯރިޓީ މިހާރު ތިޔައޮތް ގޮތުން ވައްކަން ކުރާމީހުންނަށް މާތްވެގެންވާ އިސްލާމް ދީނުގައި މާތް ﷲ އަންގަވާފައިވާ އަތްކެޑުމުގެ ހުކުމްވެސް ތަންފީޒު ކުރެވިދާނެއެވެ.” އެންމެ ރަނގަޅު ގޮތަކީވެސް މިއީއެވެ. އެކަމަކު އެހެން އެކަން ކޮށްފިއްޔާ ” ފަހަރުގަ” މީގެ 5 އަހަރުފަހުން ސަރުކާރު ބަދަލުވެ އެންސްޕާގެ އަހަރީ ބަޖެޓް މަޖިލީހަށް ފޮނުވާއިރު މިހާރާއި، އެހާރުގެ ސަރުކާރު އިސްވެރިންގެ ހަތަރެސްފައިނެތް ” ކޮންމަސްބުރި” އުފުލަން ބޭނުން ކުރެވޭ ހާއްސަ ބަރޯ ގިނައަދަދަކަށް ހޯދުމަށް ބަޖެޓުގައި ޖަހަންޖެހުމަކީ ފަހަރުގައި ނުވާނެ ކަމެކޭ ނުލިޔެވޭނެއެވެ.
