ނާނު

ސިޔާސީ ޕިޔޯނުން! – ސަރުކާރު ހިންގުމުގެ ޙަރަދު އިންތިހާއަށް ބޮޑުވޭ!

ވައިއަޑުން ދޮންސީދީ ބުނިއަޑު އެހީމެވެ. އެޖެންޑާ 19 ވުޖޫދުވީ އިބުރާހިމް މުހަންމަދު ސޯލިހު ދިވެހިރާއްޖޭގެ ވެރިކަންކުރުމަށް ހުރިހާމަގެއް ފަހިވާގޮތަށް އަދި ހުރިހާ ވާހަކާއި، ރަހައެއް އެކުލެވޭ ގޮތަށް، ރައީސް ނަޝީދު ހައްދަވައިދެއްވި އިސްތިރި، ވަރިތޮޅި އެކުލެވޭ ތަވީދެއްގެ ގޮތުގައެވެ.

ދޮންސީދީ ބުނުއްވި ގޮތުންނަމަ “އެބުނާ ތަވީދުން ނުފެނުނު އެކަށްޗަކީ ޙަރަދުކުޑަ ރައްޔިތުންނަށް ފައިދާބޮޑު ސަރުކާރެއް ހިންގުމަށް ރޭވިފައިވާ ރޭވުންތަކެވެ.” އެކަން ވާނީވެސް އެހެންތާއެވެ. އިބުރާހިމް މުހަންމަދު ސޯލިހު ވެރިކަމަށް ގެނައީ 4 ޕާޓީ އެކުލެވޭ “ބެހެނި ވެރިންގެ ތެރެއިން” ކިހީއްޔަށް ޖަހަލާލައިގެން ނާލްބޯޓު ދުއްވާ އުސޫލުންނެވެ.  

ދޮންސީދީގެ ވާހަކައިން އެގުނު ގޮތުގައި  މި ރާއްޖެ ކިތަންމެ މުއްސަންޖަސް “ނިސްބަތުން ދިވެހިސަރުކާރު ވެގެން މިދަނީ ދުނިޔޭގައިއޮތް އެންމެ ސިޔާސީ މަގާމުތަށް ގިނަ ސަރުކާރު ހިންގުމުގެ ހަރަދުބޮޑު، ލިބޭއެއްޗަކުން ދެކޮޅުނުޖެހޭ ސަރުކާރެއްގެ ގޮތުގައެވެ. މިނިސްޓަރުންނާއި ހިސާބުން ފެށިގެން ޕިޔޯނުކަމާއި ހިސާބަށް ސިޔާސީ މަގާމްތަށް އުފެދިފައިވާ ސަރުކާރެއްގެ ގޮތުގައެވެ. ދޮންސީދީ ބުނުއްވާ ގޮތުންނަމަ ފެނަކާ އިންޖީނުގެތަކާއި، އެމްޕީއެލްއާއި ރޯޑް ކޯޕްރޭޝަން ހިމެނެނީ ސިޔާސީ ބެހެނިވެރިންގެ ތެރެއިން “ކަނޑާ ވައްދާ” ސިޔާސީ މަގާމުތަށް ދޭ ތަންތަނުގެ ގޮތުގައެވެ. ސަރުކާރެއްގެ ގޮތަށް ބަލައިފީވިއްޔާ މިއީ ހިނިއަންނަ ޒާތުގެ ވާހައެކެވެ.     

ލޯބިވިއަސް ލޯބި ވާންޖެހޭނީ ލޯބި ވެވޭވަރަށްތާއެވެ! ކަމެއް ކޮށްދީފައި އޮތަސް، ކަމެއްކޮށްދެވޭނީ އެކަމެއް ކުރެވެން އޮތްގޮތަކަށްތާއެވެ. މަލިކު ލަވައެއްގަވެސް އޮވެއެވެ. ” ކުރެވޭކަށްވެސް ނެތެވެ، ނުކުރެ ވާކަށްވެސް ނެތެވެ. އަދި ކޮށްގެންވެސް ވާކަށްނެތެވެ.”

ދިވެހިރާއްޖޭގައި މިވަގުތު މިއޮތް ރިޔާސީ ނިޒާމުގައި ޕާޓީތަކުގެ މެދުން ވެރިޔަކު އިންތިހާބު ކުރުން، ނުވަތަ އިންތިހާބުވުން، ވެފައި މިއޮތީ މަލިކު ލަވައިގަ އެބުނާ ކަހަލަ ގޮތަކަށްތާއެވެ.

ޤާނޫނު އަސާސީ ގައި ލިޔެފައިނެތަސް، އަދި އޮތަސް ހަތަރު ޕާޓީ އެކުވެގެން ނޫނީ ރައްޔިތުންގެ ވޯޓުން އިންތިހާބުވެގެން ރައީސުލްޖުމުހޫރިއްޔާކަން ލިބޭގޮތެއްނެތެވެ. ރައްޔިތުންގެ ވޯޓުން އިންތިހާބުވެ ހަމައެކަނި އެއްޕާޓީއަށް ވޯޓުގެ %50 އިންސައްތަ ހޯދައިގެން ވެރިކަމުގައި ހަމަ އިސްކޮޅަށް ދެމިލެވޭނެ ގޮތެއްވެސް ހަމަ ނުފެނެއެވެ. އަދި ހަތަރު ޕާޓީ ގުޅިގެން އުފައްދާ ސަރުކާރުގެ ބަނޑު ސިނގުވެ ސިޔާސީ މަގާމުތަށް ބޮލަށްލައިގެން އުފުލޭހާ ޕަވަރެއް ދިވެހިސަރުކާރުގެ މައިކައްޓަކުވެސްނެތެވެ.

ރައްޖޭގައި މިއޮތް ރިޔާސީ ނިޒާމް އަޅުގަނޑަށް ސިފަވަނީ މަޝްހޫރު ލަވަކިޔުން ތެރިޔާ އަލްމަރުހޫމާ ޖަމީލާ ހަސަން ކިޔުއްވާފައިވާ ލަވައެއްގެ ފެށުމާއެވެ. އެއީ “ފިރުމާލާފަ ކަނާތުން އެޖެހީ މޫނުގަ ވާތުން’ މިކަހަލަ ގޮތަކަށެވެ. ވާނީވެސް އެހެން ތާއެވެ. ރިޔާސީ ނިޒާމަކީ ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒާމު ކަމުގައި އިންސާނީ ތަޖުރިބާއިން ދައްކާފައިވާ ނިޒާމެއް ނޫނެވެ. އަދި ރިއާސީ ނިޒާމް ފާހަގަ ކުރެވެނީ ވެރިކަމުގެ ހަލަބޮލިކަންބޮޑު ވެރިކަންކުރަން އުދަގޫ ކަރަޕްޝަން އިންތިހާއަށްގިނަ ހުދުމުހުތާރު ވެވޭ، ހުދުމުހުތާރުވާ، ނިޒާމެއްގެ ގޮތުގައެވެ.

އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ ރައްޔިތުންގެ މެދުން ވެރިކަމެއް ކުރުމަށް އެންމެ ރަނގަޅު ނިޒާމެއްގެ ގޮތުގައި އިންސާނީ ތަޖުރިބާއިން ދައްކާފައިވާ ނިޒާމަކީ “ޚަލީފާއިންގެ ދަރުބާރީ ނިޒާމް” ނުވަތަ ބަރުލަމާނީ ނިޒާމެވެ.

އަޅުގަޑު މިކޮލަމް ލިޔަންވެގެން މަސްވަރާކޮށްލި ސަރުކާރު އޮފީހެއްގެ އިސް މަސްއޫލު ވެރިއަކު ބުނުއްވި ގޮތުންނަމަ ” ރާއްޖޭގައި މިއޮތް ސަރުކާރަކީ ގައުމުތަކުގެ ނިސްބަތުން ރިކަރެންޓް ހަރަދު އެންމެބޮޑު، ބޭކާރު ސިޔާސީ މުއައްޒަފުން އެންމެގިނަ އެއްސަރުކާރެވެ.” އިތުރަށް އެބޭފުޅާ ވިދާޅުވި ގޮތުންނަމަ ހަތަރުޕާޓީ ގުޅިގެން ވެރިކަމަށް އަންނަ ހުރިހާ ޕާޓީތަކުގެ މީހުންނަށް ސިޔާސީ މަގާމުތަށް ދީ ނިންމޭއިރު ރައްޔިތުން ސަރުކާރަށްދެއްކި ރައްޔިތުންގެ ޓެކުސް ފައިސާއިން ރައްޔިތުންގެ ބޭނުންތަކަށް ހަރަދު ކޮށްލާނެ ފައިސާފޮޗެއް ބާކީނުކުރެވޭގޮތަށް ސަރުކާރުގެ ހިންގުން ބައްޓަން ކުރެވިފައިވާކަން ފާހަގަ ކުރިއެވެ.

ސަރުކާރުގެ އިސްމަސްއޫލް ވެރިޔާ އިތުރަށް ވިދާޅުވި ގޮތުންނަމަ ސަރުކާރުގެ ތަރައްގީގެ މަސްރޫއުތަށް ރޭވިފައިއެވަނީ ދަރަންޏަށް ފައިސާ ހޯދައިގެން ޗައިނާ މީހުންގެ އަތުން ނުވަތަ އިންޑިއާ މީހުންގެ ދެފައިގައި ދޫކާއްތާ ސަލާމް ޖަހާގެން ފައިސާ ހޯދާ ތަރައްޤީގެ މަސްރޫއުތަށް ހިންގާ އުސޫލަށެވެ. މިއީ އަޅުގަނޑަށް ބަލައިގަތުމަށް އުދަގޫ ވާހަކަ ތަކެކެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް މި ސަރުކާރު ރައްޔިތުން ބަދަލުކުރީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރަކީ ވައްކަން އިންތިހާއަށް ގިނަ ކަރަޕްޝަން އިންތިހާއަށް ބޮޑު ސިޔާސީ މަގާމުތަށް ހައްދުންނައްޓާފައި، ކުރުކޮށް ބުނަންޏާ ރަނގަޅު އެއްވެސް ކަމެއްނެތް އަނިޔާވެރި، ބޭއިންސާފު، ސަރުކާރެއް ކަމަށްބުނެފައެވެ.

އެހެންކަމަށް ވުމުން ލިޔެވިދިޔަ ބަދަލުތަށް އިބުރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުންވެސް ފެނުނީމަ ދެން މިހާރު މިވާހަކަ ކޮންމެވެސް މީހަކު މިގޮތަށް ލިޔަންޖެހޭ ކަމުގައި އަޅުގަނޑަށް އެބަގަބޫލް ކުރެވެއެވެ.

އިހައްދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސިޔާސީ މަގާމުތަކާއި ބެހެގޮތުން ރިޕޯޓަރަކު ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުހަންމަދު ސޯލިހާއި ކުރިމަތި ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ކުރީސަރުކާރަށްވުރެން މިހާރުވެސް މިސަރުކާރުގައި ސިޔާސީ މަގާމްތަށް މާ މަދުވާނެކަމުގައެވެ.

މިއަދު އިބުރާހިމް މުހަންމަދު ސޯލިހު އެވާހަކަ އެހެން “ހަމަ” ވިދާޅުވެގެން ނިންމޭކަށް ނޯންނާނެއެވެ.  ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު ރައްޔިތުން ބަދަލުކުރި ސަބަބު އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އެ ސަރުކާރަށްވުރެ މިސަރުކާރުގައި ސިޔާސީ މަގާމް ތަންކޮޅެއް މަދުވުމަކީ ރަނގަޅު ސަބަބެއް ނޫނެވެ. ކަންހިނގާގޮތް، ކަންހިނގާމަގު ދިވެހިރައްޔިތުންނަށް ވަރައްސާފެވެ. އެބޭފުޅާ އެހެން އެ ވިދާޅުވިއިރު ސިވިލްސާރވީސް އިސް މުއައްޒިފުންގެ މައްޗަށް އެ ވައްދަވާ ބައެއް ސިޔާސީ ބޭފުޅުންގެ އަޔްޕުޅުގައި ޕާޓީ ތަކުގެ ދިދަ ނޫން އެހެން އެއްވެސް ލިޔުމެއް ނޯންނާނެއެވެ. މިއޮތް ތައުލިމީ ޒަމާނުގައި މިއީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.  

އަދި މިވަރުން ވަޒީފާތަށް ދީ ސަރުކާރަށް ނިންމާލެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ޕާޓީތަކުގެ ބޭބޭފުޅުންނަށް މެމްބަރު ދޭން ވައުދުވި ވަޒީފާތަށް އެހުރީ އަދި ހަމަ ރޮލާއެވެ. މީގެ ތެރޭގައި މެމްބަރު މޮޅުވެއްޖިއްޔާ ރައްރަށުން ހޯއްދަވައި ދެއްވަން ވައުދުވި ވަޒިފާތަކާއި، ޅިޔަންފަހަރީންނާއި، ގާތްތިމާގެ މީހުންނާއި، ރައްޓެހިންނާއި އަދި ވަޒީފާއެއް ހޯދާދޭގޮތަށް މަސައްކަތް ކުރެއްވި މީސްމީހުންނަށްވެސް އަދި ވަޒީފާދީ ނުނިމެއެވެ.  މިހުރިހާ ވަޒީފާތަކެއް ދީ ނިމޭއިރު ފަހަރުގައި ދިވެހިސަރުކާރު އޮންނާނީ އިދިކޮޅަށް ހުޅުނބު ޖެހިފައެވެ.

މި އާޓިކަލްގައި ލިޔެވި އެ ދިޔައީ ވަރައްތަފާތު ވާހަކަތަކެކެވެ. އަޅުގަނޑުގެ ނަޒަރުގައި މިވަގުތު ދިވެހިސަރުކާރުގެ ތެރޭގައި އާންމު ” ވައްކަން” ނެތަސް، ދިވެހިސަރުކާރު ހިންގުމަށް ދިމާވެފައިވާ އެންމެބޮޑު އެއްގޮންޖެހުމަކީ ނުވަތަ ބުރަޔަކީ އެތައްޕާޓީއެއް ގުޅިގެން ސަރުކާރު އުފައްދަން ޖެހުމާއި، ބޭކާރު މުއައްޒުފުން ތަކަކަށް ވަޒީފާދޭން ދިވެހިސަރުކާރަށް ބަލަދު އެރުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close