ނާނުކޮލަމް

މާލޭ ސިޓީ ކައުންސިލަށް – ކުޅުޖެހުން މަނާކުރުމުގެ ކުރިން ކުރަންހުރި ކަންތައް ކުރައްވާ !

މާލޭ ސިޓީގެ މަގުމައްޗަށް ކުޅުޖެހުން، މާލޭ ސިޓީގެ މަގުމަތީގައި ބިޑި، ސުއްޓާ، ސިގިރޭޓް،  ގުޑުގުޑާ ބުއިން މަނާކުރުން! މިހިރީ މީގެކުރިން  ޔޯލަކޮށްވެސް މީހަކު ދައްކާނުލާ ފާޑުގެ ވާހަކަތަކެވެ. އެކަމަކު މިއަދު އަޑުއިވެމުން އެދަނީ މިކަހަލަ ވާހަކަ ތަކެވެ. މީގެކުރިން މިފަދަ ވާހަކަތަށް އަޑުއިވެނީ ބޯޓުދަތުރުކުރަން ގޮއްސަ އަންނަ ފޮނިކަޑާ މީސްހީހުންގެ ފަރާތުންނެވެ. މިވެނި ގައުމެއްގެ މަގުމަތީގައި މާބުލް ޖަހާފަހުރި ވާހަކައާއި، މިވަނި އެވަނި ގައުމެއްގެ ބާއެއްގެ ކައިރިއަށް ކުޅު ނުޖެހޭ ވާހަކައާއި، މިފަދަ ވާހަކަ ތަކެކެވެ. މިރާއްޖޭން މީގެކުރިން މިކަހަލަ ވާހަކައެއް އަޑުއިވިގެން ގޮސްފައިވަނީ ރައީސް އަބުދުﷲ ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ފަރާތުންނެވެ. މުއިއްޒުވެސް އެއްފަހަރަކު ފޮނިކަނޑަމުންގޮސް ވަގުތުން މަލޭ ސިޓީ ޖަޕާނުގެ ޓޯކިޔޯއަށް ބަދަލުކޮއްލާ ކަހަލަ ވާހަކައެއް ވިދާޅުވިއެވެ.

         އަޅުގަނޑާ މަނިއްޕުޅުގޭ ދޮންހަސަނާ ދިމާވަނީ މަޖިދީ މަގު 70 ނަމބަރު ކައިރީގައި ހުއްޓައެވެ. ސަލާމްކުރަން އަތްދިއްކޮށްލައިފީމެވެ. ކަނާތުގެ ބޮޑުވައިއިނގިލި އަތުގެއެތެރެއަށް ލުމަށްފަހު ދޮންހަސަނު އަޅުގަނޑާއި ސަލާމް ކޮށްލައިފިއެވެ. އަޅުގަނޑަށް ލިބުނީ ހައިރާން ކަމެކެވެ. އަޅުގަނޑަށް ބުނެވިއްޖެއެވެ. ހަސަނާ އިނގިއްޔަށް ތިޔަވީ ކިހިނެއްހޭ! އަޅުގަނޑުގެ އަނގައިގައި އޮތްބަސް ނުނިމެނީސް ގިރުވާނުގައި ހިފައިލުމަށްފަހު ފަހުރުވެރި ކަމައިއެކު ހަސަނު ބުނެފިއެވެ. އަދުނާނުއޭ 2500 މޭލް ދިގުމިނުގައިހުރި ބޮޑު އާގުބޯއްޓެއްގެ ފަލުކާ މަތިޖެހޭއިރު އިނގިލި ބޭއްވެއްޖިއްޔާ ވާނީ މިހެންނެވެ. ހަސަނު އަތްދައްކާލި އިރު ޝަހާދަތް އިނގިއްޔާ ބޮޑުވައި އިނގިލިވެސް އިނީ ހަމަ އެގޮތަށް ބުރިބުރިވެފައެވެ.

         ލަކުނު އެނގޭކަށް ނެތެއްނޫންހޭ! މި ދެއިނގިއްޔަށް ބޭސްކުރީ ޖަޕާނުގެ ވެރިރަށް ކަތަމަންޑޫ އިންނެވެ. އަދުނާނުއޭ ކަތަމަންޑުވަކީ ފަރުކިޔޮޅުކަމުދާން ވަރައްފައްކާ ރަށެކެވެ. އަޅުގަނޑަށް ބުނާނެ އެއްޗެއްވެސް ނޭގުނޭ! ދޮންހަސަނު އެއޮއްހާދުވަހު ދަތުރުކުރަން އުޅުނުއިރުވެސް ނޭޕާލުގެ ވެރިރަށް ކަތަމަންޑުވަކީ ފަރުބަދަ ތަކުގެ ތެރޭގައި އޮންނަ ރަށެއްކަންވެސް ހަސަނު ނުދެނަހުއްޓެވެ. މިވަގުތު މާލެތެރޭގައި އަޑުއިވެމުންދާ ވާހަކަތަކަށް ބަލާއިރު މާލޭ ސިޓީ ކައުންސިލް ސިފަވަނީ މަނިއްޕުލުގޭ ދޮން ހަސަނާއެވެ. ނޫނީ ކުކުޅަށްވުރެ ބިސްދޮށީވެގެން އުޅޭ ގޮތަށެވެ. ކުރިން ކުރަންޖެހޭ ކަމެއް ނުވަތަ ފަހުން ކުރަންޖެހޭ ކަމެއް ސާފްނުވާ ބައެއްގެ ގޮތުގައެވެ.

         އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިއަދު މިއީ ” މައުލޫމާތުގެ ޒަމާނެވެ.” ނުވަތަ ޓެކްނުލޮޖީގެ ޒަމާނެވެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުގެ ތެރެއިން 40 އަހަރުން ދަށުގެ ހުރިހާ މީހުންނަކީ އިނގިރޭއްސި ބަހުން ލިޔަންކިޔަން ދަންނަ ސްމާރޓް ފޯނު ހިފައިގެން އުޅުއްވާ ބޭފުޅުންނެވެ. މިބޭބޭ ފުޅުންނަށް ދުނިޔޭގެ ކުރިއަރާފައިހުރި ގައުމުތަކުގައި ރޭވުންތެރި ކަމައިއެކު ކަންކަން ހިންގުމުގައި ރޭވުންތެރިކަން ތަރުތީބު ކޮށްފައިވާގޮތް ރަނގަޅަށް ފަހުމް ވާނެއެވެ.

        އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ އދ އިން ދުނިޔޭގެ ގައުމުތަށް ކެޓަގަރީސް ކުރަނީ 3 ގޮތަކަށެވެ. އެއީ ފަގީރު ގައުމުތަކާއި، ކުރިއަރަމުންދާ ގައުމުތަކާއި، ކުރިއަރާގޮސް ތަމަންދުންނާއި ތަހުޒީބު ހާސިލް ކޮށްފައިވާ ގައުމުތަކެވެ. އދ އިން މިވަގުތު ރާއްޖެ ސިފަކުރަނީ މެދުފަނތީގެ ގައުމެއްގެ ގޮތުގައެވެ. އެހެން ކަމަށްވަނީނަމަ މިވަގުތު މި ރާއްޖެ ދަތުރުކުރަމުން ދާންޖެހޭނީ ތަރައްގީގެ ފަހި ދުވެލީގައި ފައްސިޔަދަށު ވައިގައެވެ. އާންމު ދިރިއުޅުމުގައި ރައްޔިތުންނާއި ކުރިމަތިވާ ކަންތައްތަށް އެއީ ފަސޭހަ ކަންކަމުގައި ވާންޖެހޭނެއެވެ. ސަރުކާރުން ހިންގާ ކަންކަންވެސް ހިންގަންޖެހޭނީ މި އުސޫލުން ކަމުގައި ގަބޫލް ކުރެވެއެވެ.

            އިންސާނާ އަނގައިގަ ހުންނަ ކުޅަކީ ތަބީއީ އެއްޗެކެވެ. ބައެއްފަހަރު އިންސާނާ ބޭނުން ނުވިއަސް އަނގަޔަށް ކުޅުގިނަވުމުން އެކުޅު އެހުރި ތަނަކަށް ބޭރުކޮށްލަން ޖެހެއެވެ. ނޫންނަމަ ބައެއް މީހުން ހޮޑުލަވާގޮތްވެސް ވާނެއެވެ.  އެހެން ކަމަށްވުމުން ކުޅުޖެހުމަކީ އިންސާނާގެ ކަށީގައި ހިފާފައިވާ ނުބައި އާދައެއްގެ ގޮތުގައި ފާހަގަކުރެވޭ، އެކަމަކު ކުރާކަމެކެވެ.  މީގެ ހެއްކަކީ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ދަނޑުމަތީގައި ބޯޅަކުޅެމުންދާ ހުރިހާ ވަގުތެއްގައިވެސް ހުރިހާ ކެމެރާ ތަކެއްގެ ކުރިމަތީގައި ޗޮއްކިޔާފައި ދަނޑު މައްޗަށް ކުޅުޖަހާތަން ފެނެއެވެ. މިދެންނެވީ ދުނިޔޭގައި ތިއްބެވި އެންމެ މަސްހޫރު އެންމެ މުއްސަދި މީސްމީހުންގެ ވާހަކައެވެ. މިހެން އޮތްކަމެއްގައި ރައްޔިތުންނަށް މާބޮޑު އެނގުމަކާއި ނުލައި،  ރައްޔިތުން ހޭލުންތެރި ކުރުވުމެއްނެތި، އަދި ހޭލުންތެރި ކުރުވުމުގެ ޕުރޮގުރާމްތަށްވެސް ނުހިންގާ ހަމަ އޯވަރ ނައިޓަކުން މަގުމަށްޗަށް ކުޅުޖެހުން މަނާކުރުމަކީ އެންމެ ޒިންމާދާރުގޮތް ކަމުގައި ލިޔެވޭކަށް ނެތެވެ.

        މިފަދަ ކަންކަމުގައި ނަމޫނާ ގައުމެއްގެ ގޮތުގައި މުޅި ދުނިޔޭންވެސް ފެންނަން އޮތީ ސިންގަޕޫރެވެ. ސިންގަޕޫރު ސަރުކާރުން ރައްޔިތުން މަގުމަށްޗަށް ކުޅުޖެހުން މަނާކުރީ މަގުތަށްމަތީގައި މާބުލްޖަހާ ކޮންމެހެން ކުޅުޖަހަން ބޭނުންވާ މީހާއަށް ޖެހިގެންހުރި ފަހާނާ ތަކުން އެޒަރޫރީ ކަންކަން ފުރިހަމަ ކުރެވޭނެގޮތް ހަމަޖައްސާ ދީފައެވެ. ދެން އެމީހާ ގަވައިދާ ހިލާފަށް މަގުމަށްޗަށް ކުޅުޖަހާފީ ވިއްޔާ ސިޓީކައުންސިލުން ޖޫރިމަނާ ކުރިއަސް ބުނެވޭނެ އެއްޗެއް ނެއްތާއެވެ.

        ގައުމެއްގެ ހަޔާތުގައި ތަރައްގީ އެއްފަސް ކުރަމުންދާއިރު ދުރާލާ ރާވާ ހިންގަންޖެހޭ ކަންތަށް ތަކެއްހުރެއެވެ. މިގޮތުން އެނމެ ފުރަތަމަ ތަރައްގީ ވާންޖެހެނީ އިންސާނާއެވެ. އިންސާނާ ތަރައްގީނުވެ ނުވަތަ އިންސާނާގެ ފިކުރާ ބުއްދި ޒަމާނާ އެއްގޮތަށް ތަރައްގީ ނުކޮށް ގައުމު ތަރައްގީ ކުރުމުގެ ނަމުގައި މާލޭސިޓީ ކައުންސިލުން ކިތަންމެ ހަރުކަށިކޮށް ކަންކަން ރާވާ ހިންގަން އުޅުނަސް ނުކުންނަ ނަތީޖާއަށްވުރެ ރައްޔިތުންނަށްވާ އުދަގުލާ ދުއްތުރާ މާބޮޑުވާނެއެވެ.

         ޤާނޫނެއްގައި ލިޔެފައި އޮތަސް އަދި ނެތަސް މާލޭސިޓީގައި ދިރިއުޅޭ ނުވަތަ މާލޭ ސިޓީއަށް ޒިޔާރަތްކުރާ ކޮންމެ ރައްޔިތެއްގެ އަސާސީ  ދިރިއުޅުމުގެ ނުވަތަ ހިނގާ، ބިނގާވެ އުޅުމުގެ އަސާސީ ހައްގު މާލޭސިޓީ ކައުންސިލުން ކަށަވަރު ކޮށްދެން ޖެހޭނެއެވެ. އެންމެ ފުރަތަމަ ކަމަކަށް މިކަން ސިޓީކައުންސިލުން ރައްޔިތުންނަށް ކަށަވަރު ކޮށްދޭށެވެ.

         މަގުމައްޗަށް ކުޅު ނުޖަހަން އަންގާއިރު އަޅެ މާލޭގެ މަގުތަށް މަތީގައި އަމާން ކަމައިއެކު މީހަކަށް ހިނގާބިގާވެ އުޅެވޭނެގޮތް އެބައޮތްހެއްޔެވެ.؟ ހިނގަހިނގާހުއްޓާ ކުޑަދަރިފުޅުގެ ބޮލަށް އެ ވެއްޓެނީ ސިމެންތި ބަސްތާއެކެވެ. ދެން ކުރިއަށް ޖެހިލާއިރަށް އޮމާން ޓިނުގަނޑެކެވެ.  އޭގެފަހަތުން ދޮރުކަނީގައި ބާއްވާފައިއޮތް ކަޓިންބޯޑެވެ. މަގުހިނގާ މީހަކު ގަލޯހާޖާ ކޮށްލަން ބޭނުންވެއްޖިއްޔާ ވަންނާނެ ފާޙާނާ ގަނޑެއްހާ ހިސާބުވެސް މަގުތަށް މަތީގައި ނެތެވެ. ހިނގާމީހަކު ޒަރޫރީ ހާލަތުގައި ބޮޑުކަމް ދާންޖެހޭނީ ލައިގެން ހުންނަ ފަޓުލޫނު ގަނޑަށެވެ. ހިނގަންޖެހޭނީ ދެފައި ދޭތެރެއަށް ފެންހިންދަން އަޅާފައިއޮތް 3 ހޮޅި ވައްދައިގެންނެވެ. އަދި މަގުމަތީގައި އަތުރާފައި އޮތް ގާތަށް އެންމެ ވައްތަރީ މާފުއްޓަރެއްގެ ރާޅުބިންދާ ގާހުރަޔަކާއެވެ.

           އަތުގައި އޮންނަ ފޯނު ޖެހިގެންހުރި ގޭގެ ބަލިސޮރު ޖަހައިގަނެގެން ދުއްވައި ގަންނާނެއެވެ.  ޕޮލިހަށް މައްސަލަ ހުށައަޅާއިރު ސީސީ ޓީވީ ފުޓޭޖް މަސައްކަތެއް ނުކުރާނަމެވެ. ރެޑްހޭންޑުކޮށް ރައްޔިތުން ވަގު ހިފާ ޕޮލިހާ ހަވަލުކުރިއަސް މައްސަލަ ޝަރީއަތަށް ދާންދެން ދެއަހަރެއްހާ ދުވަހު އެސޮރު ހުންނަނީ ދޫކޮށްލައިފައެވެ. މިސޮރުގެ ޝަރީއަތް ހިންގާ ހުކުމް ކުރެވޭއިރު އިތުރު އެތައްބައެއްގެ ފޯނު އަތުލާ އެތަށް ވައްކަމެއް ހުންނަނީ ކޮށްފައެވެ. މިހާލަތަށް މާލޭސިޓީ ބަދަލުވެފައި ވާއިރު ސިޓީކައުންސިލް ތިޔައޮތީ ” މާނިދިން”  ނިދާފައެވެ.

         ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. ހޮޓާތަކުގައި ސިގިރޭޓްބުއިން މަނާ އިސްޓިކާ ޖަހަފައި ހުރެއެވެ. ގުޅާނެ ފޯނުނަމްބަރުވެސް ހުރެއެވެ. ކުރާ ޖޫރިމަނާގެ އަދަދުވެސް އެގެއެވެ. އެކަމަކު ސިގިރޭޓް ބޯމީހުން ހުރަހެއްނެތި ހޮޓާ ތަކުގެ ތެރޭގައި ސިގިރޭޓް ބޮއެވެ. ހަމަ އެކަންކުރެއެވެ. މި ސިލްސިލާގެ ތެރެއަށް މިހާރު އިތުރު އެވަނީ ސިގިރޭޓާއި، ކުޅުޖެހުމެވެ.

         މިހާހިސާބުން އަޅުގަނޑުގެ ސުވާލަކީ މާލޭ ސިޓީކައުންސިލުން މި ތިންކަންތަކުގެ ތަންފީޒީ މަރުހަލާ ހަވާލުކުރާނީ ދައުލަތުގެ ކޮންފަރާތަކާހެވެ. ޕޮލިހުންނާހޭ! ނޫނީ ސިޓީކައުންސިލްގެ މޭޔަރާހޭ! މިހެން މި ދެންނެވީ މަނާ ތަންތާގައި ސިނގިރޭޓް ބުއިމަ ޖުރޫރިމަނާ ކުރަން މަސައްކަޔް ކުރާތަން ފެންނަނީ ޕޮލިހުންނެވެ. މިކަމުން ޕޮލިހުންނަށް ނެރެވުނު އެއްވެސް ނަތިޖާއެއް ނެއްއިރު ހޮޓާތަކުގެ ކާމޭޒް ދަށުގައި ހުރަހެއްނެތި އެގެންދަނީ ސިގިރޭޓް ބޮމުންނެވެ. ކުރުކޮށް ލިޔާނަމަ ބުނެވޭނީ މާލޭ ސިޓީކައުންސިލަށް ތަންފީޒު ނުކުރެވޭކަމެއް ކުރަން އުޅުމަށްވުރެ ތިމާމެންނަށް ކުރެވޭވަރުގެ ކަމެއްކުރަން ރޭވިއްޔާ އަޑުއަހާ މީހާއާއި، ކިޔާމީހާއަށް ހަނުހުންނަން ފަސޭހަ ވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close