ލޮބުވެތި މަންމަ
ޅެން: ޢަލީ ޒިޔާދު / ލަންދޫ (ޢ.ޒ)
މަންމަގެ އަތުން ފިރުމުންތަކެއް، ނޫނީ މަށަށް ލިބިފައި ނުވޭ
މަންމަގެ ލޮލުން ހިތިކަރުނައެއް، ވެއްޓޭކަށެއް ބޭނުން ނުވޭ
ކެތްތެރިކަމާ ހިތްތިރިކަމުން، މަތިވެރި ނަމޫނާ ދައްކައޭ
މަންމަގެ ފަރާތުން ހިތްވަރެއް، ނޫނީ މަށަށް ފެނިފައި ނުވޭ
ހަލަބޮލިމިވާ ދުނިޔޭ ތެރޭ، އަނިޔާތަކެއް ލިބުނަސް މަށަށް
މަންމަގެ ފަރާތުން ހިތްވަރެއް، ނޫނީ މަށަށް ލިބިފައި ނުވޭ
ލޯތްބާ އަޅާލުން ދިނުމާ، ނުކުރޭ ތަފާތެއް މިތަނުގާ
މަންމަގެ ފަރާތުން އުނިކަމެއް، ހޯދާ މަށަށް ހަމަ ފެނިނުވޭ
ހާނާ ދަރިން ދީނަށް މިތާ، އެކި އަޅުކަމަށް ހިތްޖައްސުވާ
މަންމަގެ ފަރާތުން ދަސްވަނީ، އޯގާވުމަށް ސިއްރެއް ނުވޭ
ކުޑައިރުގަޔާ ބޮޑުވީމަޔާ، އައިއުނިކަމެއް ނެތް ލޯތްބަކަށް
މަންމަގެ ފަރާތުން ހެޔޮކަމެއް، ނޫނީ މިތާ ހަމަ ފެނި ނުވޭ
ދީފާ ވަނީ ތަޢުލީމުވެސް، އުޅެވޭވަރަށް ތަމްރީނުވެސް
މަންމަގެ ފަރާތުން ނުވިކަމެއް، ވާނޭ ތަނެއް ހަމަ ފެނިނުވޭ
ގިސްލާ ރޮމޭ ވެވިދާނެތީ، އިހުމާލަކުން އަނިޔާ މިތާ
މަންމަގެ ޙަޔާތަށް އުނިކަމެއް، އަންނާކަށެއް ބޭނުން ނުވޭ
ޔާ އިލާހީ މަންމަޔަށް، ދެއްވާށި ފުރިހަމަ ޞިއްޙަތެއް
މަންމަގެ އުފާތައް ނިމުމަކަށް، އަންނާކަށެއް ބޭނުން ނުވޭ
8 ރަމަޟާން 1440
13 މެއި 2019
ކޮމެންޓް (0)
ލޯޑް ކުރަމުން...