ޅެން

ބައްދަލުވަމުން ރަމަޟާންމަހާ (ޅެން)

ބައްދަލުވަމުން ރަމަޟާންމަހާ ….

ޢަލީ ޒިޔާދު / ނ.ލަންދޫ (ޢ.ޒ)

ބައްދަލުވުމަށް ނިކަން ފަހެ ބޭނުންވަނީ ރަމަޟާންމަހާ

       ގުނަ ގުނަ ހުއްޓާ ދުވަސް ބައްދަލުވަނީ ރަމަޟާންމަހާ

އެދިގެން ވަމޭ ބައްދަލުވެގެން އެކުގައި ވަގުތު ރަމަޟާންމަހާ

      ގުނުމަށް އެހެޔޮކަންތައް އެކީ ދަރުމައިގެ މާތް ރަމަޟާންމަހާ

ކުރެވިފައި މިޙަޔާތުގައި ވާނަމަ ކުށެއް އެނގި ސިއްރުގާ

       އެދެނީ އެކަން އިސްލާޙުކޮށް  ބައްދަލުވުމަށް  ރަމަޟާންމަހާ

މީހެއްގެ މުދަލަށް އަބުރަކަށް ވެވިފައި ޚިޔާނާތް ފާޅުގާ

       ވާނަމަ އެދެން މަޢާފަށް ރޮމުން  ބައްދަލުވުމަށް ރަމަޟާންމަހާ

ބުނެވިފާ ވާނަމަ  ބަހެއް ހިތުގައި  ޖެހޭފަދަ ގޮތެއްގާ

      އެދެމޭ  މަޢާފަށް  ޅެންބަހުން  ބައްދަލުވުމަށް ރަމަޟާންމަހާ

ޔާ އިލާހީ ނިކަމެތި އަޅާ  ކުރަނީ ދުޢާ އެދިގެން އެވާ

       ބަރަކަތާ އަދި  ފުއްސެވުން  ބައްދަލުވުމަށް  ރަމަޟާންމަހާ

ދެއްވާށި ފުރިހަމަ ޞިއްޙަތެއް ކުރުމަށް އަޅުކަންތައް އެވާ

      އެދެނީ  ތަޢުފީޤަށް އަޅާ   ބައްދަލުވުމަށް  ރަމަޟާންމަހާ

ބައްދަލުވުމަށް އެދެނީ އަޅާ  ރޭ  އެމަތިވެރި  ހާހުންގުނާ

      އެދުމެކޭ މިއީ އެނގި ހާމަވާ  ބައްދަލުވުމަށް  ރަމަޟާންމަހާ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close