ނާނު

ރަންފަޅޯ ދޮންތުއްތާއި އެކު ސިޔާސީ ކޮފީއެއްގަ!

އަޅުގަނޑާ ރަންފަޅޯ ދޮންތުއްތުއާއި ދިމާވަނީ ޖުމުހޫރީ މައިދާން ކަންމަތިންނެވެ. ދޮންތުއްތު ކުރެން އަޅުގަނޑަށް އަހާލެވުނީ ކިއްހޭ ތިޔަކުރަނީ! ރަންފަޅޯ ދޮންތުއްތު ގެ ޖަވާބަކަށްވީ ހަމަ ދެންމެ އޭ މިއައީ އިނގިރޭއްސި ވިލާތުން!  އިގިރޭއްސި ރާނީއާއި އެކު ކަޅުސައިތައްޓެއް ބޮއިލައިގެން! އަދި މާދަމާ ހެނދުނު ކުލައުޑިއާ ޝިފާއާއި އެކު ބުރެކްފާސްޓަށް ޖަރުމަނީއަށް ދާނަމެވެ. އަދި ހަމަ މާދަމާ ނުވަގަޑި ސައި  ހަމަޖެހިފައިވަނީ މައިކަލް ޖެކްޝަން އާއިއެކު އެމެރިކާގައެވެ. ރަންފަޅޯ ދޮންތުއްތު މިދެއްކި ވާހަކައިން އަޅުގަނޑު ގާތަށް އައީ ހިންޏެވެ. އަލުގަނޑަށް ބުނެވިއްޖެއެވެ. ބަލަ މޮޔަގަނޑާއެވެ. މިހާރު މައިކަލް ޖެކްޝަން ނިޔާވެއްޖެ ނޫންހޭ! އަލުގަނޑު މިހެން ދެންނެވުމުން ރަންފަޅޯ ދޮންތުއްތު އަޅުގަނޑު ދެކެ ރުޅިއަތުވެއްޖެއެވެ. އަދި އަޅުގަޑާ ދިމާލަށް ބުނަމުން ގެންދިޔައީ ބަލަ އަދުނާނާއޭ! ތިޔޮއްވަރައް ލިޔާ މީހާއަށްވެސް ހާދަހާވާ އެއްޗެއް ނޭގުނެވެ. އާންމު ގޮތެއްގާ ރާއްޖެއަށް އަންނާނީ 4 މޫސުމެވެ. އެއީ އިރުވާ މޫސުމާ، ހުޅނަގު މޫސުމާ، ޙިތާނީ މޫސުމާ އަދި ރައްޔިތުންގެ މަޖިލީހުގެ ދާއިރާ މޫސުމުވެ. ދާއިރާ މޫސުމަށް ކުރިމަތި ލައްވާފައިވާ ބޭބޭފުޅުން ދޮގުހެދުމުގަ އާއި ދެކޮޅުނުޖެހޭ ވާހަކަ ދެއްކުމާއި މަލާމާތް ކުރުމުގައި ހައްދުފަހަނައަޅާ ދިޔައަސް ވަރިހަމަ ދޯއެވެ! އަހަރެސް މި ގޮތައް ފޮނިކަނޑައިގެން އުޅޭތާ މިހާރު މިވީ  15އަހަރެވެ. މީހުންނަށް އަހަރެން މިކުރާކަންތަށް ފަހުމުވާ ހިސާބުން ލަދުބޭޒާރު ވީމަ ދެން އަހަރެން ދަނީ އެހެން ހިސާބަކަށެވެ. އެކަން އެ ނިމުނީތާއެވެ.  

        އަދުނާނުއެވެ. އަހަރެން ނޫނަސް އަމިއްލަ އެދުމެއް އޮތީވިއްޔާ އެމީހަކު އެ ބޭނުންވާ ކަމެއް ހާސިލް ކުރުމަށް އެންމެ މުނާސަބު ވަގުތެއްގައި އެމީހަކު އެކަން ވާންއޮތް ގޮތަކަށް އެކަމެއް ކުރާނެއެވެ.  އަނގަ މަޑުކުރާށެވެ. އައިކޮޅައް އެނބުރި ދާށެވެ. ނޫނީ މަށާއި އެކު ޓީވީ މޯލްޑިވުސްއިން ދައްކާ ދާއިރާ މަޖިލީސް ބަހުސް ބަލައިލުމަށް އެއްކަލަ ތޯރިގު ހިންގާ ކޮފީސޮޕަށް ދަމާ ހިނގާށެވެ.  އަޅުގަނޑާއި ރަންފަޅޯ ދޮންތުއްތު އާއި ދެމީހުންތިބީ ދާއިރާ މަޖިލީސް ބަހުސް ބެލުމަށް ތޯރިގު ހިންގާ ކޮފީޝޮޕް މަތީގައެވެ. އަޅުގަނޑާއި މުހާތަބުކޮށް ރަންފަޅޯ ދޮންތުއްތު ބުނަމުން ދިޔައީ ކޮބާ! ދެން ބަލަން އިނދެބަލާށެވެ! މިހާރު އެއޮއް ބަހުސް ގަޑި ޖެހުނީއެވެ. މަގޭ ނޫނަސް ސްޓޯރީ ޖައްސާ މީހުން ކަލެއަށް މިއަދު ފެންނަނެއެވެ.

        އަޅުގަނޑު އިނީ މި ބަހުސަށް ކަނުލާ ކަންފަތް ދީގެންނެވެ. މި ބަހުސް ދައްކަމުން ދިޔައިރު  އަލުގަނޑުގެ ހިތައްއެރި އެކައްޗަކީ ނޫނޭވާ ސަހަރޯއެވެ. ދާއިރާ މަޖިލީސް މެމްބަރުކަމަކީ ނޫނޭވާ ލައްޒަތުހުރި ކަމެއްތާއެވެ. ކަމަކަށް މީހަކު، ބޭނުންވިއަސް މިއީ ދެން ތަންފުކެއް ބޮޑުވަރެކެވެ. މަޖިލީހަށް ހޮވިއްޖިއްޔާ އެ މެމްބަރަކަށް ލިބެނީ މުސާރައާ އެލަވަންސާއެކު 5 އަހަރަށް 5 މިލިޔަނެއްހާ ދިވެހި ރުފިޔާއެވެ. އެކަމަކު ބުނެވޭ ގޮތުގައި މަޖިލީހަށް ހޮވޭ ކޮންމެ މެމްބަރަކު 5 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ކެމްޕެއިނަށް ޙަރަދުކުރާ ކަމުގައި ބުނެވެއެވެ. މިއީއަޅެ އަރަތެއް ނޫންހޭ! މިކަހަލަ ވާހަކައެއް މީގެކުރިން އަޑުއިވިފައިވަނީ މުހަންމަދުއްރަސޫލުއްﷲ ފިލުމުންނެވެ. ” ބުދުވިއްކަން އުޅޭ މީހާ ބުނަމުންދަނީ ލޮލައްނުފެންނަ ފައިދާއެއް ނެއް އެއްޗެއް ގަންނާނީ ކަކުހޭ!” މިހެންނެވެ. އަޅެ މިވާހަކައާއި މިކަމާއި ތަފާތެއް އެބައޮތްހޭ!

          މި ބަހުސުގައި ބައިވެރިވި ހުރިހާ ކެނޑިޑޭޓުންގެ ވާހަކަ ގުނަކޮށް ކަނޑާ ގެއްލީމަ އަޅުގަނޑުގެ ހިސާބައް ނުކުތް ނަތީޖާއަކީ މަޖިލީހައް ނުކުންނެވި 386 ބޭފުޅުންނާއި ހަމަ މިވަގުތުން މިވަގުތަށް މިރާއްޖޭގެ ހުރިހާކަމެއް  ހިންގަން ހަވާލު ކުރަންޖެހޭ ކަމުގައެވެ. މި 386 ބޭފުޅުންނާއި ގައުމު ހަވާލުކޮށް 5 އަހަރު ހަމަވާ ހިސާބުން ދެން އިތުރައް މި ރާއްޖޭގައި އެއްވެސް މީހަކު ނުވަތަ ބަޔަކު ވިއަސް ކުރަންޖެހޭ ” ހަމަ އެއްވެސް ކަމެއް ނުހުނާނެކަމެވެ.” އަޅެދެން މިފަދަ ރަގަޅު ހުލުގުހިޔޮ ނަޒާހަތްތެރި ހިންގުންތެރި ވަފާތެރި މައުސޫމް ބަޔަކު އަމިއްލައަށް އިސްވެ ތިމަންނާމެން މިކަން ރައްޔިތުންނަށް ކޮށްދޭނެކަމަށް މާތް ﷲ ގަންދީ ހުވާކުރަން ތައްޔާރަށް ތިބިއިރު މި ބޭބޭފުޅުންނާއި މިކަން ދެން ހަވާލުނޮކޮށް ތިބިއްޔާ ދިވެހިރައްޔިތުން ވާނީ މޮޔައިންނަށްތާއެވެ. މި ދެންނެވި 386 ބޭފުޅުންނޫނީ ހުރިހާކަމެއް ދަންނަ ބަޔަކު މި ވަގުތު ދުނިޔޭގައި ނުތިބޭނެ ކަމުގައި ލިޔެވިދާނެއެވެ.  

         މަޖިލީސް ދާއިރާ ބަހުސްގެ ތެރެއިން އަޑުއަހަންތިބި މީހުން ހަނދާން ނުނެތޭފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައި ވަނީ ހަތަރު ބޭފުޅުންކަން ފަހަގަ ކުރެވުނެވެ. މި ދެންނެވި ހަތަރު ބޭފުޅުންގެ ތެރެއިން އެއްބޭފުޅެއްގެ ވާހަކަފުޅުގައި ވިދާޅުވީ ތިމަންނާ މިދާއިރާއަށް ރައްޔިތުން ހޮއްވަވާ ދެއްވާ ފިއްޔާ މި ދެރަށުގެ ރައްޔިތުން ދަތުރު ފަތުރު ކުރުމަށް މަތިންނާ، އަޑިންނާއި، ދެ އަރިމަތިން ޒަމާނީ މަގުތަށް ހުޅުވައިލައި  އަދި ޒަމަނީ އިންޓަރނެޓާއި އެންމެ ފަހުގެ ވަސީލަތްތަށް ހަމަޖައްސާ އެންމެ ޒަމާނީ ހޮސްޕިޓާތަކާއި، ބިޒުނަސް ސެންތަރުތަކާއި، އެންމެ ޒަމާނީ ގެސްޓްހައުސް ހޮޓާތަކާއި، މިފަދަ ދުނިޔޭގައި ކުރިއަރާފައިހުރި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަށް ފޯރުކޮށްދޭނެ ކަމުގައެވެ. ތިމަން މަނިކުފާނު ރައްޔިތުން ހޮއްވަވައި ދެއްވަވާފިނަމަ، މީގެފަހުން މާލޭ ބޭބޭފުޅުންވެސް ދެން އަންނަން ޖެހެނީ މި ދާއިރާއަށް ކަމުގައެވެ. ކޮންމެއަކަސް މިއީ ވަރައްހޮޔޮ ޙަބަރެކެވެ. މޫނުގަ އިންނަ ބިހި ތުއްވާލަން މާލެއަށް ނުގޮސް އެދާއިރާ ހޮސްޕިޓަލުން މިކަން ނިންމާލައިގެން މަތީމަގުން ރަށައް އަންނައިރު ކަރައަކާއި ތަރުކާރީ ކިލޯއެއް ހިފައިގެން މެންދުރު ލަންޗަށް ރަށައް އާދެވޭތީއެވެ. އަޅެދެން ސަރުކާރެއް މެދުވެރިނުކޮށް ހަމަ ހުރެފަ ތިމަ ތިމާއަށް މިކަން މިހެން ކުރެވޭނެކަމަށް ދުށުމަކީ ނުވަތަ ބުނުމަކީ މާލެ އަތޮޅު އެންމެންގެ ބޮލުގައި އެއްވަގުތެއްގައި  ބޯފޮޅި އަޅަން ނަދުރު ބުނުން ކަހަލަ ކަމެކެވެ.

        ދެވަނަ ބޭފުޅާ ވިދާޅުވީ ތިމަންނާއީ ވިއަފާރީގައި ބޮންތިއަށް އަރާހުރި މީހަކަށްވުމުން، އަޅުގަނޑު ނުހޮވާ ރޫމްބޮއި އަކަށް އުޅެފައި އަންނަ ކުއްޖަކު ދާއިރާއިން މަޖިލީހަށް ހޮވަންޖެހޭ އެއްވެސް ސަބަބެއް ނޯނަނާނެކަމުގައެވެ. އެއީ ރޫމްބޮއި މަސައްކަތަކީ ތިމަންނާ ކުރާ މަސައްކަތާއި އަޅާކިޔޭ ވަރައްވުރެން މާދައް މަސައްކަތެއް ކަމުގައެވެ. މިއީ ކޮންމެސް ވަރަކަށް ވިސްނާލުން ރަނގަޅު ވާހަކައެވެ. ރިޒޯޓެއްގެ ރޫމްބޮއި ކަމަކީވެސް  އޭގެ ޒާތުގައި އަބުރުވެރި މަސައްކަތެއްކަން އެބޭފުޅާއަށް ނުވިސްނުނީތާއެވެ. އެބޭފުޅާ ނިމިދިޔަ ރައްޔިތުންގެ މަޖިލީސް ތަކުގައި ކުރެއްވި ކަންތައްތަކާއި، ޕާޓީ ބަދަލު ކުރެއްވި ކުރެއްވުމާއި، ފިތް އޮޅިގެން ދެވުނު ވޯޓްތަކުގެ މަތިން ހަނދާން ނެތުނީ އެކަންޏެއްވެސް ނޫނެވެ. އެބޭފުޅާ ފަހުރުވެރިވި ވިއާފާރީގެ ފެށުމުގެ އަސްލުވެސް އޮޅި ވަޑައިގަތީތާއެވެ. ހަމަ އެގޮތަށް ރިޒޯރޓް އޯނަރު ރޫމްބޮއިއަށް ހިލޭ އެ ރިޒޯރޓް ދީފިއްޔާ އެރިޒޯޓް ވެގެންދާނީ އެ ރޫމްބޮއިގެ މިލްކިއްޔާތަކަށެވެ. މިބޭފުޅާވެސް އެވިދާޅުވީ ހަމަ އެއްކަހަލަ ވާހަކަ ފުޅެކެވެ. ކޮންމެޔަކަސް ވޯޓަކީ ރައްޔިތުންދޭ ސިއްރު އެއްޗަކަށް ވާތީ މިވާހަކަ ބާއްވަމާ ހިންގަވާށެވެ.

        ދެން ހުންނެވި ބޭފުޅާ ވިދާޅުވީ ތިމަންނާމެން ކަހަލަ މީސްމީހުން ތިއްބައި މަހައްދާ މަސްވެރިޔަކު ހޮވައިގެން ރައްޔިތުން ކުރާނެކަމެއް ނޯންނާނެ ކަމުގައެވެ. ތިމަންނާ ކުރާ މަސައްކަތަކީ މަސްވެރިކަމަށް ވުރެ މާމޮޅު މަސައްކަތެއް ކަމުގައެވެ. މިއީ އަނެއްކާ އަނެއް ވާހަކައެވެ. ދިވެއްސެއްގެ ގައިގެ މައިނާރަކީ މަސްވެރިކަމެވެ. ކަޅުބިލަމަސް ނުކައި އެމަހުގެ ތާޒާ ޕަވަރު ނުލިބޭ ދިވެއްސަކު މި ދިވެހިރާއްޖޭގައި އެބައުޅެޔޭ ލިޔެފިއްޔާ ދެން އެވާހަކަ އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ އަސްލު ޝަޙުސް އޮޅުވައި ލައްވައިގެން ނުވާނެއެވެ.

        ދެން މިހާހިސާބުން ފެނިގެން ދާންފެށީ ޝޯޝަލް މީޑިއާއިން ލައިވްކޮށް ގެނެސްދޭ ދާއިރާ މެމްބަރުގެ ބޮޑުޖަލުސާ އެއްގެ މަންޒަރުތަކެވެ. އަޅުގަނޑު ސިއްސައިގެން ދިޔައީ ދާއިރާއަށް ކުރިމަތި ލައްވާގެން ހުންނެވި ބޭފުޅާ ވިދާޅުވަމުން ގެންދެވި ވާހަކަފުޅު ކަންފަތުގައިޖެހުމާއެކުއެވެ. ” އެ ބޭފުޅާ ވިދާޅުވީ އަލުގަނޑުގެ ދާއިރާގެ ދެންއޮތް ރަށުގައި ( އުނިކުރެވިފައި) ގައި އިތުރައް ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމުގައެވެ.” ބަނދަރު އެއޮތީ ހަދާފައެވެ. ކަރަންޓް ސަޕުލައި އެއޮތީ ވަޅުލައިފަ ކަމުގައެވެ. މިސްކިތް އަޅާ މިހާރު އެދަނީ ނަމާދު ކުރަމުން ކަމުގައެވެ. މިހާ ހިސާބުން މެމްބަރ އެ ވިދާޅުވި އެއްޗެއް އަޅުގަނޑަށް ގެޓްވާގޮތް ވެއްޖެއެވެ. އަޅުގަނޑަކީވެސް އެދާއިރާއަށް ނިސްބަތްވާ މީހަކީމެވެ. ނޫނޭވާ އިއްޒަތްތެރި މެމްބަރަށް ސާބަހެވެ. ރަށުގެ ހާލަތު ތިޔަވަރަށް އެނގިލެއްވީތީ އުފާކުރަމެވެ. ބޯފެނާ، ނަރުދަމާގެ ޙިދުމަތް އެއީ މިރަށު ރައްޔިތުން ބޭނުން ނުވާނެ އެއްޗެއްހޭ! ސިއްޙީ މަރުކަޒުން މީހެއްގެ ގައިން ލޭފޮދެއް ނެގޭނެ ގޮތް އެއީ ވެސް މިރަށު މީހުން ބޭނުންނުވާނެ ކަމެއްހޭ! ސްކޫލްގައި އެގާރަ،ބާރަ އުފައްދަން ބޭނުން ނުވޭހޭ! އިންޖީނުގެއެއް ހުއްޓަސް، އިންޖީނުގެއާ ކައިރި ގޭގޭ ތަކުގައި ގެންގުޅޭ ކާތަށިތަށް ހުންނަން ޖެހެނީ އިންޖީނުގެއިން އަރާ ދުމުންގަ ހުންނަ ތައިރުން ކަޅިވެފަހެއްހޭ! މިހާލަތުގަ ރައްޔިތުން ތިބިއިރު ވޯޓުގެ ބޭނުމުގައި މިފަދަ ދެކޮޅު ނުޖެހޭ ވާހަކަފުޅެއް ދެއްކެވީތީ ހިތާމަކުރަމެވެ. އަދި މި ވާހަކަފުޅު އަނބުރާ ގެންދެވުމަށް ނަސޭހަތްތެރި ވަމެވެ.  ކޮންމެއަކަސް މިބޭފުޅާ މިވާހަފުޅު ދެއްކެވީ ކަމެއް ނުވަތަ ދެއްކުނީކަމެއް ދަންނަވާކަށް އަލުގަނޑަކަށް ނޭގެއެވެ. ވޯޓުގެ ވާދަވެރިކަން ބޮޑުވެ ޕުރެޝަރައްގޮސް ވާނުވާގައިހުރެގެން ދެއްކުނު ވާހަކަ ފުޅަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެޔަކަސް މިވާހަކައިގަވެސް ގޮތެއް ނިންމާނީ ހަމަ ރައްޔިތުން ތާއެވެ.        މި އާޓިކަލްގައި މިދެކެވުނީ މުޅިންހެން ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕެއިނު ކުރައްވާ ބޭބޭ ފުޅުންގެ ވާހަކަ ފުޅުތަކެވެ. ވުމާއިއެކު ވޯޓަކީ ރައްޔިތުމީހާގެ ހައްގަކަށްވާތީ ވޯޓުލުމާއި ބެހޭގޮތުން ވަކިއެއްޗެއް ނުބުނެ ރައްޔިތުންނާއި މެމްބަރާ ދެމެދަށް ހުރަހަކަށްނުވެ އަޅުގަނޑު ފެއަށްޖެހިލާނަމެވެ. 6 އޭޕްރީލް 2019 ގައި އޮންނަ ވޯޓުން ރައްޔިތުން އިންތިހާބު ކުރައްވާ ހުރިހާ ޢިޒަތްތެރި މެމްބަރުންނަށް އެޑްވާންސްކޮށް މަރުހަބާ ކިޔަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close