ގެސްޓްހައުސް ވިޔަފާރި އާއިއެކު ދީނީ ހޭލުންތެރިކަން މާބޮޑަށް އިތުރު ކުރަން ޖެހިފައި!
ލިޔަން ފެށުމުގެ ކުރިން މިކޮލަމްގެ ކިޔުންތެރިންގެ އިޒުނައާއި އެކު ދެ ކަމެއް ފާހަގަކޮއްލާނަމެވެ. މިދިޔަ ހަފްތާގައި އަޅުގަނޑު ލިޔުނު ކޮފީ ވިތު ޝެއިޚް ކޮލަމް ކިޔުއްވި އަދި ކޮމެންޓް ކުރެއްވި އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑަށް މިހާރު އެނގުނު ގޮތުގައި ކޮފީ ވިތު ޝެއިޚް މި ޕުރޮގުރާމަކީ މީގެ ހަތަރު އަހަރުކުރިން ” އަލް އަސްރު” ނަމަކަށް ކިޔާ ޖަމާއަތަކުން ވަރައް މާތް މަގުސަދެއްގައި އުފެއްދި ވަރައްފުރިހަމަ ދީނީ ބުރޭންޑެކެވެ. މި ބުރޭންޑް މި ޖަމާއަތުން ” މުޅިން އާންމުންނަށް ހުޅުވައި ނުލައްވާ ” ހިންގަމުން، ފަތުރަމުން ދަނިކޮން އިސްލާމިކް މިނިސްޓްރީން މިވަނީ މި ބުރޭންޑް ކޮޕީކުރެވޭކަހަލަ ގޮތަކަށް ޝޭޙުންނާއި އެކު މާލޭގެ މަސްހޫރު ދެތިން ކެފޭއެއްގައި ޒުވާނުންނައް ހާއްސަކޮށްގެން ދީނީ އަދި ދުނިޔަވީ މައުލޫމާތު ދިނުމަށް މަހަކު އެއްފަހަރު ހިންގާ ޕުރޮގުރާމެއްގެ ގޮތުގައި ފަށާފައެވެ.
މަހަކު އެއްފަހަރު 3 ކެފޭއެއްގަ 3 ޝެއިޚުން ދޮޅު ގަޑިއިރައް ބައިތިއްބައިގެން ” ނަމެއްގަ” ޒުވާނުންނަށް އަމާޒުކޮށް ހިންގަން މި ފެށި ޕުރޮގުރާމުން މާއެދެވޭ ނަތީޖާއެއް ފެންނާނެ ކަމުގައި ލިޔަން މިހާރު އަޅުގަޑައް ދައްޗެވެ. އަޅުގަނޑައް ގަބޫލުކުރެވޭ ގޮތުގައި މިފަދަ ޕުރޮގުރާމުތައް ހިންގަން އެންމެ ރަނގަޅުވާނީ އިސްލާމިކް މިނިސްޓްރީ ބަލަދުވެރި ފަރާތެއްގެ ގޮތުގައި އިސްވެ އޮވެ ޝޭޙުންނާއި ގުޅި ލައިމެހި ކުލަބު ޖަމުޢިއްޔާ ތަކަށް ފަންޑް ކޮށްދީގެން އެޖަމިޢިއްޔާތައް ލައްވައެވެ.
މިހާހިސާބުން އަޅުގަނޑުގެ އަސްލު މަސައްކަތަށް އެނބުރި ލާނަމެވެ. ކޮންމެއަކަސް ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިއާފާރިއަކީ މިއަދު ތޯތޯ ވާހަކައެއް ނޫނެވެ. ބަނގުރާ އަދި އޫރުމަހާ ނުލައި މީހުންދިރިއުޅޭ ރައްރަށުގައި ޓޫރިސްޓުން ގެނެސްގެން ވިއާފާރި ކުރެވޭނެކަން މިހާރު އެވަނީ އެނގިކަށަވަރު ވެފައެވެ. ޓޫރިސްޓް ވިއަފާރިއަކީ ރާއްޖޭގެ އިގުތިސާދުގެ ލޭނާރު ނުވަތަ މައިކައްޓެވެ. އެހެން ކަމަށްވުމުން މި ވިއާފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާ ތަރައްގީ ކުރަންޖެހެއެވެ.
މިވަގުތު ސަރުކާރު ހިންގުމުގައި އޮތް އެމްޑީޕީ މަޖިލީސް އެޖެންޑާ 19 ބުނާގޮތުން އައްޑޫ ސިޓީގައި 8500 އެނދު ބޮޑުތިލަދުންމަތީގައި 8000 އެނދު، އަދި ސަރުކާރުގެ އެސްއެމްއީ ބޭންކް މެދުވެރިކޮށް މެދުރާއްޖެތެރޭގެ ތަފާތު ރައްރަށުގައި ގިނަ ގެސްޓްހައުސް ތަކެއް އެޅުމުގެ ފުރުސަތު ތަނަވަސް ވުމާއިއެކު، މުޅިރާއްޖޭގެ ކަންކޮޅު ތަކުގައި ގެސްޓް ހައުސް ވިއާފާރި ސާލެއްހެން ފަތުރާލެވިގެން ދާނެކަމުގައި ގަބޫލްކުރަން ޖެހެއެވެ.
މި މަސައްކަތް ސިޔާސީ ފަރާތްތަކުގެ އުދަގޫނެތި ސަރުކާރައް ކުރިޔައް ގެންދެވިއްޖެ ނަމަ މީގެ 7 އަހަރު ފަހުން މި ކުދި ޖަޒީރާ ރައްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދިއުމާއިއެކު މި ސަރަހައްދުގެ ފަރުދީ ފުއްދުންތެރިކަން، ނުވަތަ މުއްސަނދިކަން އެންމެ ކުރީގައި އޮންނާނެ ގައުމެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމުގައި ގަބޫލް ކުރެވެއެވެ.
މިދެންނެވި ބަދަލު ގެސްޓްހައުސް ވިއާފާރިއަށް ދެމެހެއްޓެނިވި ގޮތެއްގައި ގެނެވެއްޖެނަމަ ދެން ދިމާވާނެ އިޖުތިމާއީ އާންމު ދިރިއުޅުމުގެ އަހުލާގީ މައްސަލަތައް ދުރާލާ ރައްޔިތުންނަށް ކިޔައިދީ އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ގެސްޓް ހައުސް ވިއާފާރި ފުޅާކުރުވުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނޫނީ އަޅުގަނޑު ނުދެކެމެވެ. އަދި މިފަދަ ޕުރޮގުރާމްތަށް ސަރުކާރުން ހިންގާއިރު ވަރައްފުޅާ ދާއިރާއެއްގަ ދީނީ ޖަމާއަތްތަކުގެ، ޝޭޙުންގެ އެއްބާރުލުން ލިބިގެން މެނުވީ އަސްލު މަގުސަދު ހާސިލް ނުވާނެ ކަމުގައި ލިޔަންޖެހެއެވެ. ސަބަބަކީ އިންސާނާ މުއްސަނދިވެ ޖީބުފުރޭވަރަށް ފައިސާ ލިބޭއިރު ދުނިޔެވީ އެދުމުގައި އިންސާ މަގުފުރެދުމުގައި ހައްދުފަހަނައަޅާ ދާތީއެވެ.
މުޅި ރާއްޖެއަށް ސަރުކާރުން ގެސްޓް ހައުސް ވިއާފާރި ފަތުރާލާއިރު މިދެންނެވި އިޖުތިމައީ އާންމު ދިރިއުޅުމުގެ އަހުލާގީ މިންގަނޑު ގެއްލިގެން ދިއުމުގެ ހުރިހާ ސަބަބަކަށް ” ގެސްޓުން ވެގެން ދާނެތީ” ގެސްޓް ހައުސް ވިއާފާރި ހިންގާ ބޭފުޅުންވެސް މި ބަދަލަށް އަހުލުވެރިކޮށް ދުރާލާ ތަމުރީނު ކުރުމަކީވެސް ހަމައެހާމެ މުހިންމު ކަމެކެވެ. މިވާހަކަ މި ގޮތައް ލިޔަން މިޖެހުނީ އެޖެންދާ 19 އިންވެސް މުޅި ގައުމަށް ގެނެސްދޭ ޖުމުލަ ހައްލުގެ ތެރެއިންވެސް ސާފްކޮށް ނުފެންނަ ނުވަތަ ލިޔެފައި ނުވާ އެކައްޗަކީ ހަމައެކަނި މިދެންނެވި އިޖުތިމާއީ އާންމު ދިރިއުޅުމުގެ އަޙުލާގީ ހައްލެވެ. ޖުހުލަ ގޮތެއްގައި އެޖެންޑާ 19 ރަންގަޅު ކަމުގައި ފާހަގަ ކުރަމެވެ.
ޓޫރިޒަމްގެ ސިނާއަތް އޮތް މުސްލިމް ހުރިހާ ގައުމެއްގައިހެން މިދެންނެވި މަގައް ދުރާލާ ވިސްނާ ދެމެހެއްޓެނިވި އަހުލަގީ ބަދަލު ނުގެނެވުނީތީ މި ގައުމުތަކުގެ އާންމު ދިރިއުލުމުގެ ސުލޫކީ، އަހުލާގީ މިންގަޑު ހައްދުން ނެއްޓި ގޮސްފައިވާކަން ފާހަގަ ކުރަމެވެ. މިދެންނެވި މަގަށް މިރާއްޖޭގެ ގެސްޓް ހައުސް ވިއާފާރި ފެށިފައިވާ ރައްތަށްވެސް މިސްރާބު ޖަހާފައިވާ ކަމުގައި ފާހަގަ ކުރަމެވެ. އެގޮތުން ގެސްޓްހައުސް ވިއާފާރި ތަރައްގީ ކުރެވިފައިވާ މާލެއާއި ކައިރި 3 ރަށެއްގެ މަގުމަތިން ބީޗާ ކައިރި މަގުތަކުން ބިކިނީ އާއިއެކު ޓޫރިސްޓުން ހިނގާ ބިނގާވެ އުޅޭތަން އަޅުގަނޑަށްވެސް ފެނިފައިވާކަން ފާހަގަ ކުރަމެވެ.
މި އާޓިކަލް ނިންމާލަމުން ދެތިން ކަމެއް ފާހަގަ ކޮއްލާނަމެވެ. ފުރަތަމަ ވާހަކައަކީ އަޅުގަޑަކީވެސް ޓޫރިސްޓުން ގެންގުޅޭ ޓުއަރގައިޑަކީމެވެ. އަދި މި ދާއިރާގައި 25 އަހަރު ޓޫރިސްޓުން ގޮވައިގެން ކޮންމެ ދުވަހަކުހެން ތަފާތު ސަރަހައްދުތައް އެވެރިންނަށް ދެއްކުމުގައި މަސައްކަތްކުރާ، އެވެރިން އާންމުކޮށް ވާހަކަ ދައްކާ ދެތިން ބަހަކުން ވާހަކަ ދައްކާ މީހަކީމެވެ. ވުމާއިއެކު މިކަމުގައި އަލުގަނޑުގެ ތަޖުރިބާ ކިޔުންތެރިންނާއި ހިއްސާ ކޮށްލާނަމެވެ.
ފުރަތަމަ ވާހަކައަކީ ފަތުރުވެރިޔަކު ރާއްޖެ މި އަންނަނީ ރާއްޖޭގެ ރީތިކަމާއި، ހަމަހިމޭން ކަމާއި، އެބައެއްގެ ސަގާފަތް ދެކެލުމަށާއި، ރާއްޖޭގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅި ބަލައިލުމާއި އެކު ހަމަ ހިމޭން ޗުއްޓީއެއް ހޯދުމަށްޓަކައި މި ހިތްގައިމު ދެވަނައެއް ނުވާ އެންމެ ރަނގަލު މަންޒިލަށް ކަމަށް ޔަަގީން ކޮށްގެންނެވެ.
ދެވަނަ ވާހަކައަކީ އަލުގަނޑަށް ގަބޫލް ކުރެވުނު ގޮތުގައި ޓޫރިސްޓް މީހާ ރާއްޖެ އަންނަނީ ރާއްޖޭގައި ހެދިފައިވާ އަހުލާގީ އާންމު ގާނޫނާއި، ގަވައިދު ތަކާއި ހިލާފަށް ކަންކުރާކަށް ނޫނެވެ. އަޅުގަނޑަށް ގަބޫލުކުރެވުނު އަނެއްކަމަކީ ޓޫރިސްޓް މީހާ ޗުއްޓީ ހޭދަކުރާ މުއްދަތުގައި އޭނާ އަމަލުކޮށްފައި ހުންނަނީ އެމީހަކު ދާ ގެސްޓް ހައުސް ހިންގުމުގެ ތެރެއިން އޮން އެރައިވަލް ބުރީފިންގައި އެ ޓޫރިސްޓަކަށް ލިބޭ މައުލޫމާތެއްގެ މައްޗަށެވެ. ގެސްޓް ހައުސް ރިސެޕްޝަނުގައި އިންނަ މިހާ މި މައުލޫމާތު ރަނގަޅަށް ޓޫރިސްޓް މީހާއަށް ނުދިނީތީވެ، ނުވަތަ ނުލިބުނީތީވެ ދެން އެމީހާ މިދަނީ ހޫނުކޮށްލުމަށްޓަކައި ބިކިނީ ބީޗަށެވެ. ދެން މިހާހިސާބުން ޓޫރިސްޓް މީހާއަށް އެރަށަކާއި ބެހޭ އެންމެހާ މައުލޫމާތުލިބޭ ތަނަކީ ބިކިނީ ބީޗް ކަމުގައި އެބަވެއެވެ. ދެން އެ ޓޫރިސްޓް މީހާގެ ކުރިމަތީގައި ޖެހިގެން ހުރިމީހާ ބިކިނީ އާއިއެކު ގެސްޓް ހައުސްއަށް ދާތަން ފެނުނީމާ އަހިވަކަކާއި ޖެހި އަހިވަކެއް ފާވާނެ ކަމުގައި ގަބޫލް ކުރަންޖެހެއެވެ. މިކަން މިހެން ވުމުގަ ދިމާވާ ބައެއް ސަބަބު ފާހަގަ ކޮށްލާނަމެވެ. ދާއި ފަހަކުން ކ.ގުޅީގައި ވަރައްރީތިކޮށް ހަދާފައިހުރި ގެސްޓް ހައުސްއެއްގަ ދެތިން ރެއަކު މަޑުކޮށްލުމުގެ ނަސީބު އަލުގަނޑަށް ލިބުނެވެ. ހެނދުނު ހޭލިއިރު އަޅުގަނޑު ބޭނުންކުރާ ފައިވާނެއްނެތެވެ. މައްސަލަ ޖައްސަން ބަލައިލިއިރު އެތަނާއި ހަވާލުވެ ތިބީ 2 ބަންގާޅީންނެވެ. ކުރާނެ ކަމެއްނެތެވެ. އަލުގަނޑު ދައްކާ ވާހަކަ އެގުނުކަމަކަށް އެ ދެމީހުން ނުހެދިއެވެ. އަޅުގަނޑަށް ދިނީ މާލޭގައިހުރި ބޮޑުމީހާގެ ފޯނުނަމްބަރު ކަމަށްބުނެ ދިވެއްސެއްގެ ފޯނު ނަމްބަރެވެ. މި ގެސްޓް ހައުސްގެ ރިސެޕް ޝަނަކީވެސް، ރޫމްބޮއިއަކީވެސް، ކައްކާ މީހަކީވެސް، ކޭޝިއަރަކީވެސް ހަމަ މިދެންނެވި ދެ މީހުންނެވެ. މިފެންވަރައް ގެސްޓް ހައުސް ވިއާފާރި ކުރުމުގެ ހުއްދަ ސަރުކާރުން ދިނީމަ، ނޫނީ މިގޮތަށް ކަންކުރާއިރު ބެލޭނެ ނިޒާމެއް ނެތުނީމަ، ނޫނީ ގެސްޓް ހައުސް ހިންގާ މީހާ ކޮންމެ ގޮތެއް ވަރިހަމަވީމަ، ދެން އެއްކަލަ ޓޫރިސްޓް މީހާ ސަންޓެއިނަށް ބަރަހަނާ ކަންމަތީ ބީޗްގައި އޮއްވަ ތިޔައީ ޕުރައިވެޓް ބީޗެއްނޫނޭ މީހަކު ބުނެފިއްޔާ އެކަލަ ޓޫރިސްޓް މީހާ ބުނާނީ ” އައި ޑޯންނޯއެވެ. މިހެން މިކަން ހިނގާނަމަ ދެންބުނާނެ އެއްޗެއް ފަހެ އެބައޮތްހޭ؟
ތިންވަނަ ވާހަކައަކީ ބިކިނީ ބީޗްގެ ވާހަކައެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޢާންމު ގަވައިދުގައި ބިކިނީ ބީޗް އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދު ތަނަކަށް ވާންޖެހުނަސް، ގެސްޓް ހައުސް ވިއާފާރި ކުރާ ހުރިހާރަށެއްގައިހެން ބިކިނީ ބީޗް ތައްޔާރު ކުރެވިފައިވަނީ މަގުހިނގާ މީހުންނަށް ބަލަން ބޭނުންނަމަ މަންޒަރުތަށް ފެންނަ ކަހަލަ ގޮތަކަށްކަން ފާހަގަކުރަމެވެ. ވަރައްފަހުން އަޅުގަނޑު ޒިޔާރަތްކުރި މާލެ އަތޮޅުގެ ދެތިން ރަށެއްގެ ބިކިނީ ބީޗްގެ ހާލަތުވެސް ހުރީ ހަމަ މިގޮތަށްކަން ފާހަގަ ކުރަމެވެ. މިއޭ އަޅުގަނޑު މިދަންނަވާ ވާހަކަ ގެސްޓް މީހާ ރާއްޖެ އަންނަނީ މޫދައްއެރިލާ ގައިގެ ހަންގަޑަށް ހޫނުކޮށްލުމުގެ ބޭނުމުގައެވެ. ދެން އެމީހާ މޫދައްއެރޭ ސަރަހައްދު އާންމުންނާއި ވަކިނުކޮށް ނުވަތަ ވަކިކުރިއަސް އެންމެންނަށް ފެންނަގޮތަށް ތަންމިނަށް ހުޅުވައިލައިފަ ބޭއްވީމަ، އެއީ އެރަށެއްގައި ކަންހިނގާ އާންމު އުސޫލުކަމުގައި ޓޫރިސްޓް މީހާ ގަބޫލް ކުރާނެއެވެ. ލިބުނު ފިލާވަޅާއެކު ދެން އެމީހާ ގެސްޓް ހައުސްއަށް ދާނީ ބީޗް ކައިރިން މޫދައް އެރުނުގޮތަށް ބިކިނީ އާއި އެކުއެވެ.
ހަތަރުވަނަ ވާހަކައަކީ އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ މިވަގުތު ގެސްޓް ހައުސްތަށް ތަމުސީލުކުރާ އެސޯޝިއޭޝަންއެއް ވުޖޫދުގަ އެބައޮތެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން ގެސްޓް ހައުސް ވިއާފާރި ކުރުމަށް ގެޒެޓް ކުރެވިފައިވާ ގަވައިދެއްވެސް އެބައޮތެވެ. އަދި ގެސްޓް ހައުސް ހިންގާ ރައްރަށުގެ ކައުންސިލްތަސްވެސް ހަމަ އެފަދައިން އެބައޮތެވެ. މިހުރިހާ ފަރާތްތަކެއްގެ ބެލެނިވެރި ކަމުގެ ދަށުގައި މި ވިއާފާރި ހިންގަމުންދާއިރު ކަންކަން ހައްދުން ނައްޓާ ދިޔައިތީވެ، ދެން ޒިންމާ އުފުއްލަންޖެހޭ ފަރާތެއް ނެތުނީތީވެ، ނުވަތަ ނޭގުނީތީވެ، 100 % އިސްލާމީ ދައުލަތެއްގެ ގޮތުގައި މިރާއްޖެ އޮވެމެ، ގެސްޓް ހައުސް ވިއާފާރި ފުޅާކުރާއިރު، ދީނީ އަދި އިޖުތިމާއީ އާންމު ދިރިއުޅުމާއި ގުޅޭކަންކަމުގައި ގަސްތުގައި އިހުމާލުވާ، އެ ވިއަފާރިކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަލު އެޅޭނެ މެކެނިޒަމެއް ނުވަތަ ގާނޫނެއް، ނުވަތަ ގާނޫނަކަށް މާއްދާއެއް ވިއަސް އިތުރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނޫނީ ނުދެކެމެވެ. މިގޮތައް މި ޤާނޫނު ގެނެވޭއިރު އިޖުތިމާއީ ދާއިރާގައި އެރަށެއްގައި ހަރަކާތްތެރިވާ ކުލަބު ޖަމުޢިއްޔާ އިސްވެ އޮވެ ދައުވާ އުފުލޭ ގޮތައް، މަދަނީ ޤާނޫނެއްގެ ގޮތުގައި މި ޤާނޫނު ގެނައުމަކީވެސް ހަމަ އެހާމެ މުހިންމުކަމެކެވެ.