ނާނު ޓޫރިސްޓް ފިހާރަތަކުގެ ސޭޓުން ގޮތްހުސްވެފައި!

ޓޫރިސްޓް ފިހާރަތަކުގެ ސޭޓުން ގޮތްހުސްވެފައި!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ޗާނދަނީ މަގުގެ ޖުމުހޫރީ މައިދާން ހިމެނޭ ސަރަހައްދަކީ އަބަދުހެންމެ ޓޫރިސްޓް ވިއާފާރިއަށް ހާއްސަ ސަރަހައްދެކެވެ. ޒަމާނުންސުރެ މިކަންއޮތީ މިހެންނެވެ. އެކި ދުވަސްވަރު އެކިގޮތްގޮތައް މާލެތެރެއައް އައި ހަލަބޮލިކަމާއި، ދުނިޔެއަށް ދިމާވި ބޮޑެތި ކަންތައްތަކާއި ގުޅިގެން ޓޫރިސްޓުން މާލެއަށް އައުން މަދުވެގެން ދިޔައެވެ. އެކަން އެހެންދިމާވި ކޮންމެ ފަހަރަކު މިނިސްޓްރީ އޮފް ޓޫރިޒަމާއި، ޓުއަރގައިޑުންނާއި، ޓޫރިސްޓް ފިހާރަ ތަކުގެ ސޭޓުންނާއި ގުޅިގެން ކުރެއުނު މަސައްކަތްތަކުން ރިޒޯރޓްތަކުން މާލެއަށް ޓޫރިސްޓުން ފޮނުވާ، ކަންކަމުގެ ހައްލު ލިބިގެން ޓޫރިސްޓް ފިހާރަތައް ދިޔައީ ފަހިދުވެލީގައި ދުވަހުން، ދުވަހައް ކުރިއަރަމުންނެވެ.

         އަޅުގަނޑަކީވެސް ޓޫރިސްޓް ފިހާރަތަކުގައި މަސައްކަތް ކުރަމުންއައި ޓުއަރގައިޑަކީމެވެ. އާދައިގެ މަތިން އަޅުގަނޑު އައީ ޖުމުހޫރީ މައިދާން ސަރަހައްދު ހުރަސްކޮށް މަސައްކަތްކުރާ ފިހާރައައް ވަޒީފާއަށެވެ. އެވަގުތު އަޅުގަނޑާ ދިމާވަނީ ޖުމުހޫރީ މައިދާނުގައި ކަރުއެލުވައިލައިގެން ތިބި ތިން ޓޫރިސްޓް ފިހާރައެއްގެ ސޭޓުންނާއެވެ. އަޅުގަނޑު އެމީހުންނާ އަރާހަމަވުމުން ތިން ސޭޓުން އަޅުގަނޑައް ގޮވައިލައިފިއެވެ. އަދި ތިން ސޭޓުންގެ މެދުގައި އަލުގަނޑު ބައިންދާފިއެވެ. މި ތިންސޭޓުންނާއި މުޙާތަބުކޮށް އަޅުގަނޑު ބުނެފީމެފެ. ކަރުއެލުވާލައިގެން ފާރުބުރި މަތީގައި ތިންސޭޓުން ތިޔަތިބީ ކީއްވެހޭ! އަނގައިގަ އޮތްބަސް ނުބުނެވެނީސް 3 ސޭޓުންނަށް އެކުއެކުގައި ބުނެވުނީ ކީއްހޭ ކުރާނީ މިހާރު މާލެއަށް އެއްވެސް ރިޒޯތަކުން ޓޫރިސްޓަކު ނުފޮނުވައެވެ.  

           އަހަރުމެންނަކީ ވަރައްބޮޑެތި ކުލީގައި ފިހާރަތައް ނަގައިގެން ވަރައްބޮޑެތި އިންވެސްޓުކޮށްގެން އެތައްމުވައްޒިފުންނެއް ފަޒީފާގައި ގެންގުލޭ މީހުންނީމުއެވެ. މި ވިއާފާރި ކުރާތާ މިހާރު މިވަނީ އެތައްޒަމާނެއް ފާއިތުވެފައެވެ. އަދުނާނުއޭ މަގުމަތި ބަލައިލަބަލާށެވެ. ދޮންމީހަކު އަޅެ މަގުމަތީގައި އެބައުޅޭހޭ! ޗާނދަނީމަގައް ޓޫރިސްޓަކު ގެނެވޭނެގޮތެއް ނެއްހޭ! ކަލެއައީ ލިޔާމީހެއްނޫންހޭ! މިނިސްޓަރ އަލީވަހީދުގެ ކަންފަތްޕުޅައް އަހަރުމެންގެ މި ކަންބޮޑުވުމާއި އުދާސްތަށް އަޑުއިއްވާލަ ދީފާނުހޭ!

           ބަދަރުކޮށްފައި މިހާރުވެސް އެއޮތީ 2 ޕަސެންޖަރލައިނެވެ. ޒަމާނުންސުރެ ޕަސެންޖަރ ލައިނުން މީހުންފައިބަނީ ޖުމުހޫރީ މައިދާނަށެވެ. ބަލާބަލާށެވެ. ލައިފްބޯޓުތައް މިހާރުވެސް އިއޮއްދަނީ މަސްވެރިންޕާކާ ދިމާލަށެވެ. އަހަރުމެންނަށް ޓޫރިސްޓަކު އަތުން ވިއާފާރިއެއް ލިބޭނެ ހުރިހާމަގެއް އެެދަނީ ބަންދުވަމުން، ބަންދު ކުރަމުންނެވެ.  އަލުގަނޑު ގާތައްއައީ ހިންޏެވެ. އަޅުގަނޑު ބުނެފީމެވެ. ތިބޭފުޅުން ހުރިހާ ސޭޓުން ވެގެން ކަންކަން ހައްލު ކުރުމަށް އުފައްދަފައިވާ ” މޯލްޑިވްސް ޓޫރިޒަމް އެންޑް ޓުވަރގައިޑް އެސޯޝިއޭޝަން ކޮބާހޭ! މިހެން ބުނުމުން މީބޭފުޅުން އަޅުގަނޑުދެކެ ރުޅިއަންނަގޮތް ވެއްޖެއެވެ. އަދުނާނުއޭ ތިޔަދައްކަނީ ސޭޓް ގެންގުޅޭ “ތަވީދުގެ” ވާހަކަ ނޫންހޭ! ތިޔަބުނާ އެސޯޝިއޭޝަންގެ ނަންބޯޑު ތަތްކޮއްފައިހުރި ތަނެއް މި މާލެއަކު ނުހުންނާނެއެވެ. އެސޯޝިއޭޝަންނަކީވެސް ސޭޓެވެ. ރައީސަކީވެސް ސޭޓެވެ. ހަޒާންދާރަކީވެސް ސޭޓެވެ. ގައިޑަކީވެސް ސޭޓެވެ. އަދި ތިޔަބުނާ ތަވީދަކީ މިހާރު ހޯމްއެފެއަރޒުގެ ދަފުތަރުންވެސް ފެންނަންނެތް އެއްޗެއް ދޯއެވެ.

        ތިން ސޭޓުންގެ ސަކުވާބޮޑުވެ ހުރިހާ އެއްޗެއް އަލުގަނޑުގެ ކުރިމައްޗަށް ބަންޑުން ޖަހާލީތީވެ، ކަންހިނގަމުންދާގޮތް ބަލައިލަން އަޅުގަނޑު ދިޔައީ މަސްވެރިންގެ ޕާކަށެވެ. އަހާ ސަހަރޯއެވެ. ޕަސެންޖަރ ލައިނުން މީހުންފައިބާ ސަރަހައްދު ވަށައިގެން އެއްވެސް މީހަކަށް ނުވަދެވޭގޮތައް ވާފަށެއް ދެމުމައްފަހު ސޭޓްހުރީ އެސޯސިއޭޝަންގެ ނަނަބޯޑް ހިފައިގެން ސޭޓުގެ ލޯންޗް ފަހަރުގައި ޓޫރިސްޓުން އެކިރައްރަށައް ފޮނުވުމުގައި އަވަދިނެތިއެވެ. އެއްނަމްބަރު ޖެޓީއަށް ޕަސެންޖަރ ލައިނުން މީހުން ނުބޭލިޔަކަށް ސޭޓަކައް މައްސަލައެއް ނެއްތާއެވެ.

        މިތަންުދޫކޮށް ދެން އަލުގަނޑު ބުރިޖާވީފަލިއަށް އިރުމައްޗަށް ޖެހެލިއިރި އަދުތޯ މާދަންތޯ ވެފައިތިބި މުސްކުޅިވެރިން ސުވެނިއަރ ފިހާރަތައް ހޯދުމަށް އަސާގަނޑުހިފައިގެން މަގުއޮލިފައި އެސަރަހައްދުގައި ހުރި ގޯޅިތަކުން މާލެތެރެއަށް ވަންނަމުންދެވެ. މިހާހިސާބުން ތިން ސޭޓުން ސިއްރިއްޔާތުގައި އަޅުގަނޑުގެ ކުރިމައްޗައް ބަންޑުންޖަހާލި ވާހަކަތައް ތެދުކަމުގައި ގަބޫލު ކުރެވިއްޖެއެވެ. ދެން  އަލުގަނޑު އެނބުރި އައީ އަޅުގަނޑުގެ މަސައްކަތަށެވެ. އެހެން ނަމަވެސް މިފަހަރު އެއްވެސް ސޭޓަކާއި ދިމާވާގޮތެއް ނުވިއެވެ.  

        ސްވެނިއަރ ފިހާރަތަކުގެ ސޭޓުންގެ ޝަކުވާ އަޑުއެހުމަށްފަހު އަޅުގަނޑުގެ 20 އަހަރުގެ ތަބުރިބާއާއި އެކު ދެތިން ވާހަކައެއް ލިޔެލާނަމެވެ. އަޅުގަނޑުވެސް ސޭޓުންނާއި އެއްބަހޭ! މިވަގުތު މާލެއާއި ކައިރި ރިސޯޓްތަކުން މާލެ ބަލައިލާ، ވިއާފާރި ކުރުމަށް ޓޫރިސްޓުން މާލެއަށް ފޮނުވަން މަސައްކަތް ނުކުރާކަން ފާހަގަކުރަމެވެ. މިއީ ވަރައްބޮޑު މައްސަލައެކެވެ. މި މަސައްކަތުން އާމްދަނީ ހޯދާ ޓޫރިސްޓް ފިހާރަތަކާއި ގުޅި ލާމެހިފައިވާ އެތައްބައެއް މިއަދު އެދަނީ ނިކަމެތި ވަމުންނެވެ. ޒަމާނުންސުރެ ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހޭ ހިސާބައް ކަންތައްތައް ދިޔާމަ ދެން މިވާހަކަ ސިއްރުކޮށްގެން ނުދައްކާ ތިބުމަކީ ކުރެވޭނެ ކަމެއްނޫނެވެ.

          އަޅުގަނޑައް ގަބޫލްކުރެވޭ ގޮތުގައި ރިޒޯޓްތަކުން މާލެއަށް ޓޫރިސްޓުން ފޮނުވަން މަސައްކަތްނުކުރާ އެތައްބައިވަރު ސަބަބު އެބަހުއްޓެވެ. އެގޮތުން ޓޫރިސްޓުންނަށް ބޭނުންވާ އަސާސީ ހައްގުވެސް މިނިސްޓްރީ އޮފް ޓޫރިޒަމުން ނުވަތަ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ހަމަޖައްސާ ދީފާނެތުމެވެ. ކުރުކޮއް ބުނާނަމަ ރަންބިސް އަޅަންއަންނަ ކުކުޅައް ހާލިގަނޑުވެސް ހަދައިދެވިފައި ނެތުމެވެ. އަދި މިކަން މިހެން ހުރިއިރު ޖުމުހުރީ މައިދާން ޓޫރިސްޓުންނައް ބޭނުން ނުކުރެވޭ ގޮތައް  ކޮތަރު ގުއިރައްވާ ޕާކެއްގެ ގޮތުގައި ބޭނުން ކުރަމުން ދާކަން ފާހަގަ ކުރަމެވެ.

          މާލެ ބަލައިލަން ކައިރި ރިޒޯޓްތަކުން އަންނަ ޓޫރިސްޓް މީހާ ގަލޯހާޖާ ކޮށްލާނެ ތަނެއް ނުދެއްކުނު އިރު ވިއްސާރަ ހިޔާވެލާނެ ގޮތެއްވެސް ޓޫރިސްޓު އޭރިއާގައި ހަމަޖައްސާ ދެވިފަ ނެއްކަން ފާހަގަކުރަމެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. މިނިސްޓަރާ ބައްދަލުވާ ކޮންމެ ފަހަރަކު މިވާހަކަ އަޅުގަނޑުމެން މިނިސްޓަރައް ދަންނަވަމެވެ. ފާހަގަ ކުރެވުނު އެއްކަމަކީ ކޮންމެ ބައްދަލުވުމެއްގަ މިނިސްޓަރ ވިދާޅުވާނެއެވެ. ” މިހަދާދެނީއެވެ. ތިޔައީ ވަރައްރަނގަޅު ވާހަކައެކެވެ.”

           ދެން މިއޮތީ އަނެއްކާ އަނެއް ވާހަކައެވެ. ޓްރެފިކް ޕޮލިހުންގެ ވާހަކައެވެ. ނުވަތަ ޓްރެފިކުގެ ވާހަކައެވެ. ގައިޑުމީހާ ޓޫރިސްޓުން ގޮވައިގެން ކޮރޮސްލައިނު މަތިގާ ކިތައްމެ އިރަކު ހުއްޓަސް ދުއްވާ އެއްވެސް އެއްޗެއް މަޑެއް ނުކުރެއެވެ. ހަނީމޫނައް އައިސްއުޅޭ ދެމަފިރިން އަތުގަ ހިފައިގެން މަގުހުރަސް ކުރަނިކޮންވެސް ދެމަފިރިންގެ ދޭތެރެއިން ސައިކަލު ގޮއްސަ އެބަހުއްޓެވެ. ޓޫރިސްޓް ޕޮލިހުން އުޅޭވާހަކަ “ހަވާސާއިން ފެނެއެވެ.” މީގެން މީހަކު ކުރިކަމެއް، ޓޫރިސްޓަކަށްދިން އެހިތެރިކަމެއްނެތެވެ.

           ނިންމާލަމުން އަދި ދެވަހަކައެއް ލިޔެލާނަމެވެ. ޓޫރިސްޓް ފިހާރަތަކަށް ދިމާވެގެން މިއުޅޭ ވިއާފާރި ދައްވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި މިނިސްޓްރީގެ ހިޔޮނިޔަތެއް އޮތްނަމަ  ޕަސެންޖަރ ލައިނުން މީހުން އަރާފައިބާ ތަނަކަށް ޒަމާނުންސުރެ އެކަން އޮތްގޮތައް އެއްނަމްބަރު ޖެޓީ ހަދަވާ ދެއްވިދާނެއެވެ. މިކަން ކޮށްދެއްވައިފިނަމަ ޓޫރިސްޓް ފިހާރަ ތަކުގެ ވިއާފާރިއަށް  ކޮންމެސް ވަރެއްގެ ހިޔޮބަދަލެއް އަންނާނެ ކަމުގައި ގަބޫލް ކުރެވެއެވެ. އަޅުގަނޑު ގަބޫލްކުރަހިތްވަނީ މިނިސްޓަރ އަލީވަހީދު ވަގުތުން މިކަން ކޮށްދެއްވާނެ ކަމަށެވެ.

ޓެގް

ޓޫރިސްޓް ފިހާރަ ފަތުރުވެރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.