ފުލުހުންގެ މުއައްސަސާގެ ހިންގުމަށާއި ވަސީލަތްތަކަށް މިހާރު ގެންނަމުންދާ ޒަމާނީ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެނި، އަންނަ އަހަރުގެ ތެރޭގައި ރައްޔިތުން އެދޭ ފަދަ ފުރިހަމަ އަދި އިތުބާރު ހިފޭ ޚިދުމަތެއް ކަށަވަރުވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ހާމަކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ވާހަކަދައްކަވަމުން ވަޒީރު ވަނީ، މުއައްސަސާގެ ކުރިއެރުމަށް މަސައްކަތްކުރައްވާ ހުރިހާ ފުލުހުންނަށާއި ކުރީގެ ޚިދުމަތްތެރިންގެ އިތުރުން އެ ފަރާތްތަކުގެ ޢާއިލާތަކަށް މުނާސަބަތުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހުނުތާ 22 އަހަރު ވެފައިވާއިރު، މުވައްޒަފުންގެ ޢަދަދާއި ތަމްރީނުތައް ކުރިއަރައި ދިޔަ މިންވަރާ އެއްވަރަށް އޮފީސްތަކާއި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރެވިފައި ނެތުމަކީ ރައްޔިތުން އެންމެ އެދޭ ފެންވަރަށް ޚިދުމަތް ދިނުމަށް ދިމާވި މައިގަނޑު ހުރަސް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރީގެ ހާލަތަށް ބަލާއިރު އަތޮޅުތެރޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ހުރީ އެންމެ 17 ރަށުގައި ނަމަވެސް، މި ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް މިހާރު ޤާއިމުކޮށްދީފައެވެ. މީގެ އިތުރުން ހުރިހާ ރަށެއްގައިވެސް ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.
ވަސީލަތްތަކުގެ އިތުރުން މުއައްސަސާގެ އެތެރޭގެ ހިންގުމުގެ އޮނިގަނޑަށް މުހިންމު އިޞްލާޙީ ބަދަލުތައް މިހާރު ގެނެވިފައިވާ ކަމަށާއި، ޚާއްޞަ ދާއިރާތަކުން ފުލުހުންނަށް ދޭންޖެހޭ ފަންނީ ތަމްރީނުތައްވެސް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މާތް ﷲ ގެ ވާގިފުޅާއެކު ކުރިއަށް އޮތް އަހަރަކީ މުޅި މުއައްސަސާގެ ޚިދުމަތްތައް ރައްޔިތުން އެދޭ އެންމެ މަތީ ފެންވަރަށް ބައްޓަންވެ ފުރިހަމަވެގެންދާނެ އަހަރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...