ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސަށް އެއާބަސް މަރުކާގެ މަތިންދާބޯޓުތަކެއް ހޯދުމުގެ މުއާމަލާތުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލައެއްގައި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށް، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި އަމުރު ނެރުއްވީ ކޮޅުނބުގެ ޗީފް މެޖިސްޓްރޭޓް އަސަންގަ އެސް. ބޮޑަރަގަމާއެވެ.
އިދިކޮޅު ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމާލް ހައްޔަރުކުރީ އެ ގައުމުގެ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުކޮށް، ފަސް ގަޑިއިރަށް ވުރެ ދިގު ވަގުތެއް ވަންދެން ސުވާލުކުރުމަށް ފަހުގައެވެ.
މި ތުހުމަތުތަކާ ގުޅިގެން ނަމާލް ރާޖަޕަކްސަ ވިދާޅުވަމުން ގެންދަވަނީ އޭނާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމާ ގުޅޭގޮތުން އޭނާގެ ގާނޫނީ ޓީމުގެ ބަހެއް އަދި މިހާތަނަށް މީޑިއާއަށް ލިބިފައެއް ނުވެއެވެ.
މި މައްސަލައަކީ 2013 ވަނަ އަހަރު ޔޫރަޕްގެ އެއާބަސް ކުންފުނިން އެތައް މިލިއަން ޑޮލަރެއްގެ ބޯޓުތައް ގަތުމުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ ތަހުގީގުގެ ތެރެއިން ހިންގުނު ބޮޑު އޮޕަރޭޝަނެކެވެ. މި ތަހުގީގަށް އެހީތެރިވުމަށް އެއާބަސްގެ ހާއްސަ ވަފުދެއް މިދިޔަ އޯގަސްޓް މަހު ވެސް ވަނީ ކޮޅުނބަށް ޒިޔާރަތްކޮށްފައެވެ.
އެއާބަސް ކުންފުނިން މަތިންދާބޯޓު ވިއްކުމުގައި ރިޝްވަތު ދީފައިވާ މައްސަލަތަކެއް ފެންމަތިވެ ތިން އަހަރު ދުވަހުގެ ތަހުގީގަކަށް ފަހު، އެ ކުންފުނިން ވަނީ ފްރާންސް، އިނގިރޭސިވިލާތް އަދި އެމެރިކާގެ އިދާރާތަކާއެކު 2020 ވަނަ އަހަރު އެއްބަސްވުމަކަށް އައިސް 4 ބިލިއަން ޑޮލަރުގެ ބޮޑު ޖޫރިމަނާއެއް ދައްކަން އެއްބަސްވެފައެވެ.
މި ހައްޔަރާއި ގުޅިގެން ސްރީލަންކަން އެއާލައިންސުންނާއި އެއާބަސް ކުންފުނިން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...