ރިޕޯޓް

ފާޑުކިޔުންތަކުން ސުޕަސްޓާރަކަށް: ވޯލްޑް ކަޕްގައި ވިނީޝިއަސް ޖޫނިއާގެ މޮޅު ކުޅުން

ރިއަލް މެޑްރިޑަށް ކުޅެމުންންނަ ބްރެޒިލްގެ ކާމިޔާބު ފޯވާޑް ވިނީޝިއަސް ޖޫނިއާއަކީ ކްލަބް ފެންވަރުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ނަމަވެސް، ގައުމީ ޓީމުގައި އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނާތީ މީގެ ކުރިން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ބްރެޒިލްގެ ސަޕޯޓަރުންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިންވެސް ވަނީ ގައުމީ ޖޯޒީގައި އޭނާގެ އައުޓްޕުޓް ދަށްވުމުން ކަންބޮޑުވުން ފާޅުކޮށް، ނޭމާގެ ޣައިރު ހާޒިރުގައި މާ ބޮޑު ޕްރެޝަރެއް އަމިއްލައަށް ނަގައިގެން ކުޅޭ ކަމަށް ބުނެފައެވެ. އޭނާގެ ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ގެ ވޯލްޑް ކަޕްގެ ކުރިން ކުޅުނު 49 ބައިނަލްއަގުވާމީ މެޗުގައި އޭނާއަށް ހިއްސާވެވުނީ އެވްރެޖްކޮށް ކޮންމެ ދެ މެޗަކުން އެއް ގޯލުގައެވެ.

ނަމަވެސް މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވިނީޝިއަސް ވަނީ އޭނާއަށް ފާޑުކީ އެންމެންގެ އަނގަ ބަންދުކޮށްލާފައެވެ. މި މުބާރާތުގެ ފުރަތަމަ ހަތަރު މެޗުގައި އޭނާ ވަނީ ހަތަރު ގޯލު ޖަހައި އެއް އެސިސްޓް ހަދައިގެން ރަން ބޫޓުގެ ރޭހުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. އޭނާގެ ކުޅުން މިހާރު ހުރި ގޮތުން މުޅި މުބާރާތުގައިވެސް އެންމެ ނުރައްކާތެރި އެއް ފޯވާޑަށް އޭނާ ވަނީ ވެފައެވެ.

އޮޕްޓާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޯޅަ ހިފައިގެން ކުރިއަށް އަރައި އިދިކޮޅު ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމާއި، ގޯލަށް ހަމަލާ އުފެއްދުމުގައި ވިނީޝިއަސް މިހާރު އުޅެނީ ލިސްޓުގެ އެންމެ ކުރީގައެވެ. އޭނާ ވަނީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ “އެކްސްޕެކްޓެޑް ގޯލްސް” (xG) ނުވަތަ ގޯލު ޖަހާނެ ފުރުސަތު (3.87) އުފައްދާފައެވެ.

ބްރެޒިލް ދެން ނުކުންނާނީ ގަދަ 16 ގެ މެޗެއްގައި ނޯވޭއާ ދެކޮޅަށެވެ. އޮޕްޓާ ސުޕަކޮމްޕިއުޓަރުގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި މި މެޗުން ބްރެޒިލް މޮޅުވުމުގެ 64.7 އިންސައްތަ ފުރުސަތު އެބައޮތެވެ. އަދި ބްރެޒިލްއަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރެވުމުގެ 9.1 އިންސައްތަ ފުރުސަތު އޮތްއިރު، ވިނީޝިއަސްގެ މި ހައިރާންކުރަނިވި ކުޅުމާއެކު ބްރެޒިލްގެ 6 ވަނަ ވޯލްޑް ކަޕް ތަށި ހޯދުމުގެ ހުވަފެން ހަގީގަތަކަށް ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close