ޢަރަބި ދުނިޔެއަށް އޮތް ނުރައްކަލަކީ އީރާންތަ؟ ނުވަތަ އެމެރިކާއާއި އިސްރާއީލުތަ؟

ފާއިތުވި މަސްދުވަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ، އެމެރިކާއަކީ ދޮން ނަސްލުގެ ކްރިސްޓިއަން ޤައުމެއްކަމަށާއި، އެމީހުން ހަނގުރާމަކުރަމުންދަނީ ކްރިސްޓިއަނުން ނޫން އަދި ދޮން ނަސްލުގެ ނޫން މީހުންނާ ދެކޮޅަށްކަން ހާމަކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން ފެބްރުއަރީ 28 ގައި އެމެރިކާއިން އީރާނަށް ދިން ޙަމަލާގެ ކުރިން، އެމެރިކާގެ ވައިގެ ސިފައިންނަށް “އެންމެ ފަހުގެ ފަރީއްކޮޅުގެ” ގޮތުގައި ސްޓޭކާއި ލޮބްސްޓަރ ފަދަ ޚާއްޞަ ކެއުންތަކެއް ވަނީ ދީފައެވެ. ހަމައެއާއެކު، އީރާނާ ދެކޮޅަށް ހޯދާ ކާމިޔާބީއަށް އެދި ދުޢާކުރުމަށް ޓްރަމްޕްގެ އަރިހުގައި އިވެންޖެލިކަލް ކްރިސްޓިއަން ޒަޔަނިސްޓު ދީނީ ލީޑަރުން ތިބި މަންޒަރު ފެނިގެންދިޔައެވެ.
މި ދީނީ ތަޢައްޞުބާއި އިސްރާއީލަށް ކުރާ ކަނު ތާއީދުގެ ސަބަބުން، އެމެރިކާގެ ސިޔާސީ މައިދާނުގައި، ޚާއްޞަކޮށް ކަނާތުފިޔައިގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
އެމެރިކާގެ ސިޔާސަތާއި އިސްރާއީލުގެ ދައުރު
އެމެރިކާގެ ކަނާތު ފިޔައިގެ އަދި ވާތު ފިޔައިގެ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މަކަރުހަދައިގެން އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވައްޓާލާފައެވެ. ނަމަވެސް ޙަޤީޤަތަކީ، އިސްރާއީލުގެ ޢަމަލުތަކަކީ އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތުގެ ބައެކެވެ. އިސްރާއީލުން އެމެރިކާ ކޮންޓްރޯލްކުރާ ކަމަށް ބުނާ ބުނުމަކީ ކުށްހީއެކެވެ. މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު އުފައްދާ ބޮޑެތި ކުންފުނިތަކަށް (ލޮކްހީޑް މާޓިން، ބޯއިންގ، ރޭތިއޯން ފަދަ ކުންފުނިތަކަށް) ބޮޑެތި ފައިދާތަކެއް ލިބެއެވެ. އެހެންކަމުން އިސްރާއީލަކީ އެމެރިކާގެ އިސްތިޢުމާރީ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭނުންކުރާ ހަތިޔާރެކެވެ.
ޢަރަބި ޤައުމުތަކުގެ ހިމޭންކަން
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކާއި، އީރާނުގެ މީނާބުގައި 170 އަށްވުރެ ގިނަ ސްކޫލް ކުދިންނާއި މުވައްޒަފުން މަރާލުމާއި، އާޔަތުﷲ ޢަލީ ޚާމަނާއީ އަދި އެމަނިކުފާނުގެ އާއިލާ އަވަހާރަކޮށްލުން ކުށްވެރިކޮށް، އޮމާން ފިޔަވައި އެހެން އެއްވެސް ޢަރަބި ޤައުމަކުން ބަޔާނެއް ނެރެފައެއް ނުވެއެވެ. ތުރުކީފަދަ ނޭޓޯގެ ޤައުމުތަކުންވެސް އީރާނަށް ތަޢުޒިޔާ ފޮނުވިއިރު، ޢަރަބި ޤައުމުތަކާއި އަލް-އަޒްހަރްގެ އިސް އިމާމުވެސް އިޚްތިޔާރުކުރެއްވީ ހިމޭންކަމެވެ. އޭގެ ބަދަލުގައި އެފަރާތްތަކުން ދެއްކީ އެމެރިކާއާއި އެކުވެރި ޢަރަބި ޤައުމުތަކާ އެކު ތިބިކަމެވެ.
އިސްތިޤްލާލާއި އަސްކަރީ ބޭސްތައް
ގަލްފުގެ ޤައުމުތަކާއި އުރުދުންއިން، އީރާނުން އެމީހުންގެ އިސްތިޤްލާލަށް އަރައިގަންނަމުންދާކަމަށް ބުނެ ޝަކުވާކުރެއެވެ. ނަމަވެސް އެ ޤައުމުތަކުގައި ހުރި އެމެރިކާ އަދި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އަސްކަރީ ބޭސްތައް ބޭނުންކޮށްގެން އީރާނަށް ޙަމަލާދިނުމުގެ ފުރުޞަތު އެ ޤައުމުތަކުން ވަނީ ދީފައެވެ. އެ ބޭސްތަކަށް ވަދެނުކުމެވާ އެމެރިކާ ސިފައިންގެ އަދަދާއި، އެތަނުގައި ހިނގާ ކަންކަމުގެ މައްޗަށް ޢަރަބި ޤައުމުތަކުގެ އެއްވެސް ބާރެއް ނޯވެއެވެ.
މީގެ އިތުރުން ޢަރަބި ޤައުމުތަކުގައި ހުރި ވައިގެ ދިފާޢީ ނިޒާމުތައް އެމެރިކާއިން އިސްރާއީލަށް ގެންދިއުމުން، ޢަރަބި ޤައުމުތައް ވަނީ ދިފާޢީގޮތުން ނުރައްކަލަށް ހުށަހެޅިފައެވެ. މިއިން ދައްކުވައިދެނީ އެމެރިކާއިން އަބަދުވެސް އިސްކަންދޭނީ އިސްރާއީލަށް ކަމެވެ.
ނުރައްކަލަކީ ކޮބާ؟
ތާރީޚަށް ބަލާއިރު، 1979 ގެ އިންޤިލާބަށްފަހު އީރާނުން އިސްވެ އެއްވެސް ޤައުމަކަށް ޙަމަލާދީފައެއް ނުވެއެވެ. 1980 ގެ އަހަރުތަކުގައި އިރާޤުން އީރާނަށް ޙަމަލާދިނުމުން، ޢަރަބި ޤައުމުތަކުން ވަނީ އިރާޤަށް މާލީ އަދި އަސްކަރީ އެހީތެރިކަން ދީފައެވެ. އަދި 1981 އިން ފެށިގެން، އީރާނުގެ ނުރައްކަލާ ކުރިމަތިލުމުގެ ނަމުގައި ޢަރަބި ޤައުމުތަކުން ދަނީ އިސްރާއީލާއެކު ގުޅުން ޤާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ.
މި ހުރިހާ ކަމަކުން ސާފުވާ ޙަޤީޤަތަކީ، ޢަރަބި ޤައުމުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާނެއް ނޫންކަމެވެ. އެ ޤައުމުތަކުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާއާއި އިސްރާއީލާއެކު އެ ޤައުމުތަކުން ބާއްވާ ގުޅުމާއި، އެ ޤައުމުތަކުގެ ބިމުގައި ހަދާފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކެވެ.

