ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ރަމަޟާން މަހާ ކުރިމަތިލައިފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ވަގުތީ މެދުކެނޑުމެއް އައިސްފައިވާ ދަނޑިވަޅެއްގައި، ޣައްޒާގެ ރައްޔިތުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލީ ނާޒުކު އުންމީދުތަކަކާއި، ހަނގުރާމަ އަލުން ފެށިދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ.
ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރައިޖް ރެފިއުޖީ ކެމްޕުގެ ފޭލިގެއެއްގައި ދިރިއުޅޭ އުމުރުން 52 އަހަރުގެ މައިސޫން އަލްބަރްބަރާވީ (އުއްމު މުޙައްމަދު)، އޭނާގެ ނުވަ އަހަރުގެ ދަރިފުޅަށްޓަކައި ފޭލިގެ ޒީނަތްތެރިކޮށް، ރަމަޟާން ފަނޫޒެއް (ލެންޓަން) ގަނެދިނީ ނުހަނު ދަތި ހާލުގައެވެ. “އަހަރެން ބޭނުންވީ ފާއިތުވި ދެ އަހަރުގެ ހަނގުރާމައިގެ ހިތާމަތަކުން ދަރިންނަށް ކުޑަވެސް ހިތްހަމަޖެހުމެއް ހޯދައިދޭން،” މައިސޫން ކިޔައިދިނެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މިއަހަރުގެ ރަމަޟާން މަސް ފެށުނީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއުލާންކޮށްފައިވާ “ސީޒްފަޔަރ” އެއްގެ ތެރޭގައެވެ. ނަމަވެސް މިއީ ވަރަށް ނާޒުކު ހާލަތެއްކަން ފާހަގަކުރަމުން މައިސޫން ބުނީ، އަދިވެސް ދޭތެރެ ދޭތެރެއިން ހަމަލާތަކުގެ އަޑު އިވޭ ކަމަށާއި، ހަނގުރާމަ މުޅިން ހުއްޓިފައި ނުވާ ކަމަށެވެ.
ޣައްޒާގެ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު ބިރަކީ، މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ދެވަނަ ހަފްތާގައި (19 މާރިޗު 2025) ހަނގުރާމަ އަލުން ވަރުގަދަވެ، ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ކުރިމަތިވި ބޮޑު ބަނޑުހައިހޫނުކަން ތަކުރާރުވެދާނެ ކަމުގެ ބިރެވެ. “މިދިޔަ އަހަރު އަހަރެންގެ ކުޑަ ދަރިފުޅު ކާނެ އެއްޗެއް ނެތިގެން ބަނޑުހައިވެގެން މަރުވުމަށް އެދި ދުއާކުރި. އެއީ ހިތްދަތި ހަނދާންތަކެއް،” މައިސޫން ކިޔައިދިނެވެ.
ދީރް އަލްބަލާގައި 15 މީހުންގެ އާއިލާއަކާއެކު ފޭލިގެއެއްގައި ދިރިއުޅޭ ހަނާން އަލްއައްތާރު (55 އަހަރު) އަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެހީގެ ކާބޯތަކެތި ލިބުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ލޮލުން ކަރުނަ ފޭދުނީ މިދިޔަ އަހަރުގެ ހަމަލާތަކުގައި ޝަހީދުވި އޭނާގެ ދެ ފިރިހެން ދަރިންގެ ހަނދާންތައް އާވުމުންނެވެ. “މިއީ އަބްދުﷲ އާއި މުޙައްމަދު ނެތި އަހަރެމެން ހޭދަކުރާ ފުރަތަމަ ރަމަޟާން މަސް. އެމީހުން ނެތްކަން މޭޒުމަތިން ވަރަށް ބޮޑަށް އިހުސާސްވޭ،” އޭނާ ބުންޏެވެ.
ޣައްޒާގެ މާރުކޭޓުތަކުގައި މިހާރު ކޮންމެވެސް ވަރަކަށް ތަކެތި ހުރި ނަމަވެސް، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމާއި އާމްދަނީ އެއްވެސް ވަރަކަށް ނެތުމުގެ ސަބަބުން، ގިނަ ރައްޔިތުންނަށް މަޖުބޫރުވެފައިވަނީ އިންސާނީ އެހީއަށް ބަރޯސާވާށެވެ. އަދި ކައްކާ ގޭސް ލިބުމުގެ ދަތިކަމާއެކު، ގިނަ އާއިލާތަކުން އަދިވެސް ކައްކަނީ ބޭރުގައި ދަރު އަންދައިގެންނެވެ.
ޣައްޒާގެ ރައްޔިތުންގެ މިއަހަރުގެ އެންމެ ބޮޑު ދުއާއަކީ ހަނގުރާމަ މުޅިން ހުއްޓި، އަސްކަރިއްޔާ އެމީހުންގެ ބިމުން ފައިބައި، އަލުން އަނބުރާ އަމިއްލަ ގެދޮރަށް ދެވޭނެ މަގު ތަނަވަސްވުމެވެ. “އަހަރެމެން އެދެނީ ހަމައެކަނި ސުލްހައާއި އަމާންކަމަށް،” ހަނާން ބުންޏެވެ.

