ރިޕޯޓް

ދިވެހި ބަހުގެ އުދަރެހުން އުދަވި ޢިލްމީ ބިޔަ ޚިދުމަތެއް: ޑރ. ޙަސަން ޙަމީދުގެ ބަސްފޮތް

ދިވެހި ބަހާއި ޢިލްމީ ދާއިރާގައި މިއަދު އިވެމުންދަނީ ނުހަނު އުފާވެރި އަދި އެހާމެ ތާރީޚީ ޚަބަރެކެވެ. އެއީ ރާއްޖޭގެ ޢިލްމީ ދާއިރާގެ އެންމެ އުޖާލާ އެއް ތަރި، ޑރ. ޙަސަން ޙަމީދު، ދިވެހި އުންމަތަށްޓަކައި ކުރެއްވި ބިޔަ އަދި ތާރީޚީ ޚިދުމަތެއް ނިމުމަކަށް އައިސް، އެ މަސައްކަތުގެ ފޮނި މީރުކަން ލިބެން ތައްޔާރުވެފައިވާ ވާހަކައެވެ. އެމަނިކުފާނު މިވަނީ ދިވެހި ބަހުގެ ތާރީޚުގައި ވެސް އެއް ފޮތެއްގެ ގޮތުގައި ނެރޭ އެންމެ ބޮޑު، އެންމެ މުއްސަނދި އިނގިރޭސި-ދިވެހި ބަސްފޮތް ތައްޔާރުކުރައްވައި ނިންމަވާފައެވެ.

ޑރ. ޙަސަން ޙަމީދަކީ އެމަނިކުފާނު ކުރައްވާ ކޮންމެ ކަމެއްގައި ވެސް ފުރިހަމަކަމުގެ ލާމަސީލު ނަމޫނާއެއް ދައްކަވާ ބޭފުޅެކެވެ. ކިޔަވައިދެއްވުމާއި، ދިރާސާކުރެއްވުމާއި، ތަރުޖަމާކުރެއްވުމުގެ އިތުރުން ފޮންޓް ފަރުމާކުރެއްވުން ފަދަ ކަންކަމުގައި ވެސް އެމަނިކުފާނަކީ ކަވި، ފުން އަދި އެންމެ މަތީ ފެންވަރުގެ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަން މި ބިޔަ ބަސްފޮތުން ހާމަވެގެންދެއެވެ. މިއީ ބަސް ކުރިއަރުވާ މުއައްސަސާތަކަށް ވެސް ނުކުރެވި އޮތް ބޮޑު މަސައްކަތެއް، އަމިއްލަ ފަރުދަކު އިސްނަންގަވައިގެން ކުރެއްވި ގައުމީ ޚިދުމަތެކެވެ.

މި ބަސްފޮތުގެ ބިޔަކަމާއި މުއްސަނދިކަމަށް ބަލާއިރު، 120,000 އަށްވުރެ ގިނަ އިނގިރޭސި ލަފުޒުގެ މާނަ 1,992 ސަފުހާގެ މައްޗަށް އެކުލެވިގެންވެއެވެ. މިއީ ހަމައެކަނި ލަފުޒުތަކެއްގެ މާނަ ހިމެނޭ ފޮތެއް ނޫނެވެ. އޭގެ ބަދަލުގައި، އިނގިރޭސި ލަފުޒުތައް ތާނައިން ކިޔާނެ ގޮތާއި، އެ ލަފުޒުތަކުގެ އެކި މާނަތަކާއި، ބޭނުންކުރާނެ ގޮތުގެ މިސާލުތަކުގެ އިތުރުން މަޖާޒީ މާނަތައް ވެސް މި ފޮތުގައި ވަނީ ވަރަށް ތަފްސީލުކޮށް ހިމަނާފައެވެ.

ގުޅުންހުރި ލިޔުންތައް

މި މަސައްކަތަކީ މީގެ ވިހި އަހަރު ކުރިން، 2005 ވަނަ އަހަރު “ދަރުމަ” މަޖައްލާއިން ފެށިގެން އައި ކެތްތެރި މަސައްކަތެކެވެ. ފާއިތުވި އަށް އަހަރަކީ އެމަނިކުފާނު ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑުގެ ބޮޑު ބައެއް މި މަސައްކަތުގައި ހޭދަކުރެއްވި، ނުހަނު ބުރަ ދުވަސްތަކެކެވެ. ޕީއެޗްޑީ ދަރިވަރުންގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. ޙަސަންގެ ނަޒަރުގައި، މި ފޮތަކީ ދެތިން ޕީއެޗްޑީއަށް ވުރެ ވެސް ބުރަ، ޢިލްމީ ގޮތުން ބަރުދަން ހުރި މަސައްކަތެކެވެ.

ފޮތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ބަސްފޮތްތައް ކަމަށްވާ އޮކްސްފޯޑް، ކޭމްބްރިޖް، ކޮލިންސް، އަދި ވެބްސްޓާ ފަދަ މަސްދަރުތަކަށް ރިއާޔަތްކޮށްފައިވެއެވެ. އަދި ފޮތް ލިޔުއްވުމުގެ އިތުރުން، އޭގެ ލޭއައުޓް ހެއްދެވުމާއި، ޓައިޕްކުރުމާއި، އަދި ކިޔަން ފަސޭހަވާނޭހެން ޚާއްޞަ ފޮންޓެއް ފަރުމާކުރެއްވީ ވެސް ސީދާ އެމަނިކުފާނު އަމިއްލަފުޅަށެވެ. މިއީ އެއްވެސް އެހީތެރިކަމެއް ނެތި ކުރެއްވި އާދަޔާޚިލާފު ހީވާގި މަސައްކަތެކެވެ.

މި ފޮތުގެ ޖިސްމާނީ ބިޔަކަމުގެ ސަބަބުން، ޗައިނާގައި މިއީ ޗާޕުކުރިއިރު މެޝިނުން ފަހަން އުނދަގޫވެގެން، ފޮތުގެ ބައިތައް އެއްކޮށް ފެހީ އަތުންނެވެ. އަދި ފޮތުގެ ގަނޑުތައް ގިނަކަމުން، ހަލާކުނުވެ ހުންނާނޭހެން ބޯ ބަނޑޭރިގަނޑު ލައިގެން ތައްޔާރުކުރި މި ފޮތަކީ ކީރިތި ޤުރްއާންގެ ތަފްސީރު ފޮތްތަކަށް ވުރެ ވެސް ލިޔުންގަނޑު ގިނަ ފޮތެކެވެ.

ޑރ. ޙަސަން ޙަމީދުގެ މި މަތިވެރި ޚިދުމަތަށް ދިވެހި ދައުލަތުގެ އިސް ބޭފުޅުންނާއި ޢިލްމުވެރިން ވެސް ގެންދަވަނީ ތައުރީފު ކުރައްވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވެސް ވަނީ މި ބުރަ މަސައްކަތަށް މަރުޙަބާ ދަންނަވައި، މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކުރިއަށް އޮތް ތަނުގައި މި ބަސްފޮތް އޮންލައިންކޮށް ލިބޭނެ މަގު ފަހިކުރުމުގެ ވިސްނުން ގެންގުޅުއްވާ ޑރ. ޙަސަން މިހާރު ވެސް ގެންދަވަނީ ފޮތުގެ ދެވަނަ އިސްދާރަކަށް ބޭނުންވާ ދިރާސާތައް ކުރައްވަމުންނެވެ. މިއީ ދިވެހި ބަސް ދެކެ އެމަނިކުފާނުވާ އިޚްލާޞްތެރި ލޯތްބާއި، އަންނާން އޮތް ޖީލުތަކަށްޓަކައި ދޫކުރެއްވި އަގުނުކުރެވޭނެ ޢިލްމީ ތަރިކައެކެވެ. ސުވާލެއް ނެތް ގޮތުގައި، ޑރ. ޙަސަން ޙަމީދަކީ މިއަދުގެ ދިވެހި އަދަބިއްޔާތުގެ ހަގީގީ ބަޠަލެކެވެ.

އެއް ކޮމެންޓް

  1. ތިޔަ ބިޔަ ބުރަ މަސައްކަތްޕުޅުގެ ޒަރީޢާ އިން ނަމަވެސް މި ހީނަރުވެ ނެތެމުންދާ ބަސްތަކަށް އާރޯކަމެއް މިންވަރު ކުރައްވާށި. ޑރ. ޙަސަން އަށް ޝުކުރާއި ވެދުން ބަރުތީލަ ކުރަން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close