ޚަބަރު

ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ބިންގާ: ރައީސް މުޢިއްޒު

ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ މައިގަނޑު ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި މެސެޖެއްގައި، އެމަނިކުފާނު ވިދާޅުވީ، ޒުވާނުންގެ ބައިވެރިވުން ހިމެނޭ، މުޖުތަމަޢާ ގުޅޭ، އަދި ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ ފަދަ ތަޢުލީމީ ނިޒާމެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސަރުކާރުން ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އަސާސަކަށް ތަޢުލީމު ކަނޑައަޅާފައިވާއިރު، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މިދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ހިލޭ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށާއި، މަތީ ތަޢުލީމަށްޓަކައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ދަރިވަރުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަކީ ފުދުންތެރި އަދި ހަރުދަނާ ޤައުމެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. އަދި ކޮންމެ ދަރިވަރަކީވެސް ޤައުމީ ތަރައްޤީގައި ފުރިހަމައަށް ޙިއްޞާވާނެ މީހަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close