ޚަބަރު

ޗާގޯސްގެ މައްޗަށް ރާއްޖޭގެ ހައްގު މޮރިޝަސްއަށްވުރެ ބޮޑު: ރައީސް މުއިއްޒު

ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީ އާއި ތާރީހީ އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް އޮތް ހައްގު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިނގިރޭސި ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެ ޖަޒީރާތަކާ ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ހެކިތަކެއް ކަމަށާއި، އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް އެ ތަނުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު ރާއްޖެއަށް އޮތް ކަމަށެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން މިހާރު ވަނީ އިނގިރޭސި ސަރުކާރާ އެކު ރަސްމީކޮށް މުއާމަލާތްކޮށް، ރައީސްގެ ފަރާތްޕުޅުން އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ވެސް ފޮނުއްވާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވީ ނަމަވެސް، މިއީ ހަމައެކަނި ސިޔާސީ މަސްލަހަތެއް ނޫން ކަމަށާއި މިއީ އިންސާފާއި ތާރީހީ ހަގީގަތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ދަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ދިރާސާތައް ކުރަމުންނެވެ. ޗާގޯސްގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ނިންމުމަށް ބައިނަލްއަގުވާމީ މައިދާނުގައި ފާޑުކިޔުންތައް އަމާޒުވަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ގާނޫނީ އަދި ތާރީހީ ހައްގުތައް ކަށަވަރުކުރުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close