“އޭޒްލޭއިކް އެސިޑް” އަކީ މޫނު ރީތިކޮށްދޭ އެއްޗެއްގެ ގޮތުގައި އިޝްތިހާރު ކުރާތީ ސަމާލުވާން އެދިއްޖެ

ހަމުގެ އެކި މައްސަލަތަކަށް ބޭނުންކުރާ “އޭޒްލޭއިކް އެސިޑް” (Azelaic acid) އަކީ މޫނުގެ ހަންގަނޑު އަލިކޮށް ރީތިކޮށްދޭ އެއްޗެއްގެ ގޮތުގައި ބައެއް އޮންލައިން ޕޭޖްތަކުން އިޝްތިހާރު ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެ އޮތޯރިޓީން ބުނީ ބައެއް ބޭސްތައް އުފައްދާފައިވާ އަސްލު މަގުސަދާ ހިލާފަށް، އޮޅުވާލައިގެން އިޝްތިހާރު ކުރަމުންދާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނި ގޮތުގައި، އޭޒްލޭއިކް އެސިޑްގެ އިތުރުން ލޭގައި ހުންނަ ހަކުރު ދަށްކުރުމަށް ބޭނުންކުރާ “ސެމަގްލޫޓައިޑް” (Semaglutide) އަކީ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ އިޝްތިހާރު ކުރަމުންނެވެ. މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، އެ ކަމަކަށް ޚާއްސަ ޑޮކްޓަރަކު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭސްތަކެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
“ފާމަސީތަކުން ވެސް މި ފަދަ ބޭސް ދޫކުރެވޭނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސް ސިޓީއަށެވެ. ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާ ނުލާ މިފަދަ ބޭސް ބޭނުންކުރުމުން، ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫން،” އެމްއެފްޑީއޭގެ އިއުލާނުގައިވެއެވެ.
އެ އޮތޯރިޓީން އިތުރަށް ފާހަގަކުރި ގޮތުގައި، ބައެއް އޮންލައިން ޕޭޖްތަކުން އެމްއެފްޑީއޭގެ އެއްވެސް ހުއްދައެއް ނެތި ބޭސް ވިއްކައި އިޝްތިހާރު ކުރަމުންދާ ކަމަށާއި، އެއީ މަނާ ކަމެކެވެ. އެހެންކަމުން ހުއްދަ ނުނަގާ ބޭސް އެތެރެކޮށް، ވިއްކައި އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެމްއެފްޑީއޭއިން ވަނީ ދީފައެވެ.
ބޭސް ގަންނައިރު އާންމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ވެސް އެމްއެފްޑީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އޭގެ ތެރޭގައި:
- ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން.
- ފާމަސިސްޓެއްކަން އަންގައިދޭ ކާޑު އަޅާފައި ހުރިތޯ ޔަގީންކުރުން.
- ބޭހުގެ މުއްދަތު ހަމަވާ ތާރީޚާއި ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ލިޔެފައިވޭތޯ ބެލުން.
- ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރިކޮށްތޯ ކަށަވަރުކުރުން.
މީގެ އިތުރުން، ބޭސް ވިއްކާ ތަނަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރު ކުރުމަށް ވެސް އެމްއެފްޑީއޭއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
