ވިޔަފާރި

އެއްބަސްވުމުގެ ދަށުން ތެލުގެ އަގަށް ބޮޑުބަދަލެއް ނައިސް ހިފެހެއްޓިއްޖެ

އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން ތެލުގެ ބާޒާރަށް އައި ބަދަލުތަކާއި، ހޯރްމުޒް ކަނޑުއޮޅިން މުދާ އުފުލުމުގައި ހުރި ނުތަނަވަސްކަމާ ގުޅިގެން ތެލުގެ އަގަށް މާބޮޑު ބަދަލެއް ނައިސް ހިފެހެއްޓިއްޖެ އެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަތުވެދާނެ ބަދަލުތަކަށް އިންވެސްޓަރުން ބަލަމުންދާތީ، ބުދަ ދުވަހު ތެލުގެ އަގު ކުޑަކޮށް ދަށަށް ގޮސްފިއެވެ. ނަމަވެސް ހޯރްމުޒް ކަނޑުއޮޅިން މުދާ އުފުލުމުގެ މަސައްކަތް ފުރިހަމައަށް ފެށޭނެ ދުވަހެއް ނޭނގޭތީ، އަގު މާބޮޑަށް ދަށަށް ދިއުން ވަނީ ހުއްޓުވިފައެވެ.

ތެލުގެ އަގުތައް ވަނީ ގާތްގަނޑަކަށް %0.2 ދަށަށް ގޮސްފައެވެ. އެގޮތުން ބްރެންޓް ކުރޫޑް ފިއުޗާސްގެ އަގު 15 ސެންޓު ދަށަށް ގޮސް ފީފާއެއް 78.81 ޑޮލަރަށް ތިރިވިއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (WTI) ގެ އަގު 12 ސެންޓު ދަށަށް ގޮސް ފީފާއެއް ހުރީ 75.93 ޑޮލަރުގައެވެ.

އަންގާރަ ދުވަހު މި ދެ ބާވަތުގެ ތެލުގެ އަގުވެސް ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް %5 ދަށަށް ގޮސް، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެންމެ ދަށްވި މިންވަރަށް ވެއްޓިފައެވެ. މިއީ އެމެރިކާއާއި އީރާނުގެ އެއްބަސްވުމުގެ ސަބަބުން ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އަލުން ތެޔޮ އެކްސްޕޯޓް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވުމާ ގުޅިގެން އައި ބަދަލެކެވެ.

ފިލިޕް ނޯވާގެ ސީނިއާ މާކެޓް އެނަލިސްޓް ޕްރިޔަންކާ ސަޗްދޭވާ ވިދާޅުވި ގޮތުގައި، ބާޒާރުން މިހާރު ދަނީ ބިއޯޕޮލިޓިކަލް ނުތަނަވަސްކަމާ ގުޅިގެން ތެލުގެ އަގަށް އިތުރުވެފައިވާ ބައި އުނިކުރަމުންނެވެ. ނަމަވެސް ހާލަތު އާންމު ހާލަތަކަށް ރުޖޫއަވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، ސިޔާސީ އެއްބަސްވުންތަކެއް ހުރި ނަމަވެސް، ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލާ އުޅަނދުތަކުގެ ދަތުރުފަތުރު އަދިވެސް ފުރިހަމައަށް އިއާދަނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލާއިރު، އީރާނުން ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލުމުގެ ފުރުސަތު ދޭނެއެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން މި ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

ނީސާން ސެކިއުރިޓީޒް އިންވެސްޓްމަންޓްގެ ޗީފް ސްޓްރެޓެޖިސްޓް ހިރޯޔޫކީ ކިކުކާވާ ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމާއެކު ކަނޑުއޮޅި ހުޅުވާލާނެ ކަމުގެ އުއްމީދުގައި ތެލުގެ އަގުތައް ދަށަށް ދިޔަ ނަމަވެސް، ވިޔަފާރިވެރިން ތިބީ އިތުރު ތަފްސީލުތައް ލިބެންދެން މަޑުޖެހިލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި WTI ގެ އަގު 80 ޑޮލަރަށް ވުރެ 10 ޑޮލަރު މަތީގައި ނުވަތަ ދަށުގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

މި މަގު ބަންދުވުމުގެ ކުރިން، ދުނިޔޭގައި އުފައްދާ ސާފުނުކުރާ ތެލާއި އެލް.އެން.ޖީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.

ވަގުތީ ސުލްހައިގެ އެއްބަސްވުމުގެ ތަފްސީލުތައް އަންގާރަ ދުވަހު ހާމަވާން ފަށާފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ބަންދުވާނެ ކަމަށެވެ. އަދި އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމާއެކު އީރާނަށް ތެޔޮ ވިއްކުމުގެ ހުއްދަ ލިބޭނެއެވެ.

އަދި އާންމުކޮށްފައިނުވާ މި އެއްބަސްވުމުގެ ދަށުން، އޭޕްރީލް މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރު 60 ދުވަހަށް ދިގުދައްކާފައިވަނީ ދާއިމީ ސުލްހައަކަށް މަގުފަހިކުރުމަށެވެ. ނަމަވެސް، ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ތެޔޮ އުފެއްދުމާއި ސާފުކުރުމުގެ މަސައްކަތްތައް ގެންދިއުމަށް ހަފުތާތަކެއް، މަސްތަކެއް ނުވަތަ އަހަރުތަކެއް ނަގާފާނެ ކަމަށް ސިނާއީ މާހިރުން ބުނެއެވެ.

އިޒްރޭލުން ވަނީ އޭޕްރީލް މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި މިފަހަރުގެ އެމެރިކާ-އީރާނު އެއްބަސްވުމާވެސް ދެކޮޅުހަދާފައެވެ. މީގެ ސަބަބުން މި އެއްބަސްވުން ދެމިއޮންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު އިޒްރޭލުން ދިން ޑްރޯން ހަމަލާތަކެއްގައި ލުބުނާނުގެ ދެކުނުން ތިން އުޅަނދަކަށް އަމާޒުވެ، މަދުވެގެން ހަތަރު މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީގެއިތުރުން، ޗައިނާގެ ތެޔޮ ސާފުކުރާ މިންވަރު މޭ މަހު ވަނީ %9.1 ދަށަށް ގޮސް، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެންމެ ދަށްވި މިންވަރަށް ތިރިވެފައެވެ. މިއީ އީރާނު ހަނގުރާމައިގެ ސަބަބުން ރައްކާކޮށްފައި ހުރި ތެޔޮ ބޭނުންކުރަން ފަށާފައިވާ ކަމުގެ ނިޝާނެކެވެ.

އެމެރިކަން ޕެޓްރޯލިއަމް އިންސްޓިޓިއުޓްގެ ރިޕޯޓްތައް ދައްކާ ގޮތުގައި، ޖޫން 12 އަށް ނިމުނު ހަފުތާގައި އެމެރިކާގެ ސާފުނުކުރާ ތެލުގެ ރަށްކާ ވަނީ 8.3 މިލިއަން ފީފާ މަދުވެފައެވެ. މިއީ ލަފާކުރި 4.6 މިލިއަން ފީފާއަށް ވުރެ އިތުރު އަދަދެކެވެ. މިކަމުގެ ރަސްމީ ތަފާސްހިސާބުތައް އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ހާމަކުރާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close