ޚަބަރު

ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ބާކީވިޔަ ނުދީ އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުން: ރައީސް

އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރެވޭނީ ހުރިހާ ފަރުދުންނަށް ހަމަހަމަކަމާއެކު މަޢުލޫމާތާއި ފުރުޞަތުތައް ލިބިގެންކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާނީ އޯގާތެރިކަމާއެކު އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބްރެއިލްއަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އުނގެނުމުގެ ދޮރުތައް ހުޅުވައިދީ، އަބުރުވެރިކަމާއެކު މިނިވަންކަމުގައި ދިރިއުޅުމުގެ ބާރު ފޯރުކޮށްދޭ މުހިންމު ވަސީލަތެއްކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގައި މިހާރުވެސް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބްރެއިލް ބޭނުންކޮށްގެން ސިއްރު ވޯޓުލުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާކަމާއި، އާންމު ޚިދުމަތްތަކުގައި ބްރެއިލް ބޭނުންކުރުން އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކޮންމެ ނިންމުމެއްގައިވެސް އެންމެންގެ ބައިވެރިވުން ހިމެނޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.

ކޮންމެ އަހަރެއްގެ ޖެނުއަރީ 4 ވަނަ ދުވަސް ބްރެއިލް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ބްރެއިލްގެ ބާނީ ލުއީސް ބްރެއިލްގެ ހަނދާނުގައި، މި ވަސީލަތުގެ މުހިންމުކަމަށް އާންމުން ހޭލުންތެރިކުރުވުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close